17 މާޗް 2024 - 07:57

ކުރިމަތީގައި ހުރި ލޯގަނޑުން މޫނު ފެނުމާއެކު ފުރަތަމަ ވެސް އަހަންނަށް ނަޒަރު ހިންގާލެވުނީ ޚުދު އަހަރެންގެ ދެ ލޮލަށެވެ. ލޮލުގެ ބޮނޑިމަތި ދުޅަވެ ދެލޯވަނީ ވަރުބަލިވެ، ކަރުނައިން ފުރިފައެވެ. ހިކި، ކުރަކިވެފައިވާ ދެ ތުންފަތުގައި އަތް ޖައްސާލެވުމުން އަހަންނަށް އަނެއްކާ ވެސް ގިސްލެވެން ފެށުނެވެ. އެއާއެކު ދެކޮލުގައި ނަގާފައިވާ ބިހިތަކާއި ލަކުނުތައް ހައްތަހާ އިތުރުވަމުންދާކަން ފާހަގަ ކުރެވި އިތުރަށް އަހަރެން ދެރަވިއެވެ.
ކުއްލިއަކަށް ބާރުބާރަށް ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުނެވެ. އަވަސް އަވަހަށް އަތްގޮށި ފުރާ ފެން އެޅުމަށް ފަހު ދެއަތުން މޫނު ދޮވެލީމެވެ. އަދި މޫނުގައި ހުރި ފެންތަކާއެކު ފާހާނާއިން ނިކުތީ ފިރިމީހާއާ ވާހަކަ ދައްކަން ބޭނުން ވެގެންނެވެ. ނަމަވެސް އެންމެ ދެ މިނެޓް ތެރޭގައި ސޮބާހް އޮތީ އެނދު ހުރަހަށް ވެއްޓިގަނެ، ދެލޯ މަރައިގެންނެވެ. ހުރި ފިޔަވަޅުމަތީގައި ހުރެ އަހަންނަށް ފާރުގައި ލެނގިލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އައިސް އެނދު ކައިރީ ކުޑަކަކޫ ޖަހާ އިށީނދެލީމެވެ. އަދި މަޑުމަޑުން އޭނާގެ އިސްޓާކީނުގައި އަތް ޖައްސާލީމެވެ.
"ޕިސް. ދެން ނިޝާ. އަހަންނަށް އުނދަގޫ ނުކޮށްބަލަ." ފައި ކުރުކޮށްލަމުން ސޮބާހް ބުނެލީ ރުންކުރު ގޮތަކަށެވެ.
މިއީ އާއްމު ކަމަކަށް ވިޔަސް އަހަރެން ހަމަ ކޮންމެ ރެޔަކު ވެސް މިކަމާ މެދު ދެރަވެއެވެ. މިރޭ ވެސް އަހަރެން އިންތިހާއަށް ހިތުގައިޖެހުނެވެ. ލޯބިވާ ފިރިމީހާ އެފަދައިން ކަންތައް ކުރާތީ އަސަރު ކުރެއެވެ. އެހެންކަމުން އަހަރެންގެ ހިތަށް ލުޔެއް ލިބޭތޯ އޭނާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. ތެދުވެގެން ގޮސް އޭނާގެ ބޯލާކޮޅުގައި އިށީނދެލީމެވެ.
"ސޮބާ. ކީއްވެތަ އަހަންނާ މެދު ތިހެން ކަންތައް ކުރަނީ؟" ދެރަވެފައި ހުރި ވަރުން ފުރަތަމަ ޖުމްލައިން ވެސް އަހަންނަށް ރޮވިއްޖެއެވެ.
"އަނެއްކާ މިރޭ ވެސް ތަ؟ ނިޝާ ޕްލީޒް. އަހަރެން ވަރަށް ވަރުބަލި ވެފައޭ މިއޮތީ. ނިދިޔަ ދީބަލަ." ސޮބާހްގެ ރާގުގައި އެކުލެވިފައި ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
ބޯ ހިއްލާލުމަށް ފަހު އޭނާ އަނެއްކާ ވެސް ބާލީހުގެ ތެރެއަށް މޫނު ކޮއްޕާލިއެވެ. މިރޭ މަޑުން ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން ހިތުގައިވާ ހުރިހާ އުދާސްތަކެއް ބޭރު ކުރާނަމޭ ހިތާ، ވާހަކަ ދައްކަން ފެށުނީ ވެސް ތަންކޮޅެއް ބާރަށެވެ.
"އަހަރެން ވެސް ވަރުބައްޔޭ. އަހަރެން ވެސް ނިދަން ބޭނުމޭ. އެކަމަކު ކަމެއްވީމަ ދޯ ދަންވަރު ދޭއް ޖަހަންދެން ވެސް ނުނިދާ މި އިންނަނީ ސޮބާގެ އިންތިޒާރުގައި." ރުޅިވެރިކަމާ އެކު އަހަރެން ބުނީމެވެ.
އަހަރެންގެ އަޑަށް ސޮބާހު ފުންމައިގެން ތެދުވީ ބާލީސް ވެސް ހިފައިގެންނެވެ. އޭރު އޭނާގެ މޫނުމަތިން ފޫހިކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
"ހޫމް. ކަންތަކާ ޖެހުނިއްޔޭ. ދެން މިރޭ މި ނިދުނިއްޔޭ. ގޮވެލިފަތި ގޮވާލާ ރެޔަކު ދެން މީހަކަށް ނިދާކަށް ނުކެރޭނެ."
