އިއްތިފާގު
އިއްތިފާގު

ފަތިހު ހަތަރެއް ޖެހިއިރު ވެސް އަހަންނަށް އޮތީ ނުނިދިފައެވެ. ވިދާލާ ވިދުވަރުގެ އަލިން މުޅި ކޮޓަރިތެރެ ދިއްލާލާ މަންޒަރު ބަލަން އަހަރެން ބިރު ގަންނަނީއެވެ. ކޮންމެ ވިދުވަރަކާ އެކު ޖަހާލާ ބާރު ގުގުރީގެ އަޑުން ހިތަށް ސިހުން ގެނުވަނީއެވެ. އިރުއިރުކޮޅުން ފުރާޅުމައްޗަށް އޮއްސާލާ ބޮޑުތިކި ވާރޭގެ އަޑުން ނިދަން ވެސް އުނދަގޫ ވަނީއެވެ. ޖެހެމުންދާ ގަދަ ވައިގެ ބޫން އަޑުން ވެސް ދެ ލޯ މަރާލަން ޖެހިލުން ވަނީއެވެ. ހީވަނީ ދެންމެ ދެންމެ ފުރާޅު ހޫރާލަފާނެހެންނެވެ. ބިރުން ސިހިސިހި އެހެން އޮއްވާ އަހަންނަށް ނިދުނު އިރެއް ވެސް ނޭނގެއެވެ.

ހޭލެވުނީ ބާރުބާރަށް މީހަކު ގޭގެ ދޮރުގައި ތަޅާ އަޑަށެވެ. ލޯ ހުޅުވާލެވުނު ނަމަވެސް ނުތެދުވެ އަހަރެން އޮތީ އަހަރެންގެ ނަމުން ގޮވަނީ ކާކުތޯ ވިސްނާލާށެވެ. އެއީ ކާކުކަން ޔަގީންވުމުން ފުންމައިގެން ތެދުވީމެވެ. އަދި ދިޔަ ގޮތަށް ގޮސް ގޭގެ މައިދޮރު ހުޅުވީމެވެ. އެއާއެކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، ސާމިޔާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ.

"އަދިވެސް ނިދަނީތަ؟" ސާމިޔާގެ މޫނުމަތީގެ ފުސްކަމާއި އަޑުގައިވާ ނުތަނަވަސްކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގުނެވެ.

"އާނ! މި ހޭލެވުނީ. ދުންޖަހާފައި ތިއައީ ކީއްވެތަ؟" ހޭވިފައިވާ އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާލަމުން ސުވާލު ކުރީމެވެ.

"މި ރަށު ފުއްޓަރު ފަރާތަށް މަރުވެގެން ލައްގާފައި އޮތް މީހެއް ފެނިގެން ރައްޔިތުން އެބަ އެއްވޭ އެތަނަށް،" ސާމިޔާގެ ޖުމްލައިން އަހަރެން ޖެހިލުންވިއެވެ.

"ވަރަށް ބޮޑަށް ފޯވެފަޔޯ އޮތީ. ހާދަ ބިރެއް ގަތޭ. މިހާރު އުޅެނީ ވަޅުލަން ވެގެން ކަންނޭނގެ. އަހަރެންގެ މަންމަމެން ކިޔާނެ ކަނޑުން ލައްގާ މީހުން ރަށްރަށުގައި ވަޅުލާކަށް ނުވާނެޔޯ. އެ މީހާގެ ގަބުރު އަރާނެޔޯ ވެސް ކިޔާނެ." ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ސާމިޔާ ބުންޏެވެ.

"އަޅެ. އަހަރެން ރޭ ވެސް ނުނިދަން ބިރުން. މަންމަމެންގެ ބޭސްފަރުވާ ނުނިމިގެން އަދިވެސް މާލެއިން އާދެވޭ ގޮތެއް ނުވޭ. އަހަރެން އެކަނި އުޅެން ވަރަށް ބިރުގަނޭ." އެހީއަށް އެދޭ ފަދަ ރާގަކަށް އަހަރެން ވާހަކަ ދެއްކީމެވެ. އެއާއެކު ސާމިޔާ ބޯޖަހާލިއެވެ.

"އަހަރެން ވެސް މި ނިދަނީ ކޮއްކޮއާ އެކު. ޖާގަ އޮތް ނަމަ ނާހީ ގެންދިޔައީމުސް،" ސާމިޔާ ދިނީ އަހަރެން ބޭނުންވި ކަހަލަ ޖަވާބެއް ނޫނެވެ.

