16 މާޗް 2024 - 08:19

އެނދުމަތީގައި ނުތެދުވެވި އޮތް އިރު މުޅި މީހާ ރޫރޫ އަޅަ އެވެ. އެއީ އޭނާގެ މިހާރުގެ ހާލެވެ. މަދު ފަހަރެއްގައި ނޫނީ ހިމޭނަކުން ނޯވެވެ އެވެ. އެކަމަކު އެއީ ސަމީމާ އާދަމް 51, ހީކަރުވާތީ ވާ ގޮތެއް ނޫނެވެ. އެހެން މީހުންނެކޭ އެއްގޮތަށް ރީއްޗަށް ހެލިފެލިވެ އުޅެނިކޮށް ކުރި އޮޕަރޭޝަނަކުން ވީ ގޮތެކެވެ. އޭގެ ފަހުން, އެހެން މީހެއްގެ އެހީގައި ނޫނީ ބުރަކަށި ހިއްލާނުލެވޭތާ މިހާރު 13 އަހަރެވެ.

ކޮޅަށް ތެދުކޮށް, ކާންދީ, ފެންވަރުވައި ހަދަނީ ފިރިމީހާ މުހައްމަދު ޝަރީފް އެވެ. ދެ ކުދިންނާ އެކު ށ. ފީވަކުގައި އުފާވެރިކޮށް ދެމަފިރިން ދިރިއުޅެނިކޮށް ހަމަ ކުއްލިއަކަށް ވަރަށް ހާލުގައި އުޅެން މަޖުބޫރުވީ އެވެ.

ސަމީމާ ކިޔައިދިން ގޮތުގައި އޭނާ އެނދުމަތިވި އިރު ދެމަފިރިން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އައީ ރަނގަޅު ފެންވަރަކަށް ގެ ހެދުމަށެވެ. ފިރިމީހާ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދިއިރު ސަމީމާ އުޅުނީ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާގަ އެވެ.

ތިން ކޮޓަރި އާއި ސިޓިން ރޫމާއި ބަދިގެ ހުރީ ރާނައި ހިޔާކޮށް ނިންމައިފަ އެވެ. ދިރިއުޅެވޭވަރު ކުރެވުނީ ދެ ކޮޓަރި އެވެ. ދެން ޖެހުނީ ހުރިހާ ކަމެއް ދޫކޮށްލާފައި އޭނާގެ ސިއްހީ ހާލަތުން އަރައިގަނެވޭތޯ ގުރުބާންވާށެވެ.

ސަމީމާއަށް ފުރަތަމަ ވީ ގޮތަކީ ތެލި ތަށީގައި ވެސް ހިފަން އުނދަގޫވީ އެވެ. އޭރު ސިއްހީ މާބޮޑެތި މައްސަލަތަކެއް ފާހަގަވެފައެއް ނެތެވެ.

