14 މާޗް 2024 - 07:33

ފާޑުފާޑުގެ ޑިޒައިންތަކުގެ ހެދުން ލައިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އުރްފީ ޖާވިދު ފިލްމީ ދާއިރާއަށް ނުކުންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމު ވާނީ އުރްފީ ބޮލީވުޑަށް ތައާރަފުވާ އަދި އޭނާގެ ކުޅޭ ފުރަތަމަ ފިލްމަށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަކީ 2010 ވަނަ އަހަރު ގެނެސްދިން ބޮލީވުޑްގެ އެންތޮލޮޖީ ފިލްމު "ލަވް ސކސ އޯރް ދޯކާ"ގެ ސީކުއެލް އެވެ. އަދި އެ ފިލްމުގައި އުރްފީ ކުޅޭނީ މުހިންމު ރޯލެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ކާސްޓުގައި ދެން ހިމެނެނީ ކޮން ބައެއްކަން އަދި ނޭނގެ އެވެ.
އެކްތާ ކަޕޫރް އާއި ޝޯބާ ކަޕޫރް ޕްރޮޑިއުސްކުރާ މި ފިލްމުގައި ހާއްސަ ފެނިލުންތަކުން ބޮލީވުޑްގެ ތަރިން ކަމަށްވާ ތުޝާރް ކަޕޫރް އާއި މޯނީ ރޯއީ ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމު ގެނެސްދެނީ ބަލާޖީ މޯޝަން ޕިކްޗާސް އައި ކަލްޓް މޫވީސް އަދި ދިބާކަރް ބެނަރްޖީ ޕްރޮޑަކްޝަންގެ ބެނާގެ ދަށުންނެވެ.
"ލަވް ސކސ އޯރް ދޯކާ"ގެ ފުރަތަމަ ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ ރަޖްކުމާރް ރާއޯ، ނޭހާ ޗޯހާން، އަންޝުމަން ޖާ އަދި ނުސްރަތު ބަރޫޗާ އެވެ. އަދި ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރާނީ ފުރަތަމަ ފިލްމު ގެނެސްދިން ދިބާކަރް ބެނަރްޖީ އެވެ.