13 މާޗް 2024 - 07:57

އިއްޔެގެ ނޫހާ ގުޅޭ
އެއީ މުޙައްމަދު ބުނު ޢަބްދުالله ބުނު އަބްދުލްމުއްޠަލިބު ބުނު ޙާޝިމް ބުނު ޢަބްދު މަނާފެވެ. ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލްގެފާނުގެ ދަރިކޮޅުގެ ޤުރައިޝު ވަންހައިގެ އެންމެ ޝަރަފުވެރި ޚާންދާނެވެ. ޢަރަބިކަރައިގެ ޝާނާއި ޝައުކަތާއި ޒަޢާމަތުގެ މައި ކިއްލާއެވެ. ގެފުޅުގެ ޚިދުމަތްތެރީންނެވެ. މައްކާގެ އަޝްރާފުންނެވެ. ޒަމްޒަމް ފެންވަޅުގެ ބެލެހެއްޓުންތެރީންނެވެ.
ޙައްޖާޖީންނަށް ފެންދިނުމާއި ކާންދިނުމާއި މެހުމާނުންނަށް ކަމޭހިތުމާއި ނިކަމެތީނަށް އަޅައިލުމާއި މުޞީބާތްޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ރިވެތި އަޚްލާޤެއް އޮތް ޚާންދާނެކެވެ. ފާރިސްކަރައާއި ރޫމްކަރައާއި ޙަބުޝްކަރައިގެ އަހުލުވެރީންގެ މެދުގައި މަޝްހޫރުވެފައިވާ ޢާއިލާއެކެވެ.
ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވޭ ބޭކަލަކު ވާނީ ހަމަ ކަށަވަރުން ވެސް ވަރަށް މަތިވެރި ޝަޚުޞިއްޔަތަކަށެވެ. ޙަސަބާއި ނަސަބުގެ ގޮތުންނާއި އަޚުލާޤީގޮތުން ނުހަނު މަތިވެރި ސިފަފުޅުތަކެއް ލިބިވަޑައިގެންފައިވާ ބޭކަލަކަށެވެ. މުޙައްމަދުﷺ ވަރުގަދަ ޝަޚްޞިއްޔަތަކަށް ވެވަޑައިގަތުމަށް މެދުވެރިވި އިންސާނީ އަދި އިޖުތިމާޢީ ބައެއް ސަބަބުތަކާއި އެކަލޭގެފާނުގެ ތުއްޕުޅުއިރުގެ ބައެއް ހަނދާންތަކުގެ މައްޗަށް މި ބައިގައި އަލިއަޅުވައިލާން ގަސްތުކުރަމެވެ.
މުޙައްމަދުﷺގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބެވެ. ބައްޕާފުޅަކީ ޢަބްދުالله ބުނު ޢަބްދުލްމުއްޠަލިބެވެ. އިތުރުއެކަލޭގެފާނުގެ ތުއްޕުޅު އިރުގެ ހަނދާންތަކުގެ ތެރެއަށް އަޅުގަނޑުމެން ދާއިރު، އެންމެ ފުރަތަމަ ވެސް ލިބޭނެ ޚަބަރަކީ މުޙައްމަދުﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ ދުވަސްތަކެއް ކުރީން އެކަލޭގެފާނަށާއި މަންމާފުޅަށް ކުރިމަތިވެވަޑައިގަތް އެންމެ ހިތާމަވެރި ހާދިސާގެ ވާހަކައެވެ. އެއީ އާމިނަތުގެފާނު މުޙައްމަދުގެފާނަށް އާލާސްވެ އިންނަވަނިކޮށް އަބްދުاللهގެފާނު އަވަހާރަވިކަމުގެ ވާހަކައެވެ.
ކުއްޖަކު ދުނިޔެއަށް އައުމުގެ މަގުމަތީގައި ވަނިކޮށް އެ ކުއްޖެއްގެ ބައްޕަ ދުނިޔެ ދޫކުރުމަކީ އެ ކުއްޖާއާއި އެ ކުއްޖާގެ މަންމައަށް ލިބޭނޭ ކިހާ ބޮޑު ނިކަމެތި ކަމަކަށްވާނެތޯއެވެ! މުޙައްމަދުގެފާނު ތުއްޕުޅު އިރު ކުރިމަތިލައްވާން ޖެހިވަޑައިގަތީ ކޮންފަދަ ބޮޑު ހިތާމައަކާތޯއެވެ! އެކަލޭގެފާނުގެ ލޮބުވެތި ބައްޕާފުޅު ދެކެވަޑައިގަތުމުގެ ނަސީބު އެކަލޭގެފާނަށް ލިބިވަޑައެއް ނުގަތެވެ. ބައްޕާފުޅުގެ ހިނިތުންވެވަޑައިގަތުން ފެނިވަޑައިގަތުމުގެ ފުރުޞަތެއް ވެސް ލިބިވަޑައެއް ނުގަތެވެ.
