17 މާޗް 2024 - 08:46

އިންޑިއާގެ ގައުމީ އާންމު އިންތިހާބު އަންނަ މަހުގެ 19 ވަނަ ދުވަހު ފަށާނެކަން އިއްޔެ އިއުލާނުކޮށްފި އެވެ.
ހިންދީ ވަތަނީ ލީޑަރު މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަސޭހަކަމާ އެކު ތިން ވަނަ ދައުރަކަށް އިންތިހާބުވާނެ ކަމަށް ބެލެވޭ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ބިލިއަނެއްހާ މީހުންނަށް ލިބިގެންވެ އެވެ. ގައުމުގެ އެކި ހިސާބުތަކުގައި ހަ ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އިންތިހާބަކީ ދުނިޔޭގެ ތާރީހުގައި ވެސް ބާއްވާ ޑިމޮކްރެޓިކް އެންމެ ބޮޑު ހަރަކާތުގައި ގޮތުގައި ވަނީ ބެލެވިފަ އެވެ.
އިންތިހާބުގެ ވޯޓުލުން އަންނަ މަހު 19 އިން ޖޫން 1 އާ ހަމަޔަށް ކުރިއަށް ގެންދާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. އާބާދީ އެންމެ ބޮޑު ގައުމުގައި ބާއްވާ މި އިންތިހާބުގައި ވޯޓު ގުނަން ފަށާނީ ހުރިހާ ހިސާބެއްގައި ވޯޓުލުން ނިމުމުން، އެއްފަހަރާ އެވެ. އަދި އާންމު ގޮތެއްގައި، ވޯޓު ގުނަން ފަށާ ދުވަހު ނަތީޖާ ވެސް އިއުލާނުކުރެ އެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި މޯދީ ބޮޑުވަޒީރުކަމަށް އިންތިހާބުކުރިތާ 10 އަހަރު ވެފައި ވާއިރު ވެސް ތާއީދަށް ބަދަލެއް ނާދެ އެވެ. އެހެންވެ އޭނާ މިފަހަރު ވެސް އިންތިހާބުވުމަކީ "ނިމިފައި އޮތް ކަމެއް" ގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ އެތެރޭގެ މައްސަލަތައް ބޮޑުވެފައި ވާއިރު މޯދީގެ ބީޖޭޕީއާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކު ދައުލަތުގެ ބާރުތައް ބޭނުންކޮށްގެން ހުއްޓުވައި އެކި ދައުވާތައް ކުރުން އާންމުވެފައި ވުމަކީ މޯދީއާ ވާދަކުރެވޭނެ މާހައުލެއް ނެތުމުގެ ސަބަބު ކަމަށް އެއްބަޔަކު ދެކެ އެވެ.
އުމުރުން 73 އަހަރުގެ މޯދީ ވަނީ އިންތިހާބު އިއުލާނުކުރުމުގެ ކުރިން ވެސް ނުރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ. -- އޭއެފްޕީ