ވިލިމާލެ ބަގީގެ ހިދުމަތް ސިޓީ ކައުންސިލުން ދޭން ފަށަނީ
ވިލިމާލެ ބަގީގެ ހިދުމަތް ސިޓީ ކައުންސިލުން ދޭން ފަށަނީ

ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވިލިމާލޭގައި ދޭން ފެށި ބަގީގެ ހިދުމަތް ކުރިއަށް ނުދާތީ، ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށަން ފާސްކޮށްފި އެވެ.

މިދިޔަ އޭޕްރިލް މަހު މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ގެނަ އެވެ. ޕިންކް ސްކައި ކުންފުންޏަށް މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން ސޮއިކުރި ނަމަވެސް އެ ހިދުމަތް ގަވައިދުން ނުދެވެ އެވެ. ހިދުމަތް ހުއްޓިފައި އޮންނަތާ ވެސް އެތައް މަހެއް ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ހުވާކުރެއްވިއިރު ގިނަ ބަގީތައް ހުރީ ހަލާކުވެ، ނުދުއްވޭ ވަރު ވެފައި ކަމަށެވެ. ބަގީތަކުގެ ތެރެއިން ދެ ބަގީއެއް ކައުންސިލުން މަރާމާރުކޮށްގެން އޮޕަރޭޓް ކުރިޔަސް، ހާލަތު ވަރަށް ދަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފެށިއިރު އެ ކުންފުނީގެ ސީއީއޯއަކަށް ހުންނެވި އާޒިމް ވިދާޅުވީ، ގޭދޮށަށް ބަގީގެ ހިދުމަތް ދެވޭތީ ބަހަށް ވުރެ ބައެއް ހާލަތްތަކުގައި ރައްޔިތުން އެދެނީ ބަގީއަށް ކަމަށާއި ގިނަ ރައްޔިތުން އެދެނީ އެގޮތަށް ކަމަށެވެ.

އާޒިމް ހުށަހެޅުއްވީ މިހާރު ހުރި ބަގީތައް މަރާމާތުކޮށްގެންނާއި އާ ބަގީ ހޯދައިގެން ނަމަވެސް އެ ހިދުމަތް ކައުންސިލުން ދޭ ގޮތަށެވެ.

އާޒިމް ވިދާޅުވީ ބަގީ ހިދުމަތް ކުންފުންޏަކާ ހަވާލުކޮށްގެން ކުރާއިރު އަހަރެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ކައުންސިލުން ކުރާ ނަމަ ހޭދަވާނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ މި ނިންމުމާ އެކު ހިދުމަތް ރަނގަޅުކުރުމުގެ އިތުރުން ހަރަދު ވެސް ސަލާމަތްވެގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.