އުނދުންމަތިން ތެއްޔެއް ބާލަން އުޅުނަސް ހީވީ އަތުން ދޫވެ ވެއްޓިދާނެހެންނެވެ. މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި ބޭނުންވީ މާލެ ގޮސް ބޭހަކުން ނަމަވެސް އެކަމަށް ފަރުވާއެއް ހޯދާށެވެ.
މާލެއިން އޭނާ ދެއްކި ޑޮކްޓަރުން ލަފާ ދިނީ އޮޕަރޭޝަނަކަށެވެ. ރަނގަޅުވާނެ ކަމުގެ އުއްމީދު ވެސް ދިނެވެ. ދިވެހި މޮޅު ޑޮކްޓަރުންނާ އެކު އެކި ދާއިރާތަކުން ސިއްހީ ހިދުމަތް ކުރިއަރަމުން އަންނަ ރާއްޖެ އިން އެ އޮޕަރޭޝަން ކުރެވެ އެވެ.
އެކަމަކު ހަމަ ވަގުތުން އޮޕަރޭޝަނެއް ކުރަން ދެމަފިރިން ފަސްޖެހުނީ އެވެ. އެހާ ކުޑަކަމެއްގައި ޑޮކްޓަރަށް ދެއްކުމުން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ބުނުމުން އެކަން ގަބޫލުކުރަން ވެސް ދަތިވީ އެވެ.
އެހެންވެ ރާއްޖެ އިން ބޭރުން އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވީ އެވެ.
ސަމީމާ ބުނި ގޮތުގައި އެއީ ރާއްޖެ އިން ބޭރަށް އޭނާގެ ހަޔާތުގައި ކުރި ފުރަތަމަ ދަތުރެވެ. ފިރިމީހާ އާއި އާއިލާގެ އެހެން މީހަކާ އެކު ގޮސް ދެއްކީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެހިން އެންމެ ގިނައިން ފަރުވާ ހޯދާ އެއް ހޮސްޕިޓަލަށެވެ.
އޭނާގެ ބަލި ކިޔައިދީ، ޑޮކްޓަރާ ވާހަކަ ދެއްކުވީ އެ މީހުން ތިބި ގޭގައި އުޅޭ ދިވެހިން ގޮވައިގެން ޑޮކްޓަރަށް ދައްކަން އާއްމުކޮށް ގޮސް އުޅޭ މީހެއް ލައްވަ އެވެ. ޑޮކްޓަރާއި ސަމީމާއާ ދެމެދު މެދުވެރިއަކަށް ވެ ބަލީގެ ހުރިހާ ވާހަކައެއް ކިޔައިދިނީ ސަމީމާ ބުނި ގޮތުގައި އެ މީހާ އެވެ.
"އިންޑިއާ އިން ބެލި ޑޮކްޓަރު ވެސް ބުނީ ހަމަ ރަނގަޅުވާން އޮތީ އޮޕަރޭޝަނެއް ކޮށްގެންނޭ. މައިބަދައިގެ ޑިސްކެއް ހަލާކުވެފައޭ ހުރީ. އެހެންވެގެން ދިމާވާ ކަމެކޭ އެއީ," ސަމީމާ ބުންޏެވެ.
"އަޅުގަނޑު ބޭނުންވީ އޮޕަރޭޝަން ނުކޮށް އެނބުރި ރާއްޖެ އަންނަން. ބޭނުން ނުވީ އެހާ އަވަހަށް ކުރަން. އެކަމަކު ހަމަ އެއްގޮތަށް ވެސް އެ ހޮސްޕިޓަލުން އަޅުގަނޑު ދުލެއް ނުކޮށްލި. ފްލައިޓަށް އަރާ ތަނުން ވެސް މާ ގޯސްވެދާނެ ކަމަށް ބުނެ އޮޕަރޭޝަން ކުރަން އެދުނީ,"
ސަމީމާގެ ފިރިމީހާ ޝަރީފް ވެސް ބުނި ގޮތުގައި އޮޕަރޭޝަނަށް ވެއްދީ ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމުންނެވެ.
އޮޕަރޭޝަނަށް ފަހު ހޭއެރިއިރު މީހާ ރަނގަޅެވެ. އިރުކޮޅެއް ފަހުން ހޭނެތިފައި ދެން ހޭއެރި އިރު ހީވީ އޭނާ ބުނި ގޮތުގައި ގައިގެ އެއްފަޅީގެ ވާގިނެތިފައި އޮތް ހެންނެވެ.
"ވައަތު ފައި އަމިއްލައަށް ނުހިއްލޭ. ރަނގަޅަށް ހޭއަރައި ހަމަޖެހުމުން އެނގުނީ އެ ފަޅި އެއްކޮށް ހަރަކާތް ނުކުރެވޭކަން," ސަމީމާ ބުންޏެވެ.
