އާލިޔާ
އާލިޔާ

އާދިއްތަ ދުވަހާ ގުޅޭ

ހަމްޒާއަކަށް އަހަރެން ޖަވާބެއް ނުދެމެވެ. ދިނީ އުންމީދެކެވެ. އެއީ ރަތްކުލައިގެ، ކުޑަކުޑަ ހިތެކެވެ. އެ ރޭ އަހަރެން ހޮސްޕިޓަލުން ނުކުތީ ދާނެ އެއްވެސް ތަނެއް އޮވެގެނެއް ނޫނެވެ. މަންމައާއި ދައްތައަށް ވެސް ގުޅުނީހެވެ. ކިރިޔާ ވެސް ގޮތެއް އޮވެއްޖެއްޔާ، އެއިން ކޮންމެ މީހަކު ވެސް އަހަރެން ގޭގައި ބަހައްޓާނެއެވެ. އެހެނަސް އެއިން އެކަކުގެ ގޭގައި ވެސް ތަނެއް ނެތްކަން އަހަންނަށް އެނގެއެވެ. އަހަރެން ހަމަ ރަނގަޅަށް ވެސް މަގުމަތިވީއެވެ. ތަނެއް ކުއްޔަށްހިފައި، ހުރިހައި ވަގުތެއްގެ ކެއުން ހަމަޖެއްސޭނެހައި ފައިސާއެއް، އެ މަހަކު އަހަރެން އަތަކު ނެތެވެ. ލައިގެންހުރި ހެދުން ފިޔަވައި އެހެން އަންނައުނެއް ވެސް ނެތެވެ. ހޮސްޕިޓަލުން ނުކުމެ، ގޯތިތެރޭގައި ހުރި ބެންޗުގައި އިށީނދެލީމެވެ. ދެން ވެއްޓުނީ ރިހޭފައި މައްޗަށް ފޮއެވެ. ވާރޭވެހެން ފެށިއެވެ. ގޮނޑިން ތެދުވަން އުޅެފައި ހިތަށްއެރިއެވެ. އަސްކަންޏަކަށް ވަދެ ކޮޅަށްހުރުމަށްވުރެ، އިށީނދެލައިގެންއިނދެ ތެމުން ހިތަށް މާ ފަސޭހައެވެ. ވާރޭ ބޯކޮށްލިއެވެ. މީހަކު ދުވެފައި އަންނަ ތަން ފެނުނެވެ. އެއީ ހޮސްޕިޓަލުގައި ގާޑުންގެ ގޮތުގައި ތިބޭ މީހުންގެ ތެރެއިން މީހެކެވެ. އޭނަ އައިސް އަހަންނަށް ކުޑައެއް ދިއްކޮށްލިއެވެ. އަހަރެން ކުޑައިގައި ހިފަންނުހިފަންއުޅުމުން ދުރުގައިހުރި މީހަކަށް އިޝާރާތްކޮށްލިއެވެ.

"ޑޮކްޓަރު ދިން ކުޑައެއް." ބިދޭސީމީހާ އިނގެރޭސިން ބުންޏެވެ.

އަހަރެން ބަލައިލުމުން ހަމްޒާ ހަނާއަޅައިލިއެވެ. އޭނަ އިނީ ކާރުގައެވެ. އަހަރެން ވެސް އެ ފަދައިން ރައްދުދިނީމެވެ. ކުޑައިގައި ހިފައި ހުޅުވައިލީމެވެ. ހަމްޒާ ކާރުގެ ލައިޓު ދެ ފަހަރަކަށް ދިއްލައިލިއެވެ. ހީވީ، އަހަރެން ކުޑަ ގަބޫލުކުރީތީ ޝުކުރުއަދާކުރިހެންނެވެ. އެ ހިސާބުން ހަމްޒާ ދިޔައީއެވެ. ހިތަށްއެރިއެވެ. ކާރަށްއަރަން އޭނަ ނުބުނީ ކީއްވެހެއްްޔެވެ؟ އަހަރެން ތެމެން ދޫކޮށްލައިފައި ދިޔައީ ކީއްވެގެންހެއްޔެވެ؟ ހަމްޒާއަކީ ވެސް ކިނާން ކަހަލަ، ދެއްކުންތެރި މީހެއްހެއްޔެވެ؟ އަހަރެން ކިހައި އެކަނިވެފައިއިންކަން ހަމްޒާއަކަށް ނޭނގޭހެއްޔެވެ؟ ގޮތެއް އޮތް ނަމަ އަހަރެން ވާރޭގައި އިނީސްހެއްޔެވެ؟ ކާރެއް ބަރުގޮނުއަޅައިލުމާއެކު އަހަރެން ސިއްސައިގެންދިޔައެވެ. ހަމްޒާގެ ކާރު އޮތީ ފޫޓެއްހައި ކައިރީގައެވެ. ހޮސްޕިޓަލުން ނުކުމެފައި ހަމްޒާ އަލުން ވަނީއެވެ. ލައިޓު ނިއްވައިލާފައި ހުރުމާއި، ކާރުގެ އަޑު މަޑުކަމުން އަހަންނަށް އަޑުނީވުނީއެވެ.