ފޫހިކަމާއެކު ކުދި ކިޔަމުން ސޮބާހް ގަސްތުކުރީ ބޭރަށް ދާށެވެ. ނަމަވެސް އޭގެކުރިން އަހަރެން ދުވެފައި ގޮސް ދޮރުފަތުގައި ލެނގިލީމެވެ.
"އެއްޗެކޭ ބުނާއިރަށް ތިހެން ނިކުމެގެން ނުދެވޭނެ. ސޮބާ އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާލަބަލަ. ސޮބާއަށް އެނގޭތަ ގޭގައި ސޮބާގެ އަނތްބަކާއި ދެ ދަރިން އުޅޭކަން؟" ރުޅި އައިސް ހުރި ނަމަވެސް އަހަރެން މަސައްކަތް ކުރީ ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ.
"ތިއީ މިގަޑީގައި ކޮންމެހެން އެނގެން ޖެހޭ އެއްޗެއްތަ؟ ދުރަށް ދޭ! ސޯފާއަށް ދާން ވެއްޖެ ނިދަން. ގެއަށް ނުވަނަސް ދައްކާނީ ނުވަންނަ ވާހަކަ. ގެއަށް ވަނީމަ ތިމާއަށް ކިޔޭ އެއްޗެއްސެއް ނޭނގޭނެ. ހާދަ ފޫއްސެއްވެޔޭ." ހިތްހަމަ ނުޖެހުމާއެކު ފޫހި ރާގަކަށް ސޮބާހު ބުނެލިއެވެ.
އަހަންނަށް ބެލުމެއް ނެތި ނިކުމެގެން ދިޔައެވެ. ރޮވުނު ނަމަވެސް އޭނާގެ ފަހަތުން އާދޭސް ކުރަން މިރޭ ދާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވިއެވެ. އިތުރަށް ޝަކުވާކުރަން ހިތެއް ވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން ގޮސް އެނދުގައި އޮށޯތީމެވެ.
ދުވަހަކަށްވުރެ ދުވަހެއް ދެ މީހުންގެ ގުޅުން ދަނީ ހީނަރު ވަމުންނެވެ. ވާހަކަ ދައްކާ ހަދަނީ އަހަރެމެންގެ ދެ ދަރިންގެ ކުރިމަތީގައި އެކަންޏެވެ. އެއީ ވެސް ހަމައެކަނި އެ ކުދިންނާ ބެހޭ ވާހަކައެއް ކަމުގައި ވާ ނަމައެވެ. އަނތްބެއްގެ ހުރިހާ ވާޖިބުތަކެއް އަހަރެން އަދާކޮށްދެމެވެ. ދޮވެ، އިސްތިރިކޮށް، ކައްކާ، ކާން ހަދަމެވެ.
ތައުރީފާއި ޝުކުރުގެ ބަހެއް ނުލިބޭނެކަން އެނގޭ ހިނދު ވެސް، ދަރިންގެ ބައްޕައަށް ވީތީ ދުރުވާކަށް އަހަރެން ހިޔާލެއް ނުކުރަމެވެ. ކޮންމެ މަހަކު އަހަންނަށް އޭނާ ދޭ ފަސްހާސް ރުފިޔާއިން ގޭތެރޭގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ވަރަށް ފިއްތައިގެންނެވެ. އިތުރަށް އެންމެ ލާރިއެއް ވެސް ނުލިބޭނޭ ބުނި ދުވަހުން ފެށިގެން އަހަރެން އޭނާ ގާތު ފައިސާ ދޭކަށް ނުބުނަމެވެ. ފަސް އަހަރުގެ މަލާކް ގުރުއާން ކުލާހުން ކަނޑާލުމަށް ފަހު އަހަންނަށް އެނގޭ މިންވަރަކުން ގޭގައި ކިޔަވައިދެނީ ވެސް އެންމެ ފައިސާ ފޮއްޗެއް ވެސް އިތުރު ވޭތޯއެވެ.
އެއް ދުވަހެއްގެ ހަވީރެވެ. މަލާކް އާއި އަހަރެންގެ ތިން އަހަރުގެ ދަރިފުޅު އައިކް ގޮވައިގެން ހިނގާލަން ދާން އަހަރެން ތައްޔާރުވީމެވެ.
"މަންމީ. ބައްޕި ބުނާނެ ދޯ މަލާއަކީ ޕަރީއެކޭ. މިހެދުމަކީ ޕަރީ ހެދުމެކެއްނު." ރޭނދާ އަޅާފައި ހުރި ހެދުމުގައި އަތް ޖައްސާލައިން ހުރެ މަލާކް ބުނެލީ ފޮނި ގޮތަކަށެވެ. އޭނާ އެހެން ބުނުމުން ޚުދު އަހަންނަށްވެސް ހެވިއްޖެއެވެ.
"ލައްބަ ދަރިފުޅާ. ބައްޕި ބުނާނެ ދަރިފުޅު މިއަދު ހާދަ ރީއްޗޭ." މަލާކްގެ ކޮލުގައި ވަސްގަންނަމުން އަހަރެން ބުނީމެވެ.
ވަގުތަކީ ބޭރުން އައިސް ސޮބާހް ވެސް ވަތް ވަގުތެވެ. ބައްޕަ ފެނުމުން އެ ދެ ކުދިންގެ މޫނުމައްޗަށް ވެރިވި އުފާވެރި ހިނިތުންވުން ފެނި، އަހަންނަށް ވެސް ހީލެވުނެވެ. އެއަށްފަހު ވަގު ލޮލަކުން ސޮބާހަށް ބަލައިލީމެވެ. އަހަރެން ހައިރާންވީ އެ ކުދިންނަށް އެއްވެސް އަޅާލުމެއް، ބަލައިލުމެއްނެތި އޭނާ ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަނުމުންނެވެ. މަލާކްއަށް ނަޒަރު ހިންގާލި އިރު އެ ތުއްތު މޫނުމަތީގައިވާ މާޔޫސްކަން ފެނި އަހަރެން ވަރަށް ދެރަވިއެވެ. ބައްޕައަށް ހެދުން ދައްކާލަން، ރޭނދާތަކުގައި އަތް ލައިގެން ހުރި ގޮތަށް އެ ދަރިފުޅު އޭރު ވެސް ހުރީ ކޮޓަރި ދޮރަށް ބަލަހައްޓައިގެންނެވެ.
"ދަރިފުޅުމެން މަޑުކުރައްޗޭ މަންމި އަންނާނަން." ދެ ކުދިންގެ ގައިގައި އަތް ޖައްސާލަމުން އަހަރެން ބުނީމެވެ. އެއަށްފަހު އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނީ ހިތަށް ކެތް ނުވެގެންނެވެ.
ފޯނާކުޅެން އެނދުމަތީގައި އޮތް ސޮބާހް އަހަރެން ވަނުމާއެކު ފޫހި ގޮތަކަށް އަހަންނަށް ބަލައިލިއެވެ. އެއާއެކު އަހަރެންވެސް މޫނު ކުނިކޮށްލީމެވެ.
"ބައްޕިއަށް އެހެދުން ދައްކާލާ ހިތުން މަލާ އެ ހުންނަނީ ސޮބާ ގެއަށް ނައިސްގެން. އެދެކުދިން އެހާ ރީތިވެގެން ތިބިއިރު ވެސް ގޮވައިވެސްނުލާ ތިއައީ. އެހާ ގިނައިރު ބޭރުގައި އުޅެފައި އަންނައިރު އެ ކުދިން ވެސް ބޭނުންވާނެދޯ ބައްޕިއާ އެކު ވަގުތު ހޭދަކުރަން." ޝަކުވާގެ ރާގުގައި އަހަރެން ބުނީމެވެ. އެއާއެކު ސޮބާހު ދެފަރާތަށް ބޯ ހޫރާލީ ބޮލަށް އުނދަގޫވާފަދަ ގޮތަކަށެވެ.
"މިހާރު ދަރިންނޭ ކިޔައިގެން ކޮންމެވެސް އަނގައެއް ތެޅުވޭތޯ ތި އުޅެނީ. އެއީ އަދި ކުޑަކުދިން. ނިޝާ ތި ވިސްނާހާ ނުބައި ގޮތަކަށް އެ ކުދިންނެއް ނުވިސްނާނެ." އަހަރެންގެ މޫނަށް ބަލައިލުމެއްނެތި ސޮބާހް ބުނެލީ ރުޅިވެރިކަމާ އެކުގައެވެ.
"އެ ކުދިން އުރާލާ، ސަމާސާކޮށްލާ ހަދާލި ދުވަހެއް ވެސް ނޭނގެ. ދަރިފުޅާއޭ ކިޔައި ގޮވާނުލެވޭތާ، އެ ކުދިން ގޭތެރޭގައި އުޅޭ ނޫޅޭ ގޮތް ވެސް ބަލައެއް ނުލާނެ. އެ ކުދިން ސޮބާދެކެ އެހާ ލޯބިވާއިރު ކީއްވެ ތިހެން ކަންތައް ތިކުރަނީ؟ އަހަންނާ މެދު ސޮބާގެ ހިތުގައި އެއްވެސް ކުލުނެއް، ލޯތްބެއް ނެތަސް ދަރިންނަށް ތިހެން ހަދާކަށް ނުވާނެ." ރުޅިވެރިކަމާއެކު ވާހަކަ ދައްކަން ފެށުނު ނަމަވެސް ފަހު ޖުމްލަ ބުނެވުނު އިރު އަހަންނަށް ރޮވިއްޖެއެވެ.
"އެއްޗެކޭ ބުނެ ނުލެވޭތާ ދުވަސްކޮޅެއްވީދޯ؟ އަހަރެން އުޅެންވީ ގޮތް ނިޝާ ކިޔައިދޭން ނަހަދަބަލަ. މަށަކީ ކުޑަކުއްޖެއް ނޫނޭ. އުޅޭނެ ގެއަކާއި ހަރަދު ކުރާނެ ފައިސާ ދިނީމަ ވެސް ޝަކުވާ ނުކޮށް މަޑުން ހުންނަން ނޭނގެނީތަ؟" ސޮބާހްގެ ޖުމްލަތަކުން އަހަރެން ދެރަވި ނަމަވެސް ހިތްހަރުކޮށްފައި އަހަރެން ނިކުތީމެވެ.
އޭރު އަހަރެންގެ ދެ ކުދިން ސޯފާގައި ތިބީ ފޫހިވެފައެވެ. އެހެންކަމުން މޫނުމަތީގައިވާ ނުތަނަވަސްކަން ސިއްރުކުރަން އަހަރެން ހިނިތުންވެލީމެވެ. އަދި ދެކުދިން ގޮވައިގެން ބޭރަށް ނިކުމެއްޖައީމެވެ.
ދެ ކުދިންގެ އަތުގައި ހިފައިގެން އަހަރެން ދިޔައީ ރަށުގެ ދޮންވެލި ތުނޑީ ސަރަހައްދަށެވެ. އެއީ މީހުން މަދު އަމާން ހިސާބެކެވެ. އެތަނަށް އަހަރެން ދާހިތްވަނީ ވެސް އެހެންވެއެވެ. ވިސްނާވިސްނާ ވަރުބަލިވެފައިވާ އަހަރެންގެ ސިކުނޑިއަށް ހަމަޖެހުމެއް ބޭނުންވެއެވެ. ހިތާމަކޮށްކޮށް ފިހި މާލައިފައި އޮތް ހިތަށް އަރާމެއް ބޭނުންވެއެވެ. އަދި ހިނިތުންވުން ގެއްލި ޝުއޫރުތައް އަބަދުވެސް ހުއްޓިފައިވާ އަހަރެންގެ މޫނުމައްޗަށް އުފާވެރިކަމެއް ބޭނުންވެއެވެ. ފަސްމުށަކަށް ފަހު ފަސްމުށެއް ނަގާ، ލަސްލަހުން ބިމަށް އަޅަމުން ދިޔައީ އެފަދަ ހިޔާލުތަކެއްގައި އިނދެއެވެ.
"ނިޝާ" ދާދި ގާތުން އިވުނު އުފާވެރި އަޑަށް، އަހަރެން މޫނު އުފުލާލީމެވެ. އެއާއެކު އަހަންނަށް ވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.
ކުރިމަތީގައި ހުރި ޔުމްނާ އަހަންނާ ދާދި ގާތުގައި އިށީންއިރު ވެސް އޭނާގެ ލޮލުގައި ވަނީ އާދަޔާހިލާފް ބެލުމެކެވެ.
"ޔުމް މިރަށުގައި އެބަ އުޅެންތަ؟" ހައިރާންކަމާ އެކު އަހަރެން ސުވާލު ކުރީމެވެ.
"މި ހަފްތާ ރަށަށް މިއައީ ސްކޫލުން ވަޒީފާ ލިބިގެން. ކައުންސެލިން ހަދައިގެން މިއައީ" އޭނާ އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ.
"ނިޝާ ހާދަ ތަފާތޭ މިހާރު. ލައިފް މާ ބިޒީވީތަ؟" ދެއަތުގައި ހޭކިފައިހުރި ވެލިތައް ފޮޅާލަމުން އޭނާ އަހާލިއެވެ.
އެ ސުވާލަށް ޖަވާބުދޭނެ ގޮތެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެންމެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއަކީ ޔުމްނާއެވެ. ނަމަވެސް ސޮބާހުއާ ކައިވެނި ކުރިފަހުން އެކުވެރިންތަކާ ދުރުވަމުން ގޮސް ޔުމްނާއާ ވެސް އަހަރެން އެހާ ގާތް ގުޅުމެއް ނުބާއްވަމެވެ. އެކަމުގެ ސަބަބުން ޔުމްނާ ވެސް އަހަންނާ މާ ހާއްސަ ގުޅުމެއް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންކަމުން އަހަރެންގެ ދިރިއުޅުމުގައި މިހާރު ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަކަށް ވެސް ނޭނގޭނެއެވެ.
"އެލާޖިކެއް ވެފައިތަ؟ މޫނުގަ ހާދަ ބައިވަރު ބިއްސެއް ނަގައިފަ ތިހުރީ ކީއްވެ؟ އެހެންވެ ކަންނޭނގެ އެހާ ތަފާތުހެން ހީވަނީ. އަހަންނަށް އެންމެ ފަހުން ނިޝާ ފެނުނު އިރު ހީވަނީ ހަމަ އޮމާން ހުދު ފޮތިކޮޅެއްހެން." ހިނިގަނޑެއް ޖަހާލަމުން ޔުމްނާ ބުންޏެވެ.
އަހަރެން ވެސް އޭނާއާ ބައިވެރިވީމެވެ. ނަމަވެސް އޭނާ އެ ފާހަގަކުރީ އަހަރެން އިންތިހާއަށް ކަންބޮޑުވެ، ދެރަވާ ކަމެއް ކަމުން، އިހްސާސްތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ދިރިއުޅުމުގެ ހާލަތާއެކު މަޖުބޫރުވެގެން އަހަރެން ޔުމްނާ ދުރުކޮށްލި ނަމަވެސް އޭނާއަކީ އަހަރެން އަބަދުވެސް ވަރަށް ލޯބިވާ އެކުވެރިއެކެވެ.
"ނިޝާ! ކިހިނެއްވީ ރޮވެނީތަ؟" ހައިރާންކަމާއެކު އޭނާ ސުވާލުކުރީ އަހަރެންގެ ގައިގައި އަތް ޖައްސާލަމުންނެވެ.
ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް އަހަރެން ބެލީ ގަދަކަމުން ހިނިތުންވެވޭތޯއެވެ. އެހެންކަމުން އަވަސް އަވަހަށް ބުރުގަލުން ދެ ލޯ ފުހެލީމެވެ.
"ޔުމްއާ ދިމާވީމަ މާ ބޮޑަށް އުފާވީ." އަހަރެން ދޮގު ހެދީމެވެ.
"ނުވާނެ އެހެންނެއް. ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ނިޝާގެ ގޮތް އަހަންނަށް އެނގެޔޭ. މީހެއްގެ ހަޔާތަށް އަންނަ ބަދަލުތަކަކުން ބަދަލުވާނީ މީހާގެ އުޅުން. މިޒާޖެއް ނޫން. މިޒާޖަކީ ވަރަށް އުނދަގުލުން ބަދަލުވާނެ އެއްޗެއް. ނިޝާއަކީ އެހާ ފަސޭހައިން އުފަލުން ރޮވޭ މީހެއް ނޫން. އެކަމަކު ކަމަކާ ދެރަވެފައި ހުއްޓާ މީހަކު އަނގައިން ބުނެލިޔަސް ނިޝާއަށް ރޮވޭނެ. އަހަރެން ހަނދާނެއް ނުނެތެޔޭ." ދެ ލޯ ބޮޑުކޮށްގެން އަހަންނަށް ބަލަން އިނދެ ޔުމްނާ ވާހަކަ ދެއްކިއެވެ.
އޭނާގެ ވާހަކަތަކުން އަހަރެން އިތުރަށް ހިތުގައި ޖެހުނެވެ. އަހަންނާ މެދު ވިސްނާ އެކަކު ނަމަވެސް ދުނިޔޭގައި ހުރިކަން އެނގުމުން އޭނާގެ ހިމާޔަތް އިންތިހާއަށް ބޭނުންވިއެވެ. ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތުމާއެކު އަހަންނަށް ޔުމްނާގެ ކޮނޑުގައި ބޯ ޖައްސާލެވުނީ ގިސްލަމުންނެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ހިތް ފުރެންދެން ރޯން އަހަންނަށް ވަގުތު ދީގެން އިނީއެވެ.
"މިހާރު ހިތަށް ހަމަޖެހުމެއް ލިބިއްޖެތަ؟" ޔުމްނާގެ ކޮނޑުން ބޯ ނެގުމާއެކު އޭނާ އަހާލީ ލޯތްބާ އެކުގައެވެ.
އެވަރަށް ރޮވުނީމަ، އޭނާއާ ދިމާލަށް ދެވަނަ ފަހަރަށް ބަލައިލަން އަހަރެން ލަދުގަތެވެ. ބޯޖަހާލުމަށް ފަހު އަހަންނަށް ބަލައިލެވުނީ ދުރުގައި ދުވެދުވެ ތިބި އަހަރެންގެ ލޯބިވާ ދެ ދަރިންނަށެވެ.
"ހަގު ދަރިފުޅު މި ފެނުނީ އަދި ކިރިޔާ،" ހިނިތުންވެލަމުން ޔުމްނާ ބުންޏެވެ.
ރައްދުގައި އަހަރެން ވެސް ހީލީމެވެ. އޭރު ވެސް އަހަރެން އިނީ އެކުދިންނަށް ބަލާށެވެ. އިރުއިރުކޮޅުން ޔުމްނާ އަހަންނަށް ބަލާކަން އަހަންނަށް އެނގެއެވެ. އޭނާގެ ހިތުގައި ބައިވަރު ސުވާލުތައް އުފެދެމުންދާނެކަން ވެސް އެނގެއެވެ. ހިތް ނުތަނަވަސްވަމުން ދާ ވަރަކަށް އަހަންނަށް އަވަސް އަވަހަށް ހިންދިރުވާލެވެއެވެ.
"އަހަރެން މިއައީ ކައުންސެލިން ކޯސް ފުރިހަމަކޮށްގެން. ކޯހުން އެންމެ މަތިން ފާސްވީ ވެސް އަހަރެން. ވަރަށް ގިނަ މީހުންނަށް ކައުންސެލިން ދެވިއްޖެ. ވަރަށް ކާމިޔާބު ވެސް މެ. އަހަރެން ބޭނުން ނިޝާއަށް އެހީތެރިވާން." އަވަސް އަވަހަށް ޔުމްނާ ބުންޏެވެ.
"ކޮންކަމަކަށް އަހަންނަށް އެހީތެރިވާން؟" އާދައިގެ ރާގަކަށް އަހަރެން އެހީމެވެ.
"ނިޝާ އަދިވެސް އަހަންނަށް ސިއްރު ކުރަނީތަ؟ އާނ އަހަރެން މިހުރީ ނިޝާ އަހަރެން ބެހެއްޓި ހިސާބުގައި. އަހަރެން ދުރުކޮށްލީމަ އުނދަގޫ ނުކުރަންވެގެން. އެކަމަކު އެހާ ގިނަ ދުވަސްވެފައި ފެނުނީމަ ވާހަކަ ދައްކާލާ ހިތުން މިއައީ. އެއްވެސް ކަހަލަ ހިތްދަތިކަމެއްގައި ނިޝާ އުޅޭކަށް އަހަރެން ބޭނުމެއް ނޫން." އޯގާތެރިކަމާއެކު ޔުމްނާ ބުންޏެވެ.
އޭނާގެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. ނަމަވެސް ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެއްޗެއް ނުބުނެ އަހަރެން މަޑުމަޑުން އިނީމެވެ. އަހަރެންގެ ފަރާތުން ބަހެއް ނުލިބުމުން ޔުމްނާ ތެދުވެއްޖެއެވެ. އަދި އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ދުރަށް ހިނގައިގަތެވެ. އެއާއެކު އަހަންނަށް ތެޅިގަނެވުނެވެ. އެ މަންޒަރު ދެކެން ހިތެއް ނޭދުނެވެ.
"ޔުމް" ތަންކޮޅެއް ބާރަށް އަހަރެން ގޮވާލީމެވެ. އެއަޑަށް ޔުމްނާ ހުއްޓި، އަހަންނާ ދިމާލަށް އަނެއްކާ ވެސް ހިނގައިގަތެވެ.
"ވަގުތުކޮޅެއް އަހަންނަށް ދީ. އަހަރެން ބޭނުން ވަރަށް ގިނަ ވާހަކަ ދައްކަން." އިސްޖަހާލަމުން އަހަރެން ބުނީމެވެ. އެއާއެކު އޭނާ އަހަރެންގެ ގައިގައި އަތް ޖައްސާލިއެވެ.
"ގޭތެރޭގެ މާހައުލަށް ވުރެ ނިޝާއަށް ރަނގަޅުވާނީ މިކަހަލަ އަމާން، ހަމަހިމޭން މަންޒިލެއް. އަހަރެން މިހުރީ ނިޝާގެ ކޮންމެ ވާހަކައެއް ވެސް އަޑުއަހާ ހިތުން އަޑުއަހަން." އުފާވެރި ރާގެއްގައި ޔުމްނާ ބުންޏެވެ.
"އަހަންނަކަށް ނޭނގެ ފަށާނެ ގޮތެއް ވެސް. ޔުމް. އަހަރެން މިއުޅެނީ ވަރަށް ހިތްދަތި ދިރިއުޅުމެއް. އަހަރެންގެ ހަމައެކަނި އުފަލަކީ އެތިބަ ދެ ފުރާނަ." ފުރަތަމަ ދެތިން ޖުމްލައިން ވެސް އަހަންނަށް ރޮވެން އުޅުނެވެ. ނަމަވެސް ކެތްކޮށްފައި ވާހަކަ ކުރިއަށް ގެންދަން ފެށީމެވެ.
"ކައިވެންޏަށް ފަހު ފުރަތަމަ އަހަރު ސޮބާ ވަރަށް ރަނގަޅު. މަލާކް ލިބި، އަހަރެން ބިޒީވާން ފެށީމަ އޭނަ ދުރުވާން ފެށީ. އެންމެ ފަހުން މަލާއަށް ދެ އަހަރުގައި އައިކް ލިބުނީ. ޔުމްއަށް އެނގޭތަ؟ އައިކްއަށް މިހާރު ތިން އަހަރު ވެއްޖެ. އައިކް ލިބުނު ފަހުން ސޮބާހް އަހަރެންގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާލާފައި ނުހުންނާނެ. އަހަރެމެންނަކީ ނަމެއްގައި ދެމަފިރިން. އޭނަ އަހަންނާ އެއް އެނދެއްގައި ނުނިދާތާ ތިން އަހަރުވީ.
"އެކަމަކު ވެސް ކެތްކޮށްގެން މިއުޅެނީ އެކަމާ ޝަކުވާއެއް ނުކުރަން. ދެން އަހަރެން އުއްމީދު ކުރީ އަހަންނާ ދަރިންނަށް ސޮބާއަކީ ރަނގަޅު މީހަކަށް ވާނެ ކަމަށް. އެކަމަކު ޑިޔުޓީ ނިންމާފައި ގެއަށް އައިސް ނިދާނީ. ދެން އަނެއްކާ ބޭރަށް ދާ މީހާ އަންނާނީ ދަންވަރު. ގިނަ ފަހަރު ދަރިންނަށް ބައްޕަ ނުވެސް ފެންނާނެ. އަހަންނަށް އަޅާލުމެއް ނެތްތާ ދަރިންނަށް ވެސް ކުލުނެއް ނުހުރެ." އަހަރެން ވާހަކަ ދައްކަމުން ދާ ވަރަކަށް ޔުމްނާ ބޯ ޖަހަމުން ދެއެވެ.
"ކިރިޔާ ޒަރޫރީ ބޭނުންތައް ފުއްދާލެވޭ ވަރަށް ހަރަދުކޮށްލަން ރުފިޔާދޭ. ދެން އިތުރަށް އޭނާގެ އަތުން ފެންފޮދެއް ވެސް އަހަރެމެން ތިންމައިންނަކަށް ނުލިބޭ. ދަރިޔަކު ބަލިވިޔަސް އަހަރެން އެކަނި އުޅެންޖެހެނީ. އަހަންނާ ވާހަކަވެސް ދައްކަނީ ވަރަށް ހުތުރުކޮށް. ޝަކުވާކޮށް، ރޮއި އާދޭސް ކުރިޔަސް އޭނަގެ ހިތަށް އެއްވެސް އެއްޗެއް ނާރާނެ. އެހެންވެ އަހަރެން ވެސް މިހާރު ބޮލަށް ފަސޭހައަކަށް ވާހަކައެއް ނުދައްކަން. މަންމަމެންނާ ދައްތަމެން މާލެ ބަދަލުވީ ފަހުން އަހަރެން މުޅިން އެކަނިވި. މި ވާހަކަތައް ހިތުގައި ސިއްރުކޮށްގެން ހުރެހުރެ ހިތްބަރުވެ، ފަޅައިގެން ހިނގައްޖެ." އެއްފަހަރާ ވާހަކަތައް ބޭރުކޮށްލުމަށް ފަހު އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ.
