17 މާޗް 2024 - 08:00

ގްރޭޑް ހައެއްގައި ކިޔަވަމުން ދިޔައިރު ކްލާސް ކުއްޖަކަށް އަޅައިދިން ކޭކަކުން ބޭކިން އަށް ޝައުގުވެރިކަން އުފެދުނެވެ. އަމިއްލަ އަށް ވީޑިއޯ ބަލައި، އެކި ޑިޒައިންތައް ދަސްކޮށް ރައްޓެހިންނަށާއި އާއިލާގެ އެކި މީހުންގެ އުފަން ދުވަސްތަކުގައި ކޭކު އަޅައިދޭން އޭނާ ފެށި އެވެ. މިއީ ނ. ލަންދުއަށް އުފަން މަރިޔަމް ނިޝާ، 26،ގެ ވާހަކަ އެވެ.

"ބީޓާ ތެލަސީމިއާ މޭޖާ" ތަހައްމަލު ކުރަމުންދާ ނިޝާ ސްކޫލު ނިންމައި އެތައް ތަނަކަށް ވަޒީފާއަކަށް އެދި ލި އެވެ. އެ ތަންތަނުން އިންޓަވިއު ވެސް ކުރެ އެވެ. ނަމަވެސް ލޭ އަޅާ ކުއްޖެއްކަން އެނގޭ ހިސާބުން ފަހުން ހަބަރެއް ނުވެ އެވެ. އެހެންވެ ނިޝާ ނިންމީ އަމިއްލަ މަސައްކަތެއް ކުރުމަށެވެ. ކުޑައިރު ކޭކު އެޅުމަށް ޖެހުނު ލޯބިން އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ.

"ވަރަށް އުނދަގޫވޭ ލޭ އަޅަން ދާން ޖެހެނީ އެހެން ރަށަކަށް. ދިގު ދަތުރެއް ކޮށްފައި އެހެން ރަށްރަށަށް ލޭއަޅަން ދާން ޖެހެނީ. އޭރު ވަރަށް އުނދަގޫވޭ މިކަހަކަ ކަންކަން ކުރަން ވެސް، ލޭ އަޅަން އެބަ ހޭދަވޭ، 5 ނޫނީ 6 ގަޑިއިރު،" ރަށުގައި ކޭކު އަޅަން ފެށުމުން ފުރަތަމަ ދިމާވި އުނދަގޫތަކުގެ ވާހަކަ ދައްކަމުން ނިޝާ ބުންޏެވެ.

އުމުރުން އެންމެ ތިން މަހުން ފެށިގެން މަހަކު ދެ ފަހަރު ތޫނުކަށިތަކުގެ ޝިކާރައަކަށްވެ ލޭ އަޅަމުންދާ ނިޝާ 12 އަހަރުގައި އުފަން ރަށް ދޫކޮށް މަންމައާއެކު މާލެ އަށް ބަދަލުވީ ވެސް ލޭއެޅޭނެ ފަސޭހަ މަގެއް ހޯދުމަށެވެ.

މާލެ ބަދަލުވެ އާއިލާއާ ދުރުގައި އުޅުންވީ ނިޝާއަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް މަޑުމަޑުން މާލެއަށް ހޭނި އުޅެން ފެށުމުން ސްކޫލުން އައިސް ލިބޭ ހުސް ވަގުތުތަކުގައި ނިޝާ ކުރަން ފެށީ މަލުން ތަފާތު ވައްތަރުގެ ބޭންޑް ހެދުމުގެ މަސައްކަތެވެ. ފަހުން އިންސްޓަގްރާމް ގައި އެކައުންޓެއް ހުޅުވައި ކުޑަ ވިޔަފާރިއެއް ގޮތަށް ފެށީ އެވެ.