"ހީކަރުވަފާނެ،" ބިއްލޫރި ތިރިކޮށްލައިފައި ހަމްޒާ ބުންޏެވެ. "ގެއަށް ގެންގޮސްދެން؟"

ކިނާން އޮތީ ހޮސްޕިޓަލުގައެވެ. އެ ހާލަތުގައި އަހަރެން ގެއަށް ނުދާނެކަން ހަމްޒާއަށް އެނގޭނެއެވެ. ހިތަށްއެރިއެވެ. ވީ ގޮތް ހަމްޒާއަށް އެނގުނީހެއްޔެވެ؟ ނޫނެކެވެ. ނޭނގޭނެއެވެ. އެއްވެސް މީހެއް ގާތަކު އަހަރެން އެ ވާހަކައެއް ނުބުނަމެވެ. އެ ވަގުތު އެހެން ކާރެއް ފަހަތުން ބަރުގޮނުއަޅައިލިއެވެ. ހަމްޒާ ކާރު އެތެރެއަށް ޖައްސައި، ފަހަތުންއައި ކާރަށް ތަންދެއްކިއެވެ. ހަމްޒާ ކާރުން ފައިބައިގެން، ތެމިގެން އައެވެ. އެ ސިފަ އަހަންނަށް ކަމުދިޔައެވެ. ދެއްކުންތެރިކަމެއް ނޫންބާއޭ ވެސް ހިތަށްއެރިއެވެ. ކިނާން ވެސް އަހަރެންގެ ލޮލުގައި އެޅުވީ އެ ކަހަލަ އަނދުނެކެވެ.

"ހިނގާ!" ހަމްޒާ އެދުނެވެ.

ޖެހިގެން ހުރީ ހޮސްޕިޓަލުގެ ކެންޓީނެވެ. ތަން ހުރީ ބަންދުކޮށްފައެވެ. އެކަމަކު، ވާރޭހިޔާވާން އެ ތަނުގައި ހައެއްކަ މީހުން ތިއްބެވެ. ހުރިހައި މީހުންނަށް ވެސް އަހަރުމެންގެ ޑުރާމާ ފެންނާނެއެވެ. އަހަރެން ގޮސް ކާރަށް އެރީމެވެ. އަހަރެން އެރީ ފަހަތަށެވެ. ހަމްޒާ ކާރަށްއަރައި ކާރު ދުއްވައިލިއެވެ.

"ހިޔެއްނުކުރަން އާލިޔާ ކާރަށް އަރާނެކަމަކަށް. އެކަމަކު އެރީތީ ޝުކުރިއްޔާ!" ހަމްޒާ ބުންޏެވެ. "ކިނާންގެ ސްވީޓްހާޓް ދަންވަރު ރޮމުންރޮމުން އައިތަން ދުށިން. ކިނާން އެ އޮތީ ރޫމްގަ. އާލިޔާ ތީނީ މި ތާ ވާރޭގަ. އަހަންނަށް ހީވަނީ ގުރޭޑު ފަހެއްގެ ކުއްޖަކަށް ވެސް މި ނަންބަރު ހަދަން އެނގޭނެހެން. އަހަރެން އާލިޔާ ދަންނަން. ސްކޫލް އިރުއްސުރެ އާލިޔާއަކީ މީހުންގެ ފޭވަރ ފަސޭހައިން ގަބޫލުކުރާ ކުއްޖެއް ނޫން. އެއީ ލަދުންކަމެއް، ބޯހަރުކަމުންކަމެއް އަހަންނަކަށް ނޭނގެ. އެނގޭ އެއްޗަކީ، މި ވަގުތު އާލިޔާއަށް ކުއްޔަށްނުހިފޭ ވަރުގެ ރޫމެއް މާލޭގެ އެއްވެސް ހޮޓަލަކު ނުހުންނާނެކަން."

