18 ފެބުރުއަރީ 2017 - 06:59

ފިލްމީ މަސައްކަތްތަކަށް އަލަށް ނިކުތް ސްޓޫޑިއޯ އިމޭޖިނޭޝަން ރިއަލިޓީގެ ފުރަތަމަ ވީޑިއޯ ލަވަ "އަންނާށޭ ހުންނާށޭ" ދައްކާލައިފި އެވެ.
މި ލަވަ އެންމެ ފުރަތަމަ ދެއްކީ ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގަ އެވެ.
"އަންނާށޭ ހުންނާށޭ" ލަވައަކީ އިމޭޖިނޭޝަން ރިއަލިޓީން މިހާރު ހަދަމުން އަންނަ ފަސް ވީޑިއޯ ލަވައިގެ ތެރެއިން ފުރަތަމަ ލަވަ އެވެ.
މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އެންމެ ފަހުން ނެރުނު ވީޑިއޯ ލަވަ "ސުނީތާ އޯ މައި ޑާލިން" އިން ފެނިގގެން ދިޔަ އަސުމް މޫސާ ޖަލީލާއި އަލަށް ތައާރަފުވާ ޖުވޭރިއާ މުސްތޮފާ ފެނިގެންދާ ލަވަ ޑައިރެކްޓްކޮށްފައި ވަނީ އިބްރާހީމް ސޮބްހާ (ކުޑަ ސޮބާ) އެވެ.
ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ ލަވައިގެ ޑައިރެކްޝަންގެ އިތުރަށް، ލަވަ ކެމެރާކޮށް އަދި އެޑިޓް ވެސް ކުރީ މީގެ ކުރިން ބައެއް ވީޑިއޯ ލަވަތަކާއި "އެ ދަތުރު" ފަދަ ފިލްމްތަކުން ފެނިފައިވާ ސޮބާ އެވެ.
އިމޭޖިނޭޝަން ރިއަލިޓީގެ ވެރިޔާ އަދި ޒުވާން ޕައިލެޓް، ކެޕްޓަން އަހުމަދު ޔާސިރު އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ ނެގި "އަންނާށޭ ހުންނާށޭ" މި ލަވައަކީ އަމިއްލަ ރާގެކެވެ.
ލަވައިގެ ރާގު ހަދައި، ކިޔާފައި ވަނީ އަބްދުﷲ ޝާފިއު އެވެ.
ލަވައިގެ ޅެން ހަދައި، ލަވަ ޕްރޮޑިއުސް ކުރީ ޓީވީއެމްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޝައްމޫނެވެ.
އިމޭޖިނޭޝަން ރިއަލިޓީން ބުނީ ކުރިއަށް ހުރި ލަވަތައް ވެސް ބެލުންތެރިންނާ ހަމައަށް ވަރަށް އަވަހަށް ގެނެސް ދޭނެ ކަމަށެވެ. އަދި ލަވަތަކުން ފެންނާނީ އާ މީހުން ކަމަށް ވެސް ބުންޏެވެ.
އެ ސްޓޫޑިއޯ އިން މިހާރު އަންނަނީ "ލޫތު" ގެ ނަމުގައި ބިރުވެރި ފިލްމެއް ވެސް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ.