ޖަމާލް: ބަންގްލަދޭޝް އިން އައި ލޭބަރު ރާއްޖޭގެ ސެލެބްރިޓީއަކަށް
ޖަމާލް: ބަންގްލަދޭޝް އިން އައި ލޭބަރު ރާއްޖޭގެ ސެލެބްރިޓީއަކަށް

ޓިކްޓޮކުގައި އުޅޭ މީހުންނަށް ހދ. ކުޅުދުއްފުށީ ކާނިވާ ކެފޭގައި މަސައްކަތްކުރާ ޖަމާލު ބާއީގެ އިތުރު ތައާރަފެއް ބޭނުމެއް ނުވާނެ އެވެ. ދިވެހި ބަހުން ޖަމާލު ހަދާ ވީޑިއޯތައް މަޖަލެވެ. އޭނާގެ ވީޑިއޯތަކަށް ލައްކައަކާ ގާތް ކުރާ އަދަދަކަށް ވިއުސް ލިބޭ ކަމީ މީގެ ހެއްކެކެވެ.

ޖަމާލް: ބަންގްލަދޭޝް އިން އައި ލޭބަރު ރާއްޖޭގެ ސެލެބްރިޓީއަކަށް
ޖަމާލް: ބަންގްލަދޭޝް އިން އައި ލޭބަރު ރާއްޖޭގެ ސެލެބްރިޓީއަކަށް

ބަންގްލަދޭޝްގެ ބަރިޝަލަށް އުފަން، އުމުރުން 31 އަހަރުގެ ޖަމާލުގެ ބަހުން ނަމަ، އޭނާއަކީ ލަދުރަކި މީހެކެވެ. އެގޮތަށް ވީޑިއޯ ކުޅެން ފުރަތަމަ އޭނާ ފަސް ވެސް ޖެހުނެވެ. އެކަމަކު ރައްޓެހިން ބުނެގެން ޓިކްޓޮކް ކުޅެން ފެށިޔަސް، މިހާރު އެއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް ދިރިއުޅުމުގެ އެއްބަޔެވެ. ސަޕޯޓަރުން އޭނާގެ ވީޑިއޯތަކަށް އިންތިޒާރުކުރާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޖަމާލް: ބަންގްލަދޭޝް އިން އައި ލޭބަރު ރާއްޖޭގެ ސެލެބްރިޓީއަކަށް
ޖަމާލް: ބަންގްލަދޭޝް އިން އައި ލޭބަރު ރާއްޖޭގެ ސެލެބްރިޓީއަކަށް

ޖަމާލު، "މިހާރު" އަށް ބުނި ގޮތުގައި 2015 ވަނަ އަހަރުގެ ފަހުކޮޅު އޭނާ ރާއްޖެއަށް އައީ ބަންގްލަދޭޝްގައި މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ނުލިބޭނެތީ މުޅި އާއިލާ ދޫކޮށްލައިފަ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 22 އަހަރެވެ.

"ޖަމާލު ބާއީ ރާއްޖެ އެންމެ ފުރަތަމަ އައީ ކުރަމަތި ރިސޯޓުގައި ސިމެންތި މަސައްކަތްކުރަން. އެ މަސައްކަތް ނިމެނީ 2016، ދެން ބަދަލުވަނީ ކުޅުދުއްފުއްޓަށް ކާނިވާ ކެފޭގައި މަސައްކަތްކުރަން،" އޭނާ ދިވެހި ބަހުން ބުންޏެވެ.

ޖަމާލު ބުނި ގޮތުގައި އޭނާ ދިވެހި ދަސްކުރަން ފެށީ އެ ހިސާބުންނެވެ. ގިނަ އަދަދެއްގެ ދިވެހި ރައްޓެހިން ވެސް ތިބުމާ އެކު އެ މީހުން ބުނާ އެއްޗެހި އަޑު އަހައި، އެ ބުނަނީ ކީކޭތޯ ސުވާލު ކުރަން ފެށި އެވެ. އޭނާއަށް ނޭނގޭ އެއްޗެއް މީހަކު ބުނެފި ނަމަ، ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް އެ ބުނާ އެއްޗެއް މާނަ ހޯދައިގެން އޮޅުންފިލުވި އެވެ.

"ދިވެހި ފްރެންޑް މީހާ ވާހަކަ ދެއްކީމަ މަ އަހަނީ، މީ ކޯއްޗެއް. ކޮން ނަމެއް ކިޔަނީ. ދެން އެ މީހުން ކިޔައިދެނީ. އެގޮތަށް މަޑުމަޑުން ކޮންމެ ދުވަހަކު ދަސްވަނީ."