"ދެން ކީއްވެ އޭނަ ކައިރިން މިނިވަންނުވެ ތި ހުންނަނީ؟" ޔުމްނާގެ ސުވާލުން އަހަރެން ހިންދިރުވާލީމެވެ.
"ދަރިންނަށްޓަކައި. އެ ކުދިން ބައްޕަގެ ލޯބިން މަހްރޫމް ނުކުރަންވެގެން. އެކުދިންނާ ބައްޕަ ދުރު ނުކުރަންވެގެން." އަވަސް އަވަހަށް އަހަރެން ޖަވާބު ދިނީމެވެ.
"މިހާރު ތިގޭތެރެއިން އެ ކުދިންނަށް ބައްޕަގެ ލޯބި ލިބޭތަ؟ އެ ކުދިން ބައްޕައާ ހެދި އުޅޭތަ؟" ޔުމްނާގެ ސުވާލުން އަހަންނަށް ބޯ ހޫރާލެވުނެވެ.
"ދެންމެ ވެސް ނިޝާ ބުނި ސޮބާ އެ ކުދިންނާ މެދު އެއްވެސް ކުލުނެއް ނުބަހައްޓާ ވާހަކަ." ޔުމްނާ އަނެއްކާވެސް ބުންޏެވެ. އަހަރެން އެކަމާ އެއްބަސްވީމެވެ.
"އޭނަ އިތުރު އަންހެނަކު ގެންގުޅޭހެން ހީވޭތަ؟" ޔުމްނާގެ ސުވާލުން އަހަރެން ދެ ކޮނޑު އުފުލާލީމެވެ.
"ނޭނގެ. ގެންގުޅުނަސް ވަރިހަމަ. އަހަރެން މިހާރު ސޮބާ ދެކެ އެއްވެސް ލޯތްބެއް ނުވޭ. އަހަރެން މިއުޅެނީ މަލާ އާއި އައިކްއަށް ޓަކައި. އެކަމަކު.. އެހެން މީހުންނަށް ހިނިތުންވުން ދައްކައިގެން އެތެރެއަށް ރޮއިރޮއި އަހަރެން ވަރުބަލިވެއްޖެ. ކެތްކޮށްކޮށް މިހާރު އަހަރެން ހުންނަނީ އަބަދު ރުޅިގަދަ ވެފައި. އެކަމަކު އެ ރުޅި ވެސް މި ބާލަނީ ހަމަ އަމިއްލަ ނަފްސަށް،" މޭގައި އަތް ޖައްސާލަމުން އަހަރެން ބުނީ ވަރުދެރަވެފައިވާ އަޑަކުންނެވެ.
"ނިޝާ. އަހަރެން ބުނަންތަ ވާހަކައެއް؟ ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިމާގެ އުމުރުން ގެއްލޭ ދުވަހެއް. ކޮންމެ ނަފްސަކަށް ވެސް އޮންނާނީ އެ އުސޫލު. އެއީ ގުދުރަތީ ގާނޫނު. އެކަމަކު ނިޝާގެ އުމުރުން ގެއްލޭ ކޮންމެ ދުވަހަކީ ބޭކާރު ވެގެންދާ ދުވަހެއް. އެއީ އަސްލު ނިޝާއަށް ލިބޭވަރަށް ބޮޑު ގެއްލުމެއް." ޔުމްނާ ބުންޏެވެ. އެހިނދު ގޮތް ހުސްވެފައިވާ ގޮތަކަށް އޭނާގެ މޫނަށް އަހަރެން ބަލައިލީމެވެ.
"ދަރިންނަށްޓަކައި... ދަރިންނަށްޓަކައި... މިގޮތަށް ކިޔާލަކިޔާލަ ދުވަސްތައް ބޭކާރުކުރާ ކިތައް މައިން މި ދުނިޔޭގައި އުޅޭކަން އެނގޭތަ؟ ދަރިން ދެކެ ލޯބިވާ ނަމަ ތިދިރިއުޅުން ތިހާ ދަށުދަރަޖައަކަށް ސޮބާހު ވައްޓައެއް ނުލާނެ. އެއީ ހަމައެކަނި ނިޝާގެ ދަރިންތަ؟ ދަރިންނަށްޓަކައި ސޮބާ ވެސް ޖެހޭނެދޯ ބަދަލުވާން. އެކަމަކު ނިޝާ ތިހާ މަސައްކަތް ކުރި އިރު ވެސް އޭނަ ނިޝާއަކަށް ހެވެއް ނުވި. އޯގާތެރިއެއްނުވި. އެންމެ ކުޑަމިނުން ދަރިންނަށް ވެސް ކުލުނެއް ނެތް. ދެން ކޮބާ ތި ގޭތެރޭގައި އުޅުމުގެ ބޭނުމެއް؟،" އޭނާ ވާހަކަ ދައްކަމުން ދިޔަ އެވެ.