ޑޮކްޓަރު ދިނީ ހިތާމަވެރި ހަބަރެކެވެ. އެކަން ރަނގަޅު ކުރަން އަނެއްކާވެސް އޮޕަރޭޝަނެއް ކުރުމެވެ. ފުރަތަމަ އޮޕަރޭޝަނުން ވާގިނެތެން ދިމާވި ސަބަބެއް ޑޮކްޓަރުން ތަފްސީލްކޮށް ކިޔައި ނުދިން ކަމަށް ސަމީމާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދެވަނަ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުންނަށް މަޖުބޫރުވީ ފުރަތަމަ އޮޕަރޭޝަނުގައި މައްސަލަތަކެއް ދިމާވެފައި ހުރެގެން ކަން އެނގުނީ ވެސް ވަރަށް ބޮޑަށް ސުވާލުކޮށް ހެދުމުންނެވެ.
ފަހުން އެނގުނީ, ސަމީމާ ކިޔައިދިން ގޮތުގައި, އެއްފަޅި ވާގި ނެތުނީ ފުރަތަމަ އޮޕަރޭޝަނުގައި ނާރަކަށް ގެއްލުން ލިބިގެންނެވެ. މިހާތަނަށް ދެއްކި ގިނަ ޑޮކްޓަރުން ބުނާ ގޮތުގައި އެއީ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ އަތުން ވީ އިހުމާލެކެވެ.
"ވަރަށް ހާލުގައި އަޅުގަނޑު މިއުޅެނީ. މިހެން އޮންނައިރު އަބަދުވެސް ހިތަށް އަރާ އިންޑިއާއަށް ދައްކަން ނުދެވުނު ނަމަ މާ ރަނގަޅުވީހޭ," އޭނާ ކިޔައިދިނެވެ.
ލިއުންތައް ހޯދައިގެން މައްސަލަ ހުށަހެޅިންތޯ އެހުމުން ސަމީމާ ބުނީ އެ ހޮސްޕިޓަލުން ޒިންމާ ނަގަން ބޭނުން ނުވިއިރު ފުރަތަމަ އޮޕަރޭޝަނުގެ ބައެއް ލިއުންތަކެއް ވެސް ނުދިނެވެ. ލިއުންތަކުގެ ފައިލްތަކުގެ ތެރޭގައި މަދުވަނީ ފުރަތަމަ އޮޕަރޭޝަނުގައި ނާރަކަށް ގެއްލުން ލިބުނު ލިއުން ކަމަށް ބުންޏެވެ.
"ކޮންތާކަށް ދެން މައްސަލަ ޖައްސަން ދާނީ ވަކި. އެ ލިއުން ނެތީމަ އެއްބަހެއް ނުވާނެއެއް ނުން އެ މީހުންގެ އަތުން ވީ ކަމެއް ކަމަށް," އޭނާ ބުންޏެވެ.
ސަމީމާގެ ފިރިމީހާ ބުނި ގޮތުގައި ރަނގަޅު ގޮތެއް ވެދާނެ ކަމުގެ އުއްމީދުގައި އޮޕަރޭޝަނަށް ފަހު ވެސް މިހާތަނަށް ގާތްގަނޑަކަށް 10 ފަހަރަށް އިންޑިއާއަށް ދެވިއްޖެ އެވެ. އެކި ޑޮކްޓަރުންނަށް ދައްކައި ރަނގަޅުވާނެ އެއްވެސް ގޮތެއް އޮތްތޯ މަސައްކަތް ކުރެވިއްޖެ އެވެ.
"ކާމިޔާބެއް ނުވޭ އަދި. ޑޮކްޓަރުން ނުބުނޭ ރަނގަޅުވާނެއެކޭ. އުއްމީދެއް ނުދޭ. އަނެއްކާ މާލެ ދާންވީ ޑޮކްޓަރަށް ދައްކަން," އޭނާ ބުންޏެވެ.
ޑޮކްޓަރުން މިހާރު ވަނީ ސަމީމާއަށް ކުރިއެކޭ އެއްގޮތަށް ތެދުވެ އުޅެވިދާނެ ކަމުގެ އުއްމީދު ކަނޑާލައިފަ އެވެ. ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކުމުން ވެސް ދެމަފިރިންނަށް ލިބެނީ އެއް ޖަވާބެކެވެ.
އަމިއްލައަށް ތެދުވެ އުޅެވޭ ވަރުގެ ފަރުވާއެއް ދެވެން ނެތެވެ.
ސަމީމާއަށް އޮތް ހިތްހަމަޖެހުމަކީ ފިރިމީހާގެ އަޅާލުމާއި އޯގާތެރި ކަމެވެ. ފޫހިވުމެއް ނެތި ކޮންމެ ދުވަހަކު ވެސް އޭނާގެ ހިދުމަތުގައި ފިރިމީހާ ކޮށްދޭ ކަންކަމެވެ.
"މިވަރުގެ ހެޔޮ ފިރިއެއް ލިބުމަކީ އަޅުގަނޑުގެ ނަސީބު."