މަމްމާފުޅުގެ ނުހަނު މަތިވެރި ލޯތްބާއި އޯގާތެރިކަމުގެ ބަގީޗާގެ ތެރޭގައި ބޮޑުފުޅުވެވަޑައިގަންވަމުން ގޮސް އުމުރުފުޅުން ހަ އަހަރުފުޅުގައި އެކަލޭގެފާނުގެ މަންމާފުޅާއި މަންމާފުޅުގެ ޚާދިމާއެއްގެ ގޮތުން މަސައްކަތްކުރެއްވި އުންމު އައިމަންގެ އަރިހުގައި މަދީނާގައި ދިރިއުޅުއްވާ މައްމާފުޅުގެ ޢާއިލާގެ މެންބަރުންނަށް ޒިޔާރަތްކުރައްވާން ދަތުރުފުޅެއް ކުރެއްވިއެވެ.
މި ދަތުރުފުޅު ވެގެން ދިޔައީ އަނެއްކާ ވެސް އާދަޔާ ޚިލާފު ހިތާމަވެރި ޞަފުޙާއެއް ހުޅުވުނު ދަތުރުފުޅަކަށެވެ. މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މައްކާއަށް ވަޑައިގަތް މަގުމަތީގައި އިތުރުއެކަލޭގެފާނުގެ ލޮބުވެތި މަންމާފުޅު އާމިނަތުގެފާނު މި ފަނާވަނިވި ދުނިޔެ ދޫކުރެއްވިއެވެ. ކޮން ފަދަ ބޮޑު ހިތާމަވެރިކަމެއްތޯއެވެ!
އެ މާތް ތުއްޕުޅު ދަރިކަލުން މުޙައްމަދު ދުނިޔެއަށް ވަޑައިގަތުމުގެ ކުރީން ބައްޕާފުޅު އަވަހާރަވީއެވެ. އަދި މަންމައެއްގެ ލޯތްބަށް އެންމެ ބޮޑަށް ބޭނުންފުޅުވި ދުވަހު މައްމާފުޅު ދުނިޔެ ދޫކުރެއްވީއެވެ. ދަތުރެއްގެ މަތީގައެވެ. މި ހިތާމަވެރި ޙާލަތާއެކު އިތުރުއެކަލޭގެފާނު އެނބުރި މައްކާއަށް ވަޑައިގަތީ މަންމާފުޅުގެ ޚާދިމާ އުންމު އައިމަންގެ އަރިހުގައެވެ.
ޤުރައިޝް ވަންހައިގެ އެންމެ ޝަރަފުވެރި ޤަދަރުވެރި ޢާއިލާގެ ތެރެއިން އުފަންވެވަޑައިގަތް މި ތުއްޕުޅު ދަރިކަލުންނާ މެދު ކަންކަން ވަމުންދާ ގޮތުން اللهގެ މަތިވެރި ތަދުބީރެއް އެ ކަންކަމުގެ ފަހަތުގައި އޮވެދާނެކަމަށް ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނަށް ވިސްނިވަޑައިގަތެވެ. ތުއްޕުޅު ކާފަ ދަރިކަލުން މުޙައްމަދު ނިކަމެތިވެގެންދިޔަ ނުދެއްވާނެކަމަށް ޢަޒުމް ކަނޑައަޅުއްވައި އަބްދުލްމުއްޠަލިބުގެފާނުގެ ކަފާލަތުގެ ދަށަށް ގެންދެވިއެވެ. އަދި އަބްދުލްމުއްޠަލިބުގެފާނުގެ އަމިއްލަފުޅު ދަރިދަރިކަލުންނަށް ވުރެ، ތުއްޕުޅު މުޙައްމަދުގެފާނު ދެކެ ލޯބިފުޅުވެވަޑައިގަތެއެވެ.
