15 މާޗް 2024 - 18:01

ފްލޮރިޑާ (މާޗު 15) - އިންޓަނޭޝަނަލް ބްރޭކަށް ހަފްތާއަކަށް ވެފައި ވަނިކޮށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް އަނިޔާ ވެއްޖެ ކަމަށް އޭނާ ކުޅެމުން އަންނަ އިންޓަ މަޔާމީގެ ކޯޗު ޓާޓާ މާޓީނޯ ބުނެފި އެވެ.
މިދިޔަ އަހަރުގެ ލީގްސް ކަޕްގެ ޗެމްޕިއަންކަން ހޯދައި އިންޓަ މަޔާމީ އަންނަނީ ފުރަތަމަ ފަހަރަށް ކޮންކާކަފް ސަރަހައްދުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ކަޕް ކުޅެމުންނެވެ. ލީގްސް ކަޕްގެ ޗެމްޕިއަނުންގެ ގޮތުގައި އިންޓަ މަޔާމީ ވަނީ ސީދާ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.
ޗެމްޕިއަންސް ކަޕްގެ ގަދަ 16 ގައި އިއްޔެ، އެމެރިކާގެ ނާޝްވިލްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ މެސީ އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. މި މެޗު އިންޓަ މަޔާމީން 3-1 އިން ކާމިޔާބު ކުރިއިރު، ފުރަތަމަ ހާފުގައި މެސީ ވަނީ ގޯލެއް ޖަހައި އެސިސްޓެއް ވެސް ކޮށްފަ އެވެ.
ނާޝްވިލްއާ 2-2 އިން އެއްވަރުވި ފުރަތަމަ ލެގުގައި ވެސް މެސީ ގޯލު ޖެހި އެވެ. މިއާ އެކު އިންޓަ މަޔާމީ ވަނީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން މުބާރާތުގެ ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ.
"އޭނާގެ ކަނާތު ފަޔަށް ވަރަށް ބަރު ވެގެން އުޅުނީ، އެހެންވެ ރިސްކު ނަގަން ބޭނުން ނުވީ. ތަންކޮޅެއް ގިނައިރު އޭނާ އަށް ހުރެވޭނެ ކަމަށް ބަލައި ބަހައްޓަން ވެސް އުޅުނިން އެކަމު އޭނާއަށް މާ އުނދަގޫ ވާން ފެށުމުން ބަދަލު ކުރީ. އެހެންވެ ހޮނިހިރު ދުވަހު ޑީސީ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވިދާނެ،" ޓާޓާ މާޓީނޯ ބުންޏެވެ.
އާޖެންޓީނާ އިން އަންނަނީ އަންނަ ހަފްތާގެ އިންޓަނޭޝަނަލް ބްރޭކުގައި އެލް ސަލްވަޑޯ އާއި ކޮސްޓަރިކާ އާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ތައްޔާރު ވަމުންނެވެ.
މި ހަފްތާ ލީގުގައި މޮންޓްރިއާލް އަތުން އިންޓަ މަޔާމީ 3-2 އިން ބަލިވި މެޗުގައި ވެސް މެސީ ކުޅެފައެއް ނުވެ އެވެ. އެ މެޗަށް މެސީ ޓީމަށް ނުނެގީ ރެސްޓް ދިނުމަށް ކަމަށް ކޯޗު ބުނި ކަމުގައި ވިއަސް ބައެއް މީޑިއާތަކުން ވަނީ އެ މެޗުގެ ކުރިން މެސީ އަށް އަނިޔާ ވެފައި ވާކަމަށް ރިޕޯޓް ކޮށްފަ އެވެ.
މިދިޔަ އަހަރު އިންޓަ މަޔާމީއަށް ބަދަލުވެ، އެޓީމަށް ލީގްސް ކަޕް ނަގައިދިނީ މެސީގެ މޮޅު ކުޅުމާ އެކު އެވެ. ނަމަވެސް މެސީއަށް އަނިޔާވެ އޭނާ އަށް ހަތަރު މެޗު ނުކުޅެ ހުންނަން ޖެހުމުން އެފަހަރު އެޓީމަށް ވަނީ ޖެހިޖެހިގެން ހަ މެޗުން މޮޅެއް ނުހޯދިފަ އެވެ. މި އަހަރު މެސީ ނުކުޅުނު ހަމައެކަނި މެޗަމީ މިސީޒަންގައި އެޓީމު ބަލިވި ހަމައެކަނި މެޗެވެ.