ކޮވިޑްގެ ސަބަބުން ލައިފް އެކްސްޕެކްޓެންސީ ކުރުވެއްޖެ: ދިރާސާ
ކޮވިޑްގެ ސަބަބުން ލައިފް އެކްސްޕެކްޓެންސީ ކުރުވެއްޖެ: ދިރާސާ

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ގެ ސަބަބުން އިންސާނުންގެ ލައިފް އެކްސްޕެކްޓެންސީ ނުވަތަ ދުނިޔޭގައި ހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު 1.6 އަހަރު ކުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިއީ ކޮވިޑްގެ ސަބަބުން މީހުންގެ އުމުރު ކުރުވާނެ ކަމަށް ކުރިން ވެސް ބެލެވިފައި ވިޔަސް ހީކުރި ވަރަށް ވުރެ ބޮޑު ދަށްވުމެކެވެ.

އެމެރިކާގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) ގެ ޑޭޓާތަކަށް ބަލައި، ދިރާސާ ޓީމުން ބުނީ މިއީ އެތައް އަހަރެއް ވަންދެން، ލައިފް އެކްސްޕެކްޓެންސީ މަތިވަމުން ގޮސް މިކަމަށް އައި ވަރަށް ބޮޑު ބަދަލެއްގެ ގޮތުގައި ފެންނަ ކަމަށެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ކޮށްފައި މި ވަނީ މިދިޔަ ބައި ގަރުނުގައި ހިނގި ހަމަނުޖެހުންތަކާއި ގުދުރަތީ ކާރިސާތައް ވެސް ހިމެނޭ ގޮތަށް ބަލާއިރު އެންމެ ބޮޑު އަސަރެއް ކުރި ކަންތަކުގެ ގޮތުގައި،" ދަ ލާންސިޓް ޖާނަލްގައި ޝާއިއުކުރި ދިރާސާގެ ލީޑް އޮތޯރިޓީ އޮސްޓިން ޝޫމާކާ ވިދާޅުވި އެވެ.

މި ދިރާސާގައި ބެލި 204 ގައުމާއި ސަރަހައްދުގެ ތެރެއިން 2020-2021 އާ ދެެމެދު 84 ޕަސެންޓް ގައުމުގައި ވަނީ ލައިފް އެކްސްޕެކްޓެންސީ ދަށަށް ގޮސްފަ އެވެ. މި މުއްދަތުގައި އުމުރުން 15 އަހަރުން މަތީގެ ފިރިހެނުން މަރުވި ރޭޓް 22 ޕަސެންޓް އަދި އަންހެނުން މަރުވި ރޭޓް 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދިރާސާގައި އަންދާޒާކޮށްފައިވެ އެވެ.

ލައިފް އެކްސްޕެކްޓެންސީ އެންމެ ބޮޑަށް ދަށްވި ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ޕެރޫ އަދި ބޮލީވިއާ ހިމެނެ އެވެ.

އެކަމަކު މިއާ އެކު ރަނގަޚު ޚަބަރެއް ވެސް ވަނީ ދީފަ އެވެ. އެއީ 2021 ވަނަ އަހަރު މަރުވި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު ބައި މިލިއަން މަދުވުމެވެ. -- އޭއެފްޕީ