ނަމަވެސް އޭނާގެ ހާލަތު އޭނާ ތެދަށް ހާމަ ކޮށްދިނުމުން އަހަރެންގެ ހިތުގައި އޭނާއާ މެދު އެއްވެސް ހިތްބަރުކަމެއް ނެތެވެ. އެހެންކަމުން ހަމައެކަނި ހިނިތުންވުމަކުން އެ ވާހަކަ އަހަރެން އޮއްބާލީމެވެ.

"އަހަރެން ދެން ދަނީއޭ. ހަވީރު އަހަރެމެން ގެއަށް އަންނައްޗޭ އިނގޭ. ވިއްސާރަ ނޫނިއްޔާ ވާނެ ބޭރަށް ގޮސްލަން،" ސާމިޔާ ތެދުވެ އެހެން ބުނެލުމުން އަހަރެން އަނެއްކާ ވެސް ބޯ ޖަހާލީމެވެ.

ހިނިތުންވެލަމުން ސާމިޔާ ނިކުމެގެން ދިޔުމާއެކު އަހަރެން އަނެއްކާ ވެސް ގޭގެ ދޮރު ލައްޕައި ތަޅުލީމެވެ. އަދި ދޮރުގައި ލެނގިލައިގެން ހުރެ ސާމިޔާ ދެއްކި ވާހަކަތަކާ އެކު ވިސްނެން ފެށުނެވެ. މަރަކީ ކޮންމެ ނަފްސެއް ވެސް ދެކޭނެ ރަހައެއްކަން ހަނދާންވުމުން އަހަރެން އަވަސްވެގަތީ ފަތިސް ނަމާދު ޤަޟާއަށް ކުރުމަށެވެ.

"ރޭގަ ނުނިދުނީމައޭ ހޭނުލެވުނީ ވެސް،" ބޯ ހޫރާލަމުން އަހަންނަށް ބުނެވުނެވެ.

އިތުރަށް މަޑުނުކޮށް ކޮޓަރިން ތުވާލި ނެރެގެން އަހަރެން ގިފިލި ފަރާތަށް ނިކުތީމެވެ. އޭރު ވެސް ކޮންމެވެސް ވަރަކަށް ތުނިކޮށް ވާރޭ ވެހެއެވެ.

ދުވަހަކީ ވިއްސާރަ ދުވަހެއްކަމުން އަހަރެން އެއްގޮތަކަށް ވެސް ބޭރަކަށް ނުނިކުންނަމެވެ. މަންމަ ގެނެސްފައި ހުރި، ނޫސްތައް ކިޔަން ހަތަރުދަމު އަހަރެން އޮތީ ކޮޓަރީގައެވެ. ބަނޑުހައިވާކަން އަހަންނަށް އިހުސާސްވީއިރު އިރުއޮއްސިއްޖެއެވެ. އަހަންނަކީ އެއް އިރެއްގައި ވެސް އެހާ ގިނައިން ކާ މީހެއް ނޫނެވެ. އަހަރެންގެ އެންމެ އާއްމު ކެއުމަކީ ކަޅުސަޔާއި ލޮނުބިސްކޯދެވެ. އެހެންކަމުން އަބަދުވެސް ހުސްނުކޮށް ގޭގައި ބިސްކޯދު ދަޅެއް ހުރެއެވެ.

ކިޔަން އޮތް ނޫސް ލައްޕާލުމަށް ފަހު ސިޓިންރޫމަށް ނިކުތީމެވެ. އަހަރެމެންގެ ބަދިގެ އާއި ކާގެއަކީ ވެސް ހަމަ ސިޓިންރޫމެވެ. ތެޔޮ އުނދުން މަތީގައި ހުރި ސައިކުރާ ހޫނުކޮށްލުމަށް ފަހު ޖޯޑަކަށް ސައި އެޅީމެވެ. އަދި މޭޒުދަށުގައި ހުރި ބިސްކޯދު ޑަބިޔަލުން ހައެއްކަ ބިސްކޯދު ހިފައިގެން އައިސް އަހަރެން އިށީނީމެވެ. ރަނގަޅަށް ބަނޑު ފުރެންދެން ކައިގެން އަނެއްކާ ވެސް އަހަރެން ގޮސް ކޮޓަރީގައި އޮށޯތީމެވެ. އެއާއެކު ފޫހިކަން ހިތަށް ވެރިވާން ފެށުމުން އަނެއްކާވެސް އަހަންނަށް ނިދޭ ގޮތް ވިއެވެ.

ސިހިފައި ހޭލެވުމާއެކު ދެން އޮށޯންނަ ހިތެއް ނުވިއެވެ. ވާރޭ ވެހޭ އަޑު އިވޭތީ ބޭރު ބަލައިލުމަށް ހިތް އެދެން ފެށިއެވެ. އެހެންކަމުން ތެދުވެގެން ގޮސް ދޮރުކަނީގައި ލެނގިލައިގެން ބޭރު ބަލަން އަހަންނަށް ހުރެވުނީ ވިއްސާރަ ވެހޭ މަންޒަރަކީ ހިތްގައިމު މަންޒަރަކަށް ވާތީއެވެ. ޖެހެމުންދާ ތެތްފިނި ވައިގެ ސަބަބުން ހަށިގަނޑަށް ލިބެނީ ފިނި އަރާމެކެވެ. ހީކަރުވަން ފެށި ނަމަވެސް އެތެރެއަށް ވަންނަ ހިތެއް ނުވިއެވެ. މަޑުމަޑުން ބޭރަށް ނިކުމެ އަސްކަނިން ފައިބަމުންދާ ފެން ރޮނގުތަކުގެ ތެރެއަށް އަތް ދިއްކޮށްލީމެވެ.

އޭރު އެ ސަރަހައްދުގައި ވެސް މީހަކު ފެންނާކަށް ނެތެވެ. އެކަން އަހަންނަށް އިހުސާސް ކުރެވުނީ ކުޑައިރުކޮޅެއް ފަހުންނެވެ. އެހެންވެ އިސާހިތަކު ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ސާމިޔާ ދެއްކި ވާހަކަތައް އަހަރެންގެ ހަނދާނަށް އައީ ހަމަ އެ ވަގުތެވެ. އަވަހަށް އެތެރެއަށް ވަންނަން އެނބުރިލީ ވަގުތު ބާރު އަޑެއް އިވި އަހަންނަށް ފަހަތް ބަލައިލެވުނެވެ. އޭރު މަގުމަތީގައި ހެދިފައި އޮތް ބޮޑު ފެންގަނޑުގެ މެދުން މީހަކު ބާރުބާރަށް ހިނގާފައި އާދެއެވެ. ފިރިހެނެއްކަން ޔަގީނެވެ. ތެމިފޯވެގެން އަންނަ އެމީހާ ގެއާ އަރާ ހަމަވުމުގެ ކުރިން އަހަރެން ބޭނުންވީ އެތެރެއަށް ވަންނާށެވެ. އެހެންކަމުން އަވަސް އަވަހަށް ދޮރު ލައްޕައި ތަޅުލީމެވެ.

ކޮޓަރިއަށް ނުވަދެވި އުޅެނިކޮށް ދޮރުގައި ޓަކި ޖެހި އަޑު އިވިއްޖެއެވެ. އެއަޑާއެކު އަހަންނަށް ހުރިތަނަށް ގަނޑުވެވުނެވެ. ހަރަކާތް ހުއްޓި، ދޮރާ ދިމާލަށް ބަލަން ހުރެވުނީއެވެ. ދެތިން ސިކުންތަށް ފަހު އަނެއްކާވެސް އިވުނީ ޓަކީގެ އަޑެވެ. ކުރިއަށްވުރެ ބާރަށެވެ. އަހަރެންގެ ސިކުނޑި ވިސްނައިދެނީ އަޅާނުލައިގޮސް ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ހިތް އެދެނީ އެހީއަކަށް އެދިގެން އަންނަ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ދޮރު ހުޅުވާލުމަކުން ގޯހެއް ނެތް ކަމަށެވެ. އެންމެ ފަހުން އަހަރެން މަޑުމަޑުން ދޮރާ ދިމާލަށް ހިނގައިގަތީ ހިތުގެ މައްޗަށް ބުރަވެ ހުރެއެވެ.

ކުޑަ ހާސްކަމެއްގައި ހުރެ، ދޮރު ހުޅުވާލީ ވަރަށް ވެސް ކުޑަކޮށެވެ. ދޮރުމަތީގައި ހުރީ ޒުވާން ފުރައިގެ ފިރިހެނެކެވެ. ދޮރުކަންޏާއި ދޮރާ ދޭތެރެއިން އޭނާ އަހަންނަށް ބަލައިލިއެވެ.