ކާފަ ދަރިކަލުން ފެނިވަޑައިގަންވާ ކޮންމެ ހިނދެއްގައި މޫނުފުޅުން ފެނިވަޑައިގަންނަވާ އުޖާލާކަމުން ޢަބްދުލްމުއްޠަލިބުގެފާނުގެ ހިތްޕުޅަށް އުފާވެރިކަމާއި ތަނަވަސްކަން ވަދެއެވެ. މި ދަރިކަލުންނަށް އާދަޔާ ޚިލާފު ޝަރަފަކާއި ޢިއްޒަތެއް މާތް الله މިންވަރު ކުރައްވަފާނޭކަމުގެ އިޙުސާސްތައް ކުރެވެމުން ދިޔައެވެ. މާގިނަ ދުވަސް ތަކެއް ނުވަނީސް ޢަބްދުލްމުއްޠަލިބުގެފާނު ވެސް ދުނިޔެ ދޫކުރައްވައިފިއެވެ.
ދެން އެ ތުއްޕުޅު މުޙައްމަދުގެފާނުގެ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނުގެ ކަފާލަތުގެ ދަށަށް ގެންދެވިއެވެ. އަބޫޠާލިބުގެފާނުގެ ހިތްޕުޅުގައި މުޙައްމަދުގެފާނާ މެދު ނުހަނު މަތިވެރި މަޤާމެއް ދެވިފައިވެއެވެ.
ބައްޕާފުޅާއި މައްމާފުޅާއި ކާފާފުޅު ވެސް ދުނިޔެ ދޫކުރައްވައިފައި ޔަތީމު ޙާލުކޮޅުގައިވާ ތުއްޕުޅު މުޙައްމަދުގެފާނަށް ޓަކައި އަބޫޠާލިބުގެފާނުގެ ހުރިހާ ކަމެއް ޤުރުބާންކުރައްވަމުން ގެންދެވިއެވެ. ބޮޑު ބޭބޭފުޅު އަބޫޠާލިބުގެފާނުގެ އަރިހުން ދިރިއުޅުމުގެ ކަންކަން ދަސްކޮށްދެއްވައި ބޮޑު ބޭބޭފުގެ އޯގާތެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައި މުޙައްމަދުގެފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދެވިމެއެވެ.
މުޙައްމަދުގެފާނުގެ ޝަޚުޞިއްޔަތު ހަރުދަނާ ޝަޚްޞިއްޔަތެއްގެ ގޮތުގައި ތަރުބިޔަތުވެވަޑައިގަތުމުގެ ފަހަތުގައި ޙިކުމަތުން ފުރިގެންވާ ސިއްރުތަކެއް ވެއެވެ. މީގެ އެންމެ ފުރަތަމަ ސިއްރަކީ اللهގެ މަތިވެރި ރަޙުމަތެވެ. މުޙައްމަދުގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވެވަޑައިގަތުމަކީ އަޒަލުގައި ތަޤުދީރުކުރެއްވިގެންވާ ކަމެއްކަމަށްވާތީ، އެކަލޭގެފާނު ތަރުބިޔަތުވެވަޑައިގަތީ اللهގެ މަތިވެރި އޯގާވަންތަކަމުގެ ދަށުންނެވެ.
މި ވާހަކަތައް އައްޟުޙާ ސޫރަތުގައި الله ބަޔާންކުރައްވާފައިވެއެވެ. އެއްވެސް ޙާލަތެއްގައި الله އެކަލޭގެފާނު ދެކެ ކޯފާވެވޮޑި ނުގަންނަވާނެކަމަށާއި ނިކަމެތި ޙާލުކޮޅުގައި ވަނިކޮށް ތަނަވަސްކަން ދެއްވި ކަމަށާއި އަދި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ނިޢުމަތް އެކަލޭގެފާނަށް ދެއްވެވިކަމާއި ދުނިޔެއަށް ވުރެ އާޚިރަތުގައި އެކަލޭގެފާނަށް ހުރި ނިޢުމަތްތަކުގެ ބޮޑުކަން ބަޔާންކުރައްވައިފައިވެއެވެ. އަދި ޔަތީމު ކުދީންނަށް ހެޔޮކޮށް ހިއްތެވުމަށާއި ބޭނުންޖެހިފައިވާ މީހުންނަށް އަޅައިލެއްވުމަށް އެކަލޭގެފާނަށް އެ ސޫރަތުގައި މާތްالله ވަޞިއްޔަތްކުރައްވައިފައިވެއެވެ.
ނުނިމޭ
އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.