17 ފެބުރުއަރީ 2017 - 16:13

މެޑްރިޑް (ފެބްރުއަރީ 17) - ސްޕޭނުގެ އުތުރުގެ ހިސާބެއްގައި 64 އަހަރުގެ އަންހެނަކަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
ރެކޮލެޓަސް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައިގެން ނެގި ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެ އެވެ. ހޮސްޕިޓަލުން ވަނީ ދެ ކުދިންގެ ވީޑިއޯ ކްލިޕެއް އާއްމުކޮށްފަ އެވެ. ފިރިހެން ކުއްޖާގެ ބަރުދަނުގައި 2.4 ކިލޯ އަދި އަންހެން ކުއްޖާގެ ބަރުދަނުގައި 2.2 ކިލޯ ހުރި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ސްޕޭނުގެ މީޑިއާތަކުން ބުނި ގޮތުގައި އަންހެން މީހާ ވަނީ ދަރިމައިވުމަށް އެމެރިކާގައި ފަރުވާ ހޯދައިފަ އެވެ.
މި އަންހެން މީހާ އަށް ވަނީ 2012 ވަނަ އަހަރު ވެސް އަންހެން ކުއްޖެއް ލިބިފަ އެވެ. އެ ކުއްޖާ ބެލުމަށް، ފަހުން ވަނީ ސޯޝަލް ސާވިސް އިން ހަވާލުވެފަ އެވެ. މި އަންހެން މީހާ އަށް އެންމެ ފަހުން ލިބުނު ދެ ކުދިން ބަލަހައްޓާނީ ކޮން ފަރާތަކުން ކަމެއް އަދި ނޭނގެ އެވެ.
ސްޕޭނުގައި ދާދި ފަހުން 60 ގެ އަހަރުތަކުގެ ދެ އަންހެނަކަށް ވަނީ ކުދިން ލިބިފަ އެވެ. އަދި އިންޑިއާގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ 70 ގެ އަހަރުތަކުގެ އަންހެނަކަށް ވެސް ކުއްޖަކު ލިބިފަ އެވެ.