އަހަންނަށް ރޮވެން ފެށިއެވެ. އަހަންނަކީ އަތްމަތި ތަނަވަސް މީހެކެވެ. އެކައުންޓުގައި ފައިސާ ހުއްޓެވެ. ހުރިހައި ފައިސާއެއް އަހަރެން އޮއްސައިލީ ކިނާނަށެވެ. އެކަމަކު ނުކުތް ނަތީޖާ ކިހައި ހިތިހެއްޔެވެ؟

"ކީއްވެތަ އަހަންނަށް މިހެންވަނީ؟" އަހަންނަށް ބުނެވުނެވެ.

"ކީއްވެތަ ތިހެން ތި ބުނަނީ؟" ހަމްޒާ ސުވާލުކުރިއެވެ. "މައްސަލައަކީ އާލިޔާ ވިސްނާ ގޮތެއްނު! އަހަރެން މި ބުނާ ގޮތް ހަދާބަލަ! ހިނގާ ޓައިމް ޓްރެވަލްކޮށްލާފަ މާޒީއަށް ދަމާ! ރެޑީ؟ މި ނައްޓާލީ އިނގޭ! ކޮން ތާކު އަހަރުމެން މިހާރު ތިބީ؟ ސްކޫލްގަ. ވޮލީކޯޓު ކައިރީގަ. އެ ދުވަހު އާލިޔާ ކީކޭ އެހީ؟"

"ނޭނގެ! ހަނދާނެއް ނެތް!" ވީ ފަލީހަތް ހަނދާންވުމުން، އިސްޖަހާލައިގެން އިނދެ އަހަރެން ދޮގެއްހަދައިލީމެވެ.

"އަހަރެން ހަނދާންކޮށްދީފާނަމޭ!" ހަމްޒާ ބުންޏެވެ. "ކޭން ވީ ބީ މޯ ދެން ފްރެންޑްސް؟ އެހެން އާލިޔާ އެހީ. ދެން އަހަންނަށް ހެދުނު މިސްޓޭކަކުން އަހަރުމެން ކުނިޖެހުނީ. ފާސްޓް ފޯވާޑްކޮށްލާ! އަހަރެން ފުރީ. މެރީކުރީ. ކިޑްސް. އެކްސިޑެންޓް. އާލިޔާ ވެސް މެރީކުރީ. އާރިޒާ އައީ. މީ އަހަރުމެން މިހާރު ތިބި ހިސާބު. މީ އިއްތިފާގެއް ނޫނޭ އާލިޔާ! މީ މި ދަތުރު ރޭވިފައޮތް ގޮތޭ! އަޑުއަހަންތަ ފަރުބަދައަށް އަރާ މީހުންގެ ވާހަކަ؟ އެކި މީހުން އަރާނީ ފަރުބަދައިގެ އެކި ދިމާލުން. އެކަމަކު ފަރުބަދައިގެ ކޮޅަށް އެރުނީމަ، ވަށައިގެން ފެންނަން އޮންނާނީ ހަމަ އެއް މަންޒަރެއް. ކީއްވެހޭ އަހަރުމެން މި ދިމާލުން އެރީ؟ ކީއްވެހޭ މިހާ ލަހުން އެރުނީ؟ އެއީ ބޭކާރު ސުވާލުތަކެއްނު! އާލިޔާ ވިސްނާލަބަލަ! އަހަރުމެންނަށް ސެކަންޑް ޗާންސެކޭ މި ލިބުނީ. ކޮން ކަމަކާ ތި ބިރުގަންނަނީ؟ އަހަންނަށް ޓްރަސްޓް ނުކުރެވެނީތަ؟"

