ސިއްހަތަށް ފައިދާ ހުރި ކެއުންތަކަށް ހިތްވަރު ދޭ ޝިފާނާ ވަޖީހުއާ އެކު މި ރޯދަ މަހު "މިހާރު"ން ގެނެސްދޭ "ބަދިގެ" ރެސިޕީތަކުގައި މިއަދު އޮތީ އެންމެންގެ ވެސް ފޭވަރިޓް ކަދުރެވެ. ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ކަދުރު ބޭނުންކޮށްގެން ފައިދާ ހުރި އެނާޖީ ބާއެއް ތައްޔާރުކުރާނެ ގޮތެވެ.

ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.

ކަދުރުން ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބެ އެވެ. ހަކަތަ ލިއްބައިދިނުމުގެ އިތުރުން ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވެ އެވެ. ކަދުރާއި ނަޓްސް އެއްކޮށްލުމުން ފައިދާ މާބޮޑަށް ވެސް އިތުރުވެ އެވެ. ނަޓްސްގައި އެކުލެވިގެން ވަނީ ހަށިގަނޑަށް ފައިދާ ހުރި ކޮލެސްޓްރޯލް އެވެ.

ޝިފާނާ މިއަދު ތައްޔާރުކުރާ ކަދުރު އެނާޖީ ބާ އަކީ ބަނޑަށް ލުއި, ހަކަތަ އިންތިހާއަށް ލިއްބައިދޭނެ ރެސިޕީއެކެވެ.

1/2 ޖޯޑު ކަދުރު (ކުދިކޮށް ކޮށާފައި)

1 ޖޯޑު ކަދުރު (ކުދިކޮށް ކޮށާފައި ބްލެންޑްކުރަން)

50 ގްރާމް ހިކި މޭބިސްކަދުރު

250 ގްރާމް އަލްމަންޑްސް (ހެފޭވަރަށް މުގުރާފައި)

1/2 ޖޯޑު މާމުއި

ކަދުރު ކުދިކޮށް ކޮށާފައި އެއިން ދެބައިކުޅަ އެއްބައި، މާމުއިކޮޅާ އެކު މިކްސަރުން ބްލެންޑްކޮށްލާނީ އެވެ. އެ ކަދުރުކޮޅު ތައްޓަކަށް އަޅައި ނަޓްސްއާ އެކު މޮޑެލާނީ އެވެ. ކަދުރާއި ނަޓްސްކޮޅު ހުންނަންވާނީ ޓްރޭއެއްގައި ރީތިކޮށް ފަތުރާލެވޭ ވަރަށެވެ. އޭގެ ފަހުން ފްރިޖަށް ލައި ފިނިކޮށްލާށެވެ.

އޭރަށް ހުންނާނީ ކޮށާލެވޭ ވަރަށް ހަރުވެފަ އެވެ. އެ މީހަކު ބޭނުން ސައިޒަކަށް ކޮށާލައި ސާވްކުރަންވީ އެވެ.

• ކަސްރަތު ނުވަތަ ކުޅިވަރު ކުޅުމުގެ ކުރިން އެނާޖީބާއެއް ކާލުމުން އެ ހަރަކާތަކަށް ބޭނުންވާ ވަރަށް ހަކަތަ ލިއްބައިދޭނެ.

• ފައިދާ ހުރި ކާނާގެ އިތުރުން ދުޅަހެޔޮ ސިއްހަތަކަށް ހަރަކާތްތެރިވެ އުޅުމާއި ކަސްރަތު މުހިއްމު.

• ހަފުތާއަކު މަދުވެގެން ތިން ދުވަހު މުޅި ހަށިގަނޑުގެ ހުރިހާ މަސްތަކަށް ކަސްރަތު ލިބޭ ގޮތަށް ކަސްރަތުކުރަންވާނެ.

• ފައިގެ މަސްތަކާއި އުނަގަނޑުން މަތީގެ ހުރިހާ މަސްތަކެއްގައި ވަރުޖެއްސުން މުހިއްމު.