ކުޅުދުއްފުށީ މީހުންނަށް ތައުރީފުކުރަމުން ޖަމާލު ބުނީ އެއީ ވަރަށް ބަރާބަރު ރަށެއް ކަމަށެވެ. މީހުންނާ ގުޅޭ އޯގާތެރި ބަޔަކު އުޅޭ ރަށެއް ކަމަށް ޖަމާލު ބުންޏެވެ.

ޖަމާލު ޓިކްޓޮކް ކުޅެން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ދީނާ ގުޅޭ އެކި އެކި ޓިކްޓޮކްތައް އޭރު އޭނާ ހެދި އެވެ. މާ ކެރިގެން ޓިކްޓޮކުގައި އުޅެން އޭރު ނުކުރުނަސް ފަހުން މީހުންގެ ހިތްވަރުގެ ބަސްތަކުން އެކަމަށް ފަހެއް ނުޖެހެ އެވެ. މިހާރު ޓިކްޓޮކުގައި އޭނާގެ 16،000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަ ތިއްބެވެ.

"ޝޮޕެއްގައި އިންނަ ފްރެންޑު ބުނަނީ ޖަމާލުގެ ގިނަ ފްރެންޑް ހުންނަނީ. އެހެންވީމަ ޝޮޕްގައި މީތި ހަދާފައި ޕޯސްޓްކޮށްލަނީއޭ. ދެން އޭނާ ބުނީމަ ކުރަނީ. ޕޯސްޓް ކުރީމަ މީހުން ވަރަށް ބޮޑަށް ޝެއާކުރަނީ. އޭތި ވައިރަލްވަނީ،" ޖަމާލުގެ ޓިކްޓޮކްތައް ދިވެހިންގެ ތެރޭގައި ވައިގައި ހިފަން ފެށި ހިސާބުން އޭނާ ފެށި އެވެ.

"މީހުން ބުނަނީ ޖަމާލު ކޮންމެ ދުވަހަކު ވީޑިއޯ ޕޯސްޓްކޮށްލާ. ފުރަތަމަ ކުޑަ ލަދު ގަންނަނީ. މީހުން އަބަދު ކިޔަނީ އެހެން. ދެން ވީޑިއޯ ޕޯސްޓްކުރަން ފެށީ،" މާލެ އާއި ހުޅުމާލޭގައި ޖަމާލުގެ ވީޑިއޯތައް ބަލާ ގިނަ ބަޔަކު އުޅޭކަން ފާހަގަކޮށް ޖަމާލު ބުންޏެވެ.

އޭގެ ފަހުން އެކި ރިކުއެސްޓްތައް އޭނާއަށް ލިބެން ފެށި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅޭ ޓިކްޓިކާއި އެ ރަށު އެއާޕޯޓާ ގުޅޭ ގޮތުން ހެދި ޓިކްޓޮކް ވެސް ރަށު ތެރޭގައި ވަރަށް ހިނގި އެވެ. އެކި ތަންތަނުގެ ވީޑިއޯ ހަދަން ފަހުން މީހުން އެދެން ފެށުމުން މިހާރު އޭނާ ދަނީ ރަށުގެ ފިހާރަތަކުން ލިބެން ހުންނަ އެއްޗެހި އިޝްތިހާރުކޮށް ޕޯސްޓްކުރަމުންނެވެ.

އެކަމަކު ދެން ސުވާލަކީ މިތަންތަން އިޝްތިހާރުކޮށްގެން ޖަމާލަށް ކިހާ ވަރެއް ލިބޭ ހެއްޔެވެ؟ އެކަމަކު ޖަމާލު ބުނީ ފައިސާ ދޭން އޭނާ ނުބުނާ ކަމަށާއި މީހަކު ހެޔޮ ހިތުން ދީފި ކޮންމެ އެއްޗެއް ވެސް ބަލައިގަންނާނެ ކަމަށެވެ.

