12 މާޗް 2024 - 23:00

ރޯމް (މާޗް 13) - މި ސީޒަނުގައި ލާޒިއޯގެ ނަތީޖާތައް ގޯސްވުމުން، ކޯޗު މައުރީޒިއޯ ސާރީ އަމިއްލަ އަށް އިސްތިއުފާ ދީފި އެވެ.
ރެލިގޭޝަން ޒޯނުގައި އޮތް އުދިނޭޒީ އަތުން މިދިޔަ ހޯމަ ދުވަހުގެ ރޭ 2-1 ން ބަލިވި މެޗަކީ، މި ސީޒަންގައި ލާޒިއޯ އަށް ލީގުގައި ކުރިމަތިވި 12 ވަނަ ބައްޔެވެ.
ޔުވެންޓަސްއަށް 2020 ގެ ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައި ދިން ކޯޗު ވަނީ، ލާޒިއޯގެ މަގާމުން އިސްތިއުފާ ދިނުމުގެ ކުރިން ކުޅުންތެރިންނާ ބައްދަލުކޮށް، މަގާމު ދޫކޮށްލަން ނިންމިކަން ހާމަ ކޮށްފަ އެވެ.
އޭނާ ޓީމުގައި މަޑުކުރާކަށް އަދި މަޑު ނުކުރާކަށް ވެސް އެއް ވެސް ކުޅުންެރިޔަކު ނުބުނެ އެވެ.
ޗެލްސީ އަށް 2019 ގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދައި ދިން ކޯޗު، ލާޒިއޯ އާ ހަވާލުވީ 2021 ގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން މިދިޔަ ސީޒަނުގައި ލީގުގެ ދެވަނަ ހޯދި އެވެ. ލީގުގައި ކުޅުނު 28 މެޗުން ލާޒިއޯ އޮތީ ނުވަވަނައިގަ އެވެ.
ރައީސް ކްލައުޑިއޯ ލޮޓީޓޯ އާއި ސްޕޯޓިން ޑިރެކްޓަރު އެންޖެލޯ ފަބިއާނީ، ވަނީ ސްކޮޑަށް ޓްރޭނިން ކޭމްޕަކަށް ގޮވާލައިފަ އެވެ. ސީޒަންގެ ބާކީ އޮތް ބައިގައި ކުރިއަށް ގެންދާނެ ގޮތަކާ މެދު ކުޅުންތެރިންނާ މަޝްވަރާ ކުރި އެވެ.
އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި އަންނަ މަހު ޔުވެންޓަސްއާ ދެކޮޅަށް ވެސް ލާޒިއޯ ކުޅެން ޖެހެ އެވެ.
ލާޒިއޯގެ ކޯޗު ކަމަށް ތިން ކެންޑިޑޭޓެއްގެ ނަން ނޮމިނޭޓް ކޮށްފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ބުންޏެވެ. އެ ޓީމުގެ ކުރީގެ ތިން ކުޅުންތެރިންގެ ތެރެއިން ކޮންމެ ވެސް އެއް ކޯޗަކާ، ސީޒަން ނިމެންދެން ޓީމު ހަވާލު ކުރާނެ އެވެ.
އެ ލިސްޓްގައި ހިމެނެނީ، އެ ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުރީގެ ފޯވާޑް ޓޮމްމާސޯ ރޮކީ އާއި މިރޮސްލާވް ކްލޯޒް އަދި ކްރިސްޓިއަން ބްރޯކީ އެވެ.
ބްރޯކީ ވަނީ ކުރިން އޭސީ މިލާނަށް ވެސް ކޯޗުކޮށް ދީފަ އެވެ. ލާޒިއޯގައި ރިޓަޔާ ކުރި ޖަރުމަންގެ ކުރީގެ ސްޓައިކަރް ކްލޯޒް ވަނީ ކުރިން ބެޔާން މިޔުނިކްގެ އެސިސްޓެންޓް ކޯޗުކަން ކޮށްފަ އެވެ.