ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 3
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 3

އިއްޔެގެ ނޫހާ ގުޅޭ

މުޙައްމަދުގެފާނުގެ ނަބަވީ ޝަޚްޞިއްޔަތު މަކާރިމުލްއަޚުލާޤާއި ޤިޔާދީ ސިފަތަކުގެ މައްޗަށް ޒީނަތްތެރިވުމުގައި އިޖުތިމާޢީ އަދި އިންސާނީ ގިނަ ސަބަބުތަކެއްވެއެވެ. އެއިގެ ތެރޭގައި:

1- ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވެ ވަޑައިގަތުން:

ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވެވަޑައިގަތުމުގެ ސަބަބުން އިންސާނީ އޯގާތެރިކަމުގެ މަތިވެރި ޝުޢޫރުތައް އެކަލޭގެފާނުގެ ހިތްޕުޅުގައި ޤަރާރުވިއެވެ. އެފަދަ ކުދީންގެ އިޙުސާސްތައް ހުންނާނެ ގޮތް ދަސްފުޅުކުރެއްވުނެވެ. އެ ފަދަ ކުދީންނަށް އަޅައިލުމުގެ މުހިންމުކަން ދަސްފުޅުކުރެއްވިއެވެ. އޯގާތެރިކަމުގެ އިންސާނީ އެންމެހައި އިޙުސާސްތަކެއް ދެނެވަޑައިގަތެވެ.

2- ޝަރަފްވެރި ޢާއިލާއަށް ނިސްބަތްވުން:

ޢާންމު ގޮތެއްގައި ޝަރަފުވެރި ޢާއިލާތަކުގެ ތެރޭގައި އަބުރުވެރިކަމާއި ރިވެތި އަޚުލާޤު އޮވެއެވެ. ޤުރައިޝު ވަންހައިގެ ޢާއިލާގެ ތެރޭގައި އުޅުއްވައި ބޮޑުފުޅުވެޑައިގަތުމުގެ ސަބަބުން ރިވެތި ގިނަގުނަ ސިފަފުޅުތަކެއް ދަސްފުޅުކުރެއްވިއެވެ.

3- ޒަޢީމުންގެ އަރިހުގައި ބޮޑުފުޅުވުން:

ކާފާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުގައި ބޮޑުފުޅުވެވަޑައިގަތުމުގެ ސަބަބުން ވަރަށް ގިނަ ޤިޔާދީ ސިފަތަކުގެ މައްޗަށް ތަރުބިޔަތުވެވަޑައިގަތެވެ. ޢަބްދުލްމުއްޠަލިބުގެފާނާއި އަބޫޠާލިބުގެފާނަކީ ޤުރައިޝުންގެ ދެ ޒަޢީމުންކަމުން އެ ދެ ބޭކަލުންގެ އަރިހުގައި މުޙަންމަދުގެފާނު ވަގުތު ހޭދަކުރެއްވި އިރު، ޒަޢާމަތެއްގެ ގިނަ ކަންކަން ފެނިވަޑައިގެންފައިވާނެއެވެ. ވެރީންގެ ފެންވަރުގައި މީހުންނަށް އިސްތިޤުބާލު ކުރައްވާ ގޮތާއި މީހުންނާ މުޢާމަލާތު ކުރައްވާ ގޮތްތައް ދަސްފުޅުކުރެއްވިއެވެ.

4- ރަށްފުށުގެ ގުޅުންތައް:

ކިރުމައިކަމަނާ ޙަލީމަތުގެފާނާއި އެކަމަނާގެ ޢާއިލާއާއެކު މުޙައްމަދުގެފާނު ތުއްޕުޅު އިރުގެ ދުވަސްތައް ހޭދަކުރެއްވުމުގެ ސަބަބުން އުފެދުނު ގުޅުމަކީ ރަށްފުށު ޙާލަތާއި މީހުންގެ އާދަކާދަތައް ދަސްފުޅުކުރައްވާން ލިބިވަޑައިގަތް ފުރުޞަތެކެވެ. ކީރިތި ރަސޫލާﷺ މުޅި ޙަޔާތްޕުޅުގައި ވެސް އެ ޢާއިލާއާ ވަރަށް ގާތް ހެޔޮ ގުޅުމެއް ބާއްވަވައިފައިވެއެވެ.

5- ދިރިއުޅުއްވުމަށް ޓަކައި މަސައްކަތްޕުޅުކުރެއްވުން:

ބޮޑު ބޭބޭފުޅުގެ ކަފާލަތުގެ ދަށުގައި ހުންނެވި ނަމަވެސް ބޮޑުބޭބޭފުޅަށް ވެސް އެހީތެރިވެވަޑައިގަތުމުގެ ގޮތުންނާއި އަމިއްލަފުޅު ކަންކަން އަމިއްލަފުޅަށް ކުރައްވާން ބޭނުންފުޅުވާ ޚަރަދުތައް ހޯއްދެވުމުގެ ގޮތުން މަސައްޕުޅުކުރެއްވިއެވެ. މި ގޮތުން ބަކަރި ހުއިހެއްޕެވުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި އުޖޫރައަށް މަސައްކަތްކޮށްދެއްވުމުމުގައި އުޅުއްވިއެވެ.

ބަކަރި ހުއިހެއްޕުމަކީ މީހާގެ ޝަޚުޞިއްޔަތުގައި ކެތްތެރިކަން އުފެދޭ ކަމެކެވެ. އަދި ހީވާގިކަމާއި މުރާލިކަން އުފެދޭ ކަމެއް ވެސް މެއެވެ. އެ ޒަމާނުގައި ދިރިއުޅުމަށް ޓަކައި އެ މުޖުތަމަޢުގައި ކުރެވުނު އެއްމެ މުހިންމު އެއް މަސައްކަތަކީ އެއީއެވެ. އަދި ވިޔަފާރި ޤާފިލާތަކާއެކު ދަތުރުފުޅުކުރެއްވިއެވެ. މީގެ ސަބަބުން މީސްތަކުންނާ މުޢާމަލާތުކުރައްވާނެ ގޮތްތައް ދަސްފުޅުކުރެއްވުނެވެ. އެކި މީސްމީހުންގެ ތަފާތުތަކާއި ޠަބީޢީ ޙާލަތްތައް ދެނެވަޑައިގެންނެވުނެވެ. މުޙައްމަދުގެފާނުގެ ތެދުވެރިކަމުން މީސްތަކުންގެ ހިތްތަކުގައި އެކަލޭގެފާނާމެދު އިތުރު މަޤުބޫލުކަމެއް އުފެދުނެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ސަބަބުން މުޙައްމަދުގެފާނުގެ ޝަޚުޞިއްޔަތުގައި ވަރަށް ހަރުދަނާ ސިފަތަކެއް އުފެދުނެވެ. އަދި އެންމެ ޒުވާން ޢުމުރުފުޅުން ފެށިގެން މައްކާގެ ރައްޔިތުންގެ ހިތްތަކުގައި އެކަލޭގެފާނަށް ޚާއްޞަ ލޯތްބަކާއި އިޙުތިރާމެއް އުފެދިފައި އޮތެވެ. އެއީ އެކަލޭގެފާނުގެ ޢަޒުމްފުޅު ވަރުގަދަކަމުންނާއި ރިވެތި އަޚުލާޤުގެ ފުރިހަމަކަމުންނާއި ތެދުވެރިކަމުގެ ސަބަބުންނެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.