އިބްރަހިމޮވިޗްގެ ހެޓްރިކުން ޔުނައިޓެޑް އަނެއް ބުރާ ގާތަށް
އިބްރަހިމޮވިޗްގެ ހެޓްރިކުން ޔުނައިޓެޑް އަނެއް ބުރާ ގާތަށް

މެންޗެސްޓާ (ފެބްރުއަރީ 17) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ ޒަލަޓަން އިބްރަހިމޮވިޗްގެ ހެޓްރިކުން 3-0 އިން ފްރާންސްގެ ސެއިން އެޓިއެން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގެ ކުރިން މި މެޗު ހާއްސަ ވެފައި އޮތީ ޕޮގްބާގެ ދެބެންނަށެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ރޭ ވަނީ އޭނާގެ އެއްބަޑު އެއްބަފާ ބޭބެ ފްލޮރެންޓިން ޕޮގްބާއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ރަސްމީ މެޗެއްގައި ކުޅެފަ އެވެ. ނަމަވެސް އިބްރަހިމޮވިޗްގެ މޮޅު ކުޅުމާ އެކު އެންމެންގެ ލޯ އަމާޒުވީ އޭނާ އަށެވެ.

ރޭގެ މެޗުގައި ފެނުނީ އިބްރަހިމޮވިޗްގެ ކެރިއަރުގައި އޭނާ ހެދި 17 ވަނަ ހެޓްރިކެވެ. މިއީ ސެއިން އެޓިއެންއާ ދެކޮޅަށް އިބްރަހިމޮވިޗް ކުޅުނު 14 މެޗުން އެ ޓީމު ކޮޅަށް ޖެހި 17 ވަނަ ލަނޑެވެ. އޭނާ އެންމެ ގިނަ ލަނޑު ޖެހީ ވެސް އެ ޓީމު ކޮޅަށެވެ.

ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އިބްރަހިމޮވިޗްގެ ފަރާތުން ފެންނަ ކުޅުމަށް އެންމެންގެ ތައުރީފް ލިބެމުން އަންނަ ކަމަށާއި މިއީ ޔުނައިޓެޑަށް ކުރިއަށްދާން ލިބޭ ހިތްވަރެއް ކަމަށެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި ބެލްޖިއަމްގެ ގެންޓް އަތުން 1-0 އިން ބަލިވެފަ އެވެ. ސެލްޓަ ވީގޯ އަތުން 1-0 އިން ޝަހުތަރު ޑޮނެސްކް މޮޅުވިއިރު، އަޕޮއެލް ނިކޮސިއާ އަތުން ފޯރިގަދަ ކުޅުމަކަށް ފަހު އެތުލެޓިކް ބިލްބާއޯ މޮޅުވީ 3-2 އިންނެވެ. އަދި މިދިޔަ އަހަރު ސެމީ ފައިނަލުގައި ކުޅުނު ވިޔަރެއާލް ދަނޑުގައި ރޯމާ ވަނީ އެ ޓީމު އަތުން 4-0 އިން މޮޅުވެފަ އެވެ.