"އަހަންނަށް ވިސްނޭ ގޮތުގައި ދަރިންނަށްޓަކައި ތިހެން އުމުރު ހުސްކުރުމަކީ ބޭކާރު ކަމެއް. ނިޝާއަކީ ވެސް ރަހުމާ، ކުލުނާ، އެހީތެރިކަމާ، އޯގާތެރިކަމާ، ހިމާޔަތާ، ރައްކާތެރިކަމާ، އަޅާލުމާ އަދި ލޯބި ބޭނުންވާނެ އިންސާނެކޭ. ހިއްސުތައް ފުރިހަމަ އަންހެނެކޭ. ކީއްވެ އޭނަ ހަދަހާ ގޮތެއް ހެދިގެން ރުހިގެން ތި އިންނަނީ؟ ދޭ! މާދަމާގެ އުފާވެރިކަން ހޯދަން ހިތްވަރާއެކު ތެދުވޭ. ރޮއިލަރޮއިލާ އިންނަން އެއްވެސް އަންހެނަކަށް ހައްގެއް ނޫން ނިޝާ. ދަރިން ގޮވައިގެން މަންމަ ގާތަށް ދޭ. މައިންބަފައިންނަކަށް ދުވަހަކު ވެސް ދަރިން ބޮޑެއްޗެއް ނުވާނެ. ބާކީއެއް ވެސް ނުކުރާނެ. އެ މީހުން ގާތަށް ދޭ. އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރޭ." އަޑަށް ބާރުލައިފައި ޔުމްނާ ބުންޏެވެ. އޭރު އަހަރެންގެ ދެ ލޮލުން ފެންތައް ފައިބަމުން ދެއެވެ.
"އެ ކުދިންނަށްޓަކައި ހަރަދު ކުރާނެ ގޮތެއް؟" އަހަންނަށް ވިސްނުނީ ފައިސާއާ މެދުގައެވެ.
"އެ ކުދިންނަށްޓަކައި މިއަދު ނިޝާ ޖެހޭނީ ހިތްވަރުގަދަ މަންމައަކަށް ވާން. ގޭގައި އިނދެގެން ކުރެވޭ ކަހަލަ ކޮންމެވެސް މަސައްކަތެއް ކުރަން ފަށާ. އަމިއްލައަށް ފައިސާ ހޯދޭނެ. އެއީ މަސައްކަތްތެރިންގެ ހައްގެއް. ރިޒްގަކީ ވެސް މާ ކުރިން މާތްﷲ ލިޔުއްވާފައި އޮންނަ އެއްޗެއް. އެކަލާނގެއާ މެދު އިތުބާރު ކުރޭ. އަވަހަށް ތިކަމުން ސަލާމަތްވޭ. ދަރިންނަށްޓަކައި އެއްވެސް މަޔަކު އެ ކުދިންގެ ބައްޕަގެ ފައިދަށުވެ، ހިތާމަ ކުރަން އިންނާކަށް ނުޖެހޭނެ." އަހަރެންގެ އަތުގައި ހިފާލަމުން ޔުމްނާ ބުންޏެވެ. އެއާއެކު އަހަންނަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.
ލިބުނު ހިތްވަރާއެކު އަހަރެން ގެއަށް ދިޔައީ މުޅިން އާ މީހަކަށް ވެގެންނެވެ. މަންމަގާތަށް މާލެ ގޮސްލަން ބޭނުން ކަމަށް ބުނެ، ދެ ކުދިން ގޮވައިގެން މާލެ ދިޔައީ ދުވަހަކު ވެސް އެނބުރި އޭނާގެ ހަޔާތަށް އަންނާކަށް ނޫނެވެ. މާލެ ގޮސް ފޯމު ލައިގެން އޭނާ އަހަރެން ވަރި ކުރިއެވެ. ދެން ދުވަހަކު ވެސް އަހަރެން އޭނާއަށްޓަކައި ނުރޯނަމެވެ.
ޔުމްނާ ބުނި ފަދައިން އަހަރެން ފައިސާ ހޯދަން ފެށީ ގޭގައި އިނދެ، ހެދިކާ ހަދައިގެންނެވެ. އެގޮތުގައި އަހަރުތަކެއް ފާއިތުވީ އިރު މިއަދު އަހަންނަކީ ކުޑަ ރެސްޓޯރެންޓެއްގެ ވެރިއެކެވެ. އަހަންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ އަހަރެންގެ ދެ ދަރިންނަށް އޯގާތެރި ބައްޕައަކު ހޯދައިދެވުނު ކަމެވެ. ފަޔާޒްގެ ފަރާތުން އަހަރެމެން ތިންމައިންނަށް ހުރިހާ ގޮތަކުން އެހީތެރިކަމާއި ލޯބި ލިބެއެވެ. ސޮބާހް ފަދަ ފިރިޔަކާއެކު ކަނު އުއްމީދެއްގައި މުޅި އުމުރު ބޭކާރު ނުކުރެވުނުކަމީ އަހަރެންގެ ނަސީބެވެ. ޔުމްނާއަކީ އަހަންނަށް މާތްﷲ ދެއްވި ރަޙްމަތެކޭ އެ ވަގުތު ހިތަށް އެރިއެވެ.
ނިމުނީ