"މީހުން އަމިއްލައަށް ދިނީމަ ނަގަނީ. ކޮންމެސް މީހާ ފަޓުލޫނު ދެނީ. އަނެއް މީހާ ޖިންސް ދެނީ. ފައިވާން ދެނީ. އެކި މީހުން އެގޮތަށް ދެނީ. އެމީހުން އުފާވަނީމަ އެކި އެއްޗެހި ދެނީ. ޖަމާލު ނުބުނަނީ ލާރި ބަހާށޭ،"

ޖަމާލު ކާނިވާ ކެފޭގައި އުޅޭތީ ބައެއް މީހުން އޭނާ ދެކެން ވެސް ދެ އެވެ. މަގުމަތިން އޭނާ ފެނިއްޖެއްޔާ ވެސް ގޮވާލައި ސަލާމް ކުރަން ދެ އެވެ. ބައެއް މީހުން ފޮޓޯ ނަގައި ވީޑިއޯ ވެސް ކުރެ އެވެ. ރަށު ތެރެއިން ވެސް އޭނާއަށް އޮތީ ލޯތްބެވެ.

"މަގުމަތިން ފެނުނީމަ މީހުން ކިޔަނީ ބިގް ފޭން ބިގް ފޭން. މިހާރު ބުނަނީ ބޮޑު ސެލެބްރިޓީ. އެ ވައްތަރު ކިޔަނީ މީހުން. ދެން ޖަމާލުއަށް ނޭނގެނީ ސެލެބްރިޓީކަން އެހެން އެއްޗެއްކަން. މަ ބުނަނީ ކުރީގަ ވެސް ޖަމާލުކިޔަނީ. މިހާރު ވެސް ޖަމާލު ކިޔަނީ. ކޮބާ ތަފާތަކީ،" ހިނިގަނޑަކާ އެކު ޖަމާލު ސުވާލު ކުރި އެވެ.

"ގިނަ ފްރެންޑް ގުޅަނީ ބާތުޑޭ ވިޝްކުރަން ބޭނުންވަނީ. އެގޮތަށް ބައިވަރު މީހުން ގުޅަނީ.. އަބަދު ރިކުއެސްޓްކުރަނީ. ދެން އެހެންވެ ވިޝްކޮށްދެނީ. ނުކުރަނީމަ މީހުން ދެރަވަނީނު،" ޖަމާލު ބުންޏެވެ.

ޖަމާލުގެ މަޝްހޫރުކަން ބޮޑުވެ ރާއްޖޭގެ ބިޔަ ބައެއް ކުންފުނިތަކުން ވެސް ވަނީ އެ މީހުންގެ ވިޔަފާރީގެ އެކި ޢިޝްތިހާރުތަކުގައި ބޭނުންކޮށްފަ އެވެ.

ޖަމާލު މަޝްހޫރީ ރާއްޖޭގަ އެވެ. އޭނާގެ އުފަން ގައުމު، ބަންގްލަދޭޝް މީހުންނަށް، އޭނާއަކީ ކާކު، ކީއްކުރާ މީހެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު ދިވެހި ބަހުން ވީޑިއޯތައް ކުޅެފައި ހުންނާތީ އޭނާ ގާތުގައި ވެސް ކިޔާ އެއްޗެސް ސާފުކުރަން އަހަ އެވެ. އެކަމަކު ޖަމާލު ގަބޫލުކުރަނީ އޭނާގެ އޯޑިއަންސަކީ ދިވެހިން ކަމަށެވެ.

ކޮންމެ އަހަރަކު އެއް ފަހަރު ބަންގްލަދޭޝްގައި ހުރި އަނބިމީހާ އާއި އާއިލާގެ މީހުންގެ ގާތަށް ޖަމާލު ދެ އެވެ. އެކަަމަކު ދިވެހިން ދިން ލޯތްބާއި އިހުތިރާމުން އޭނާ ހިތް އޮތީ ރާއްޖެއަށެވެ. ދިވެހި ކެއުންތަކަށް ހޭނިއްޖެ އެވެ. ގަރުދިޔަ އާއި ބަތާއި ބަބުކެޔޮ ރިހަ މީރުވެގެން، ކުޅުދުއްފުށީ މީހުން ކައިރި އަހައިގެން އެ ހަދަން ވެސް ދަސްކޮށްފި އެވެ.

ދިވެހިންނަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި އިހުތިރާމު ބަންޑުން ކޮށްލަމުން އެދުނީ މިހާރު ވެސް ޓިކްޓޮކުގައި ދެމުންދާ ސަޕޯޓް ދިނުމަށެވެ. އެމީހުން އުފާކޮށްދިނުމުގައި ހުންނާނެ ކަމުގެ ޔަގީންކަން ދިނެވެ.

"ހުރިހާ އެންމެނަށް ޝުކުރިޔާ، މަރުހަބާ ދަންނަވާތި އިނގޭ،" އިންޓަވިއު ނިންމާލަމުން ޖަމާލު އެދުނެވެ.