ދައުލަތަށް 49 އަހަރު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ އަވަހާރަވެއްޖެ
ދައުލަތަށް 49 އަހަރު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ އަވަހާރަވެއްޖެ

ދައުލަތުގެ އެކި އިދާރާތަކުގައި ގާތްގަނޑަކަށް 50 އަހަރު ހިދުމަތް ކުރެއްވި ގ. ޝާމިލް، ހަސަން ޝުކުރީ އަވަހާރަވެއްޖެ އެވެ.

ދައުލަތަށް 49 އަހަރު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ އަވަހާރަވެއްޖެ
ދައުލަތަށް 49 އަހަރު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ އަވަހާރަވެއްޖެ

އޭނާ އަވަހާރަވީ ޓްރީ ޓޮޕްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ކަށުނަމާދު އޮތީ ތަރާވީހް ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

ހަސަން ޝުކުރީ ވަނީ ސެޕްޓެމްބަރު، 24، 1959 ގައި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވި ގޮތަށް 49 އަހަރާއި 10 މަސް ވަންދެން ހިދުމަތުގައި ދެމިހުންނަވައިފަ އެވެ.

އޭނާ ވަޒީފާ އަދާކުރެއްވި ތަންތަނުގެ ތެރޭގައި ކޯޓުތަކާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކާއި ޑިފެންސް މިނިސްޓްރީ އާއި މުލިއާގެ ހިމެނެ އެވެ. އެތަންތަނުގައި އޭނާ އަދާކުރެއްވީ ޕިޔޯނުކަމާއި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އެވެ. ވަޒީފާ އިން ރިޓަޔާ ކުރެއްވުމާ ހަމައަށް ހުންނެވީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގަ އެވެ.

އެންމެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރެއްވީ ވެސް ޑިފެންސް މިނިސްޓްރީގަ އެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރެއްވި ޖަލްސާގައި މިދިޔަ އަހަރުގެ ޖުލައި މަހު ހަސަން ޝުކުރީއަށް ވަނީ، ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންފަ އެވެ.

މި ޝަރަފް ލިބިވަޑައިގަތީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލްކަމާއި އިހްލާސްތެރިކަމާއި ވަޒީފާ އަދާކުރެއްވި އިދާރާތަކުގެ ކުރިއެރުމަށް ކުރެއްވި ހިދުމަތްތަކަށެވެ.

ދައުލަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ހަސަން ޝުކުރީގެ މައިގަނޑު މަސައްކަތަކީ އެކި މީހުންނާއި އޮފީސްތަކަށް ދައުލަތުން ހަވާލުކުރަން ޖެހޭ ލިއުންތައް ހަވާލުކޮށްދެއްވުމެވެ. އޭނާއަކީ ވަޒީފާގެ ގަވާއިދާ އެއްގޮތަށް ފަރުވާތެރިކަމާއި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ޝަރަފްގެ އައްޑަނަ އެރުވި ޖަލްސާގައި ސަރުކާރުން އާއްމުކުރި ފޮތުގައި ލިއެފައިވެ އެވެ.

"ހަސަން ޝުކުރީ ހުރިހާ އިދާރާއެއްގައި ވެސް ހިދުމަތް ކުރެއްވި އިރު އެ ހިދުމަތުގެ އަގު، އެ ދާއިރާގެ އިސް ބޭފުޅުން ވަޒަންކުރައްވައި ޝުކުރީގެ ހިދުމަތްތަކަށް ވަނީ ތައުރީފްކުރައްވައިފަ އެވެ،" އެ ފޮތުގައިވެ އެވެ.

އުމުރުން 65 އަހަރު ވުމާ އެކު ޝުކުރީ ރިޓަޔާކުރެއްވީ ސެޕްޓެމްބަރު، 29، 2009 ގަ އެވެ.