އެ ވާހަކަ ބުނާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. އިތުބާރު ނުކުރެވެނީ ހަމްޒާއަކަށް ނޫނެވެ. ލޯތްބަށެވެ. ތިން ފަހަރު އަހަންނަށް ލޯބި ކެހިދީފިއެވެ. ކޮންމެވެސް މީހަކު ޖެހޭނީ ލޯތްބަށް އިތުބާރުކުރަން އަހަންނަށް އަލުން ދަސްކޮށްދޭށެވެ. އިނގިލީގައި ހިފައިގެން ކުޑަކުއްޖަކަށް ހިނގަން ދަސްކޮށްދޭ ފަދައިންނެވެ. އަހަރެން އަރިއަޅާނެއެވެ. ވެއްޓެން ވެސް ވެއްޓޭނެއެވެ. އެ މީހަކު ޖެހޭނީ އަހަރެން ހިފާއްޓާށެވެ. އުރައިލާށެވެ. އުނގުގައި ބާއްވައިގެން ނާނާކިޔައިދޭށެވެ. އެ ހުރިހައި ވާހަކައެއް ހަމްޒާއަށް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ އެއީ އަހަރެންގެ ކާކުހެއްޔެވެ؟

"ލޯބި ދެކެ އަހަރެން ބިރުގަނޭ މިހާރު،" އަހަރެން ބުނީމެވެ. "ހަމަ ތެދެއް މި ބުނީ. ހަމްޒާ ކަންތައް ކުރާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެ. ކޮންމެ މީހަކު ވެސް އަހަންނަށް ހަދަނީ ހަދާނެ ގޮތެއް. ވަރަށް ބިރުންއިނދެ މި އަހަނީ. ކިހިނެއް އަހަރެން ހަދަންވީ؟"

"އަހަންނަށް އަދި އެއް ޗާންސްދީ!" ހަމްޒާ އެދުނެވެ.

މަޑު ދުވެއްޔެއްގައި ގޮސް މާލޭގެ މަޝްހޫރު ހޮޓަލެއް ކައިރިއަށް ކާރު ހުއްޓައިލިއެވެ.

"އާލިޔާ ރިސެޕްޝަނަށް ގޮސް އައިޑީކާޑު ދައްކާލާ!" ހަމްޒާ ބުންޏެވެ. "އިތުރު އެއްވެސް ސުވާލެއް ނުކޮށް ހުރިހާ ކަމެއް ހަމަޖެހޭނެ."

"އަހަރެން އަދި ޑިވޯސްއެއް ނުކުރެޔޭ!" އަހަރެން ބުނީމެވެ.

"އަހަރެން މިރޭ އިންނާށެކޭ ވެސް ނުބުނަމޭ!" ހިނިތުންވެލާފައި ހަމްޒާ ބުންޏެވެ. "އައި ކޭން ވެއިޓް! މި ތާގެ ބްރޭކްފާސްޓް ވަރަށް ސަޅިވާނެ. އާލިޔާ އިންވައިޓްކޮށްފިއްޔާ، އަހަރެން ހެނދުނު އަންނާނަން ބައިވެރިވާން."

އަހަރެން ވިސްނަން އިންދައި، މީހަކު އައިސް ދޮރު ހުޅުވައިލަދިނެވެ. އޭނަ ހުރީ ކުޑައެއް ހިފައިގެންނެވެ. ހަމްޒާއަށް ހިނިތުންވެލާފައި، ޝުކުރުއަދާކޮށްފައި އަހަރެން ފޭބީމެވެ. އެއީ، އާ މިސްރާބަކާ ދިމާއަށް އަހަރެން އެޅި ފުރަތަމަ ފިޔަވަޅެވެ. ކަންތައްވީ ހަމްޒާ ބުނި ގޮތަކަށް ނޫނެވެ. އަހަރެން އައިޑީކާޑު ވެސް ދައްކާކަށް ނުޖެހުނެވެ. ހޮޓަލަށް ވަނުމާއެކު އަހަންނަށް ދިއްކޮށްލީ ތަޅުދަނޑިއެކެވެ. ކޮޓަރިއަށް ވަން އިރު، އަހަންނަށް، އެ ވަގުތަށް ބޭނުންވާނެ ހުރިހައި ސާމާނެއް އެ ތަނުގައި ހުއްޓެވެ. ޔަގީނުން ވެސް އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. އަހަރެން ހުރީ ކުޑަކޮށް ތެމިފައެވެ. ގައި ހިއްކައި، ހެދުން ބަދަލުކޮށްލީމެވެ. ހަމަޖެހިލައިގެން އެނދުގައި އިށީނދެފައި، ހެނދުނުގެ ސަޔަށް ހަމްޒާއަށް ދައުވަތުދިނީމެވެ. ހިތަށްއެރިއެވެ. އަހަރެންގެ މަންޒިލަކީ އެއީއެވެ.