ބޭންޑާއި ބޮކޭ ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ނިޝާގެ ވިޔަފާރިއާއެކު ކޭކު އެޅުން ވިޔަފާރިއެއްގެ ގޮތުގައި ފެށުމަށް ލިބުނު އިތުރު ހިތްވަރަކަށްވީ 2019 ވަނަ އަހަރު ޖަވާޒީ ހަޔާތެއް ފަށުމެވެ. ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމެވެ. ރައްޓެހިން ދިން ހިތްވަރެވެ.
"ހަޒްބެންޑް ވަރަށް ސަޕޯޓިވް، ހަޒްބެންޑްގެ އާއި އަޅުގަނޑުގެ އާއިލާ ވެސް. ލޭ އަޅަންދާ ގަޑިތަކުގައި ހެލްޕް ވާނެ އެންމެން ވެސް،" އޭނާ ބުންޏެވެ.
މާލޭގައި އުޅެމުންދިޔަ ނިޝާ، ކޮވިޑުގައި ރަށަށް ބަދަލުވެ ކޭކު އެޅުމުގެ ވިޔަފާރިއެއްގެ ގޮތުގައި ފެށި އެވެ.
"2020 ގައި ވިޔަފާރިއެއް ގޮތަށް ކޭކު އަޅަން ފެށީ، ކޮވިޑްތެރޭގައި. ހަމައެކަނި ކޭކު އެޅުމެއް ނޫން، ވެޑިންތަކަށް ބޮކޭ އާއި ރަން ވެސް ހަދައިދެން. މިހާރު ހުރިހާ ކަމެއް އެއްކޮށް ކުރަމުން، ހަމަ ރަނގަޅު އާމްދަނީއެއް ލިބޭ މިއިން،" ނިޝާ ބުންޏެވެ.
"ލޭ އަޅަން ދާ ދުވަސްތަކުގައި ކޭކު އަޅަން ލާފަ ދަނީ، އެހާ ގިނައިރު ވާތީ. އަންނަވާއިރަށް ހުންނާނެ ފިހެވިފައި، ވަރަށް ގިނަ މީހުންނަށް ރީތިވެގެން އުޅުން ވަރަށް ފަހުން ވެޑިން އަކަށް އެޅި ކޭކެއް."
ނިޝާ ބުނި ގޮތުގައި ލޭ އަޅަން ޖެހުމަކީ އެއީ ބަލި މީހެެއް ކަމަށް ގަބޫލުކޮށް ކަމެއް ނުކޮށް ހުންނަން ޖެހޭ ސަބަބެއް ނޫނެވެ. ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބު ވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ނިޝާގެ އާއިލާއިން ވެސް ވިސްނައިދީފައި ވަނީ އެގޮތަށެވެ.
"ދުވަހަކު ވެސް ހިތަކަށް ނާރާ ނުވާނޭކޭ. އެކަހަލަ އެއްވެސް ވަގުތުކޮޅެއް ނާދޭ، ލޭ އަޅަން ޖެހޭތީ މިކަމެއް ނުވާނޭކޭ. މަންމަ އާއި އާއިލާގެ އެންމެން ވެސް ބުނާނެ އެހެން އެންމެނަށް ވެސް ނަމޫނާ ކުއްޖަކަށް ވާށޭ. ހިތްވަރާއެކު ކާމިޔާބު ކުރާނެ ކުއްޖެއްކަން އެންމެންނަށް ވެސް ދައްކާށޭ. އެއީ ލޭއަޅާ ކުދިންނަށް ވެސް ދެވޭނެ ވަރަށް ބޮޑު ހިއްވަރެކޭ."
ލޭއަޅާ އެހެން ކުދިންނަށް ވެސް ނިޝާ ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ކަމެއް ކުރަން ވެސް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމެވެ.
ބޭކިންގެ ދާއިރާއިން ކުރިއަށް ދާން ހުރި ނިޝާގެ މުސްތަގުބަލާ ދޭތެރޭ ދެކޭ ހުވަފެނަކީ އަމިއްލަ ބޭކަރީއެއް ހުޅުވުމެވެ. ރަށުގައި ލޭ އެޅޭނެ މަގު މިހާރު އޮތީ ފަހިވެފަ އެވެ. އޮތް ގޮންޖެހުމަކީ ރަށުން އެކަމަށް ބޭނުންވާ ބިމެއް ލިބެން ނެތުމެވެ.
"އަބަދުވެސް ބޭނުންވާ ކަމެއް އެއީ ބޭކަރީއެއް ހުޅުވައިގެން ބިޒްނަސް ފުޅާކުރުން. ކޮންމެވެސް ދުވަހަކުން އެކަން ވެސް ވާނެ، އިންޝާﷲ،" އޭނާ ބުންޏެވެ.
ވިޔަފާރި ކިތަންމެ ރަނގަޅަށް ދިޔަ ނަމަވެސް މިހާރު ނިޝާގެ ކަންބޮޑުވުމަކީ ރަށުން ލޭ ނުލިބުމެވެ. ކޮންމެ މަހަކު އަޅަންޖެހޭ ދެ ޕައިންޓް ލޭ ހޯދުމަށް އާއިލާ އެތައް މަސައްކަތެއް ކުރަން ޖެހެ އެވެ.
"މިހާރު ވަރަށް އުނދަގުލުން ލޭ ލިބެނީ. ރަށުގަވެސް ތިބޭ ލޭއަޅާ 5 ކުދިން، ބީ ޕޮޒިޓިވް ލޭ އަޅަން. މިދިޔަ މަހު ވެސް ލޭ ދޭނެ މީހެއް ނުވެގެން، ނުލިބިގެން ރިސޯޓެއްގައި މަސައްކަތްކުރާ މީހަކު އެ ދުވަހު ރަށަށް ގެނެސްގެން ލޭ ލިބުނީ."