ހުއިފިލަނޑާ ނަގަން ފީނި މީހަކު ގެއްލިގެން ހޯދަނީ
ހުއިފިލަނޑާ ނަގަން ފީނި މީހަކު ގެއްލިގެން ހޯދަނީ

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރި އަށް ހުއިފިލަނޑާ ނަގަން ޑައިވިން އަށް އިއްޔެ ދިޔަ މީހަކު ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އަހްމަދު ޖައިލަމް 23، ށ. ޅައިމަގު، އެވަރެސްޓް، ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ ލިބުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން ވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޭނާގެ ހަބަރެއް އަދި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ޖައިލަމްއާ އެކު އިތުރު ދެ މީހަކު ވެސް ހުއިފިލަނޑާ ނަގަން ފޭބި ކަމަށެވެ. އެކަމަކު އަނެއް ދެ މީހުން މައްޗަށް އެރިއިރު ވެސް ޖައިލަމްގެ ހަބަރެއް ނުވި ކަމަށް އެތަނުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ޖައިލަމް މޫދަށް ފޭބިއިރު ލައިގެން ހުރީ ކަޅު ކުލައިގެ ވެޓް ސޫޓަކާއި ކަޅު ކުލައިގެ ބީސީޑީ (ޑައިވިން ޖެކެޓް) އެކެވެ. އޭނާގެ އިސްކޮޅަކީ ފަސް ފޫޓު ހަ އިންޗި އެވެ.

ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެމްއެންޑީއެފް ކޯސްޓު ގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ހިއްސާކޮށްދޭން އެމްއެންޑީއެފުން އެދެ އެވެ.