ސަލާމުގައި ދުވަސްކޮޅަކު ހުރުމަށް ފަހު، ފުރަތަމަ ފަހަރަށް އޮފީހަށް ދިޔަ ދުވަހު ދައްތަގެ ފޯނެއްއައެވެ. ކިނާން ފޮނުވި ކަރުދާހު ތިން ފޮށިގަނޑު ހުރި ވާހަކަ ބުންޏެވެ. ބަންދުކޮށްފައި ހުރުމުން ދައްތަ އެއްވެސް ފޮށްޓެއް ނުހުޅުވައެވެ. އަހަރެން ހިތަށްއެރިއެވެ. އެއީ މާޒީއެވެ. އަލުން ހުޅުވުމުގެ ބޭނުމެއް ނެތެވެ. ދުވަހަކު ވެސް ދެނެއް އެޔެއް ނުހުޅުވާނަމެވެ.

ޖެހިގެންއައި މަހު، އެއް ކޮޓަރީގެ އެޕާޓުމަންޓަކަށް އަހަރެން ބަދަލުވީމެއެވެ. ހަމްޒާގެ ކުރެޑިޓްކާޑު އަހަރެން ބޭނުމެއް ނުކުރަމެވެ. އަހަރުމެންގެ އެކުވެރިކަން ދިޔައީ ބަދަހިވަމުންނެވެ. ކިނާނެއް ނުގުޅައެވެ. އަހަރެން ގުޅަމެވެ. ކޮންމެ ފަހަރަކު ވެސް ފޯނުނަގަނީ އާރިޒާއެވެ. ކިނާން ބުނަން ބޭނުންވާ ހުރިހާ އެއްޗެއް އިވެނީ އާރިޒާގެ އަޑުންނެވެ. އަހަރެން ދެކެ ކިނާން ލޯބިނުވިޔަސް އެހައި ރުޅިއަންނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. މީހެއްގެ ކުށެއް ނެތުން އެއީ ވެސް ކުށެއްބާއެވެ؟

މިއަދަކީ، އަނެއްކާ ވެސް އުފާވެރި ދުވަހެކެވެ. އެތަކެއް ދުވަހަކަށް ފަހު ކިނާން ފެނުނީތީއެއް ނޫނެވެ. އައިބެއް ނެތި އޭނައަށް ހިނގޭތީއެވެ. އެކަމަކު އޭނަގެ މޫނުމައްޗަކުން އުފާވެރިކަމެއް ނުފެނެއެވެ. ފެންނަނީ ނާއުންމީދެވެ. އަހަންނާ ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރު ވެސް އޭނަގެ ނެތެވެ. ޖެހިގެންއިން އިރު ވެސް ހީވަނީ ވަރަށް ދުރުގައި އިންހެންނެވެ.

ހަމްޒާއާއި އަހަންނާ ދެމެދުގައި އޮތް މަގު މިއަދު ކުރުވެއްޖެއެވެ. ވަރިކުރީމައި މިނިވަންވެގެން މިއަދު އަހަރެން ކޯޓުން މި ނުކުންނަނީ އިސްއުފުލައިގެންހުރެއެވެ. ކޯޓުން ނުކުތް އިރު ހަމްޒާ ކާރު ކައިރީގައި ހުއްޓިލައިގެން އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެން ބުނަން ބޭނުމެވެ. އޭ ހިތާއެވެ. ހާސްނުވާށެވެ. އެއް ދޮރު ބަންދުވާ އިރު އަނެއް ދޮރު ހުޅުވޭނެއެވެ. ފިރިމީހާ އަހަންނަށް ކަންތައްކުރީ ރަނގަޅަކަށް ނޫނެވެ. އެކަމަކު، އަހަރެން ފިރިމީހާއަކަށް ދެރައެއް ނުދެމެވެ. އިހާނެތިކޮށެއް ވެސް ނުހިތަމެވެ. ފުރުސަތުލިބުނު ނަމަ، އާންމު ހާލަތަށް ރުޖޫއަވަންދެން އޭނައަށް ހިދުމަތް ވެސް ކުރީމުހެވެ. ކެތްތެރިއަކީމެވެ. އަހަރެންގެ ހަތިޔާރަކީ އެއީއެވެ. އޭގައި ހިފާށެވެ. އާލިޔާގެ ނަސޭހަތަކީ އެއީއެވެ. އެ ނަން ހަނދާންބަހައްޓާށެވެ.

-ނިމުނީ-