"ކާކު؟ ކީއްކުރަން؟" އަހަރެން ސުވާލު ކުރީމެވެ. އެއާއެކު އޭނާ ވަށައިގެން އެކި ދިމަދިމާ ބަލައިލިއެވެ. އެއަށްފަހު އަނެއްކާ ވެސް އޭނާ ބަލަންފެށީ ކަންބޮޑުވެފައިވާ އަހަރެންގެ މޫނަށެވެ.

"އަހަންނަކީ ބީރައްޓެއްސެއް. ކުޑަ ޑިންގީއެއްގައި ފަރުމަހަށް ނިކުމެ އުޅެނިކޮށް ކޮޅިގަނޑުގައި ޖެހިގެން އަހަރެން މި ރަށަށް މިއައީ. ފެންފޮދެއް ލިބިދާނެތަ؟" އޭނާ ވާހަކަ ދައްކަން ފެށުމާއެކު އެއަޑުގެ އަސަރުގަދަކަން އަހަރެންގެ ހިތަށް އިހުސާސް ކުރެވުނެވެ.

އޭނާ ވާހަކަ ދައްކާ ނިމުމުން ވެސް ލޯ ދިއްކޮށްގެން އަހަންނަށް އިރުކޮޅަކު ހުރެވުނެވެ. އޭނާގެ އަޑުގައިވާ މަޑުމައިތިރިކަމުން އަހަންނަށް ވިސްނުނީ އެއީ ރަނގަޅު މީހެއްގެ ގޮތުގައެވެ.

"އެތެރެއަށް ވަންނަންވީނު!" ކުރިއަށްވުރެ ބޮޑަށް ދޮރު ހުޅުވާލުމަށްފަހު އަހަންނަށް ބުނެވުނެވެ.

އޭނާ އެތެރެއަށް ވަދެއްޖެއެވެ. އެއީ އަހަންނަށްވުރެ ވެސް މާ ދިގު ޒުވާނެކެވެ. ސިޓިންރޫމްގައި ދިއްލާފައިހުރި ހޮޅިބުރި އަލިން އަހަންނަށް އޭނާގެ މޫނު ރީތިކޮށް ފެނުނެވެ.

"ތެމިފައި ހުއްޓަސް ރަނގަޅުވާނެ! އިށީންދޭ،" ސަރަންފީ އަށް އިޝާރާތްކުރަމުން އަހަރެން ބުނީމެވެ.

ހިނިތުންވެލަމުން އޭނާ އިށީނެވެ. އަހަރެން އަވަސް އަވަހަށް ގޮސް ފެންތައްޓެއް އަޅައި އޭނާއަށް ދިއްކޮށްލީމެވެ. އޭރު ވެސް އިސްޖަހާލައިގެން އިން ޒުވާނާއަށް އިރުއިރުކޮޅުން ވަގުލޮލަކުން އަހަންނަށް ބެލެނީއެވެ. އެއީ ރީތި ފިރިހެނެކެވެ. ފިރިހެންވަންތަކަން ލިބިފައިވާ ވަރުގަދަ ހަށިގަނޑެކެވެ. އޭނާ އަހަންނަށް ހުސްތަށި ދިއްކޮށްލުމާ އެކު ހިތަށް ނުބައި ވަސްވާސްތައް ވެރިވާން ފަށައިފިއެވެ. ގޭގައި އިތުރު މީހަކު ނެތީސް ނުދަންނަ ފިރިހެނަކު ގެއަށް ވެއްދުމަކީ ކުރެވުނު މޮޔަކަމެއް ބާވައެވެ؟ ކުރެވުނީ ރަނގަޅު ކަމެއް ބާވައެވެ؟ މީނާގެ ފަރާތުން ގެއްލުމެއް ނުލިބޭނެބާވައެވެ؟ ތަފާތު އެކި ސުވާލުތަކުން އަހަރެންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެފަދަ ފިކުރުތަކުގައި ހުރެ އަހަރެން ފާރުގައި ލެނގިލި އިރު ވެސް އޭނާ ހަމަ އިނީއެވެ.

"ނިދި އަންނަންޏާ ނިދަން ވަދޭ! އަހަރެން މިތާ މަޑުކޮށްލާނަން،" ފުރަތަމަ ފަހަރަށް އޭނާ އަހަންނަށް ބަލައިލި ގޮތުން ހިތަށް ދިޔައީ ފިނި ވެގެންނެވެ.

"ނިންޖެއް ނާދޭ،" އަހަރެން ދިނީ ކުރު ޖަވާބެކެވެ. އޭރު ވެސް އޭނާ އިނީ އަހަންނަށް ބަލާށެވެ.

"ތިއީ ހާދަ ލޯބި ކުއްޖެކޭ،" ހިނިތުންވެލަމުން އޭނާ ބުނެލި ޖުމްލައިން އަހަންނަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ. ފިރިހެނެއްގެ ދުލުން އެފަދަ ތަޢުރީފުގެ ބަހެއް ބުނެލާ އަޑު ވެސް އަހަންނަށް މި އިވުނީ ފުރަތަމަ ފަހަރަށެވެ.

"ހަމަ ތެދެއް. މީގެ ކުރިން އަހަރެން ނުދެކެން ތިހާ ރީތި އަންހެން ކުއްޖަކު. ތިއީ ކޮންފަދަ އަޖައިބު ހިތްގައިމު ކަމެއް ލިބިފައިވާ ކުއްޖެއްތަ؟"

މަޑުމަޑުން ތެދުވެގެން އައިސް އޭނާ އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު އަހަންނަށް އިސްޖަހާލެވުނެވެ.

"ގޮތް ނޭނގޭ މީހުންނާ ތިޒާތުގެ ވާހަކަ ދައްކައެއް ނޫޅެން."

ލަދުރަކި ގޮތަކަށް އަހަރެން އެހެން ބުނުމާއެކު އޭނާ އިތުރަށް އަހަންނާ ކައިރިވިއެވެ. ފަހަތަށް ޖެހިލަން ބޭނުންވި ނަމަވެސް އަހަރެން ހުރީ ފާރުގައި ލެނގިލައިގެން ކަމުން އިތުރަށް ދުރަކަށް ނުދެވުނެވެ. ދާހިތް ނުވެސް ވީއެވެ.

"ތި ދެ ލޮލުން އަހަންނަށް ނިކަން ބަލައިލަބަލަ. އަހަރެންގެ ފިނިވެފައިވާ މި ހަށިގަނޑަށް ތި ދެ ލޮލުގެ ތޫނު ނަޒަރުން ހޫނުކަން ވެރިވެދާނެ،" ސިއްރުސިއްރުން އޭނާ އެހެން ބުނުމާއެކު މިފަހަރު ވެސް އަހަންނަށް ބަލައިލެވުނީ ހިނިތުންވެލަމުންނެވެ.

"ލަދުވެތިކަމުގެ ފަރުދާ ކަހާލައިފިކަން ތި މަސްތީ ހިނިތުންވުމުން އަހަންނަށް އެނގިއްޖެ."

އެހެން ބުނުމަށްފަހު އަހަރެންގެ ހިމަހިމަ އުނަގަނޑުގައި ހިފައި އޭނާއާ ދިމާލަށް ދަމާލިއެވެ. ތެމިފޯވެފައިވާ އޭނާގެ ގައިން އަހަރެން ވެސް ތެމެމުން ދިޔައެވެ. ނަމަވެސް ދުރަށް ދާ ހިތެއް ވެސް ނުވިއެވެ. ރުޅިއެއް ވެސް ނާދެވުނެވެ.

ކޮޓަރިތެރެއަށް އަލިކަން ވެރިވުމާއެކު ދެ ލޯ ހުޅުވާލެވުނީ ވަރުބަލި ކަމާ އެކުގައެވެ. އެއާއެކު އަހަންނަށް ކޮޓަރީގެ އެކި ދިމަދިމާލަށް ބަލަން ފެށުނެވެ. ރޭ އަހަންނާއެކު މި އެނދުމަތީގައި އޮތް ޒުވާނާ ނެތްކަން އެނގުމުން ބާރުބާރަށް މޭވެސް ތެޅެން ފަށައިފިއެވެ. ގައިގެ އެތަން މިތަނުގައި ވޭން އަޅަމުންދާކަން އިހުސާސް ކުރެވުނީ ތެދުވެ ހިނގައިގަތުމުންނެވެ. ކުކުރަމުން ކަހަލަ ގޮތަކަށް އަހަރެން ގޮސް ފުރަތަމަ ވެސް ބެލީ ގަޔަށް ހެދުމެއް މަހާލެވޭތޯއެވެ.

ރޭގައި ލައިގެން ހުރި އެއްޗެހި އޭރު ވެސް ހުރީ ތަރުފާލު މަތީގައެވެ. އުނދަގޫ ގޮތަކަށް ހިނގަމުން ގޮސް ސިޓިންރޫމް ވެސް އަހަރެން ބަލައިލީމެވެ. އޭނައެއް ނެތެވެ. އިރުއެރީމަ އެ ގެއިން ދާނަމޭ އެ ޒުވާނާ ބުނި ހަނދާން ވުމުން އަހަރެން ކުޑަކޮށް ހިތްހަމަ ޖައްސާލެވޭތޯ ބެލީމެވެ. ނަމަވެސް ގޭގެ މައިދޮރު ތަޅުލައިފައި ހުރުމުގެ ސަބަބުން އަނެއްކާ ވެސް އަހަންނަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާ ބޭރަށް ދިޔައިރު ދޮރުގެ ތަޅުދަނޑި އޮތީ އެތެރޭގައެވެ.

"ދެން ކިހިނެއްބާ އެ ނިކުތީ؟ ވެދާނެ އަހަންނަށް ނިދީގައި ގޮސް ތަޅުލެވުނީ ކަމަށް ވެސް،" ހިތާ ދެކޮޅަށް ވެސް އަހަރެން ބޭނުންވީ އެގޮތަށް އެކަން ނިންމާށެވެ. އެގޮތް ގަބޫލު ކުރާށެވެ.

އިރުއޮއްސުމުން ވެސް އަހަރެން ބޭރަކަށް ނުދަމެވެ. ކޮޓަރިތެރޭގައި އޮވެގެން ވިސްނެނީ ރޭގެ ހާދިސާއާ މެދުގައެވެ. ކުޑަވަގުތު ކޮޅަކަށް ދިމާވި އެ މެހެމާނާ މިހާރު ކޮބައިބާވައޭ ހިތަށް އެރިއެވެ. އޭނާ ދަމުން ގޮވައިނުލީ ކީއްވެ ހެއްޔެވެ؟ އޭނާގެ ފަރާތުން ލިބުނު އުފާތަކަކީ ދުވަހަކު ވެސް ތަޖުރިބާ ކޮށްފައިނުވާ ފަދަ އަޖައިބުކުރަނިވި އުފާވެރި ކަމެކެވެ. އެ ޒުވާނާގެ އެ ސޫރަ ދުވަހަކު ވެސް އަހަރެންގެ ހިތުން ނުފިލާނެކަން ޔަގީނެވެ. ކޮންމެވެސް ދުވަހަކުން އަދި އަހަރެން އޭނާ ހޯދާނަމޭ ވެސް އެ ވަގުތު ހިތަށް އެރިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމަ ބުނެގެން މާލެއިން ނޫސް ފޮނުވާ ދައްތައެއް ބޯޓުން ނޫސްތަކެއް ފޮނުވިއެވެ. ފޮށިގަނޑު ކަނޑާލީ ޚުދު އަހަންނެވެ. އެންމެ ފުރަތަމަ އޮތް ނޫސް ނަގައި ކުޑަކޮށް ބަލައިލީމެވެ. ދެތިން ސަފްހާ އެއްލުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ މީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން އަހަންނާ ބައްދަލްވި ޒުވާނާގެ ފޮޓޯއެކެވެ. އެއީ ހަމަ އެ ސޫރައެވެ. އެ މޫނެވެ. އެހެންކަމުން އަހަރެން ޝައުގުވެރިކަމާއެކު ބަލަން ފެށީމެވެ. ފޮޓޯގެ މަތީގައި ފަލައަކުރުން ލިޔެފައި އޮތް ސުރުހީ ކިޔާލެވުމާއެކު އަހަންނަށް ހީވީ ހިތް ހުއްޓުނު ހެންނެވެ.

"ޑިންގީއެއްގައި މަސްވެރިކަމުގައި ނިކުމެ އުޅުނު ޝިޔާމް ފެނުނީ މަރުވެފައި އޮއްވާ!"

އަހަރެން އަވަސް އަވަހަށް އިތުރު ތަފްސީލް ކިޔަން ފެށީމެވެ. ތާރީޚް ބަލައިލި އިރު އެއީ މީގެ ދެތިން ހަފްތާ ކުރީގެ ޚަބަރެކެވެ. ނެގިނެގިފައި ޖެހެމުންދާ ހިތަކައިގެން އަހަރެން ނޫސް ކިޔަމުން ދިޔައީމެވެ. އޭނާ ފެނިފައިވަނީ މިރަށު ގޮނޑުދޮށުންކަން އެނގުމާއެކު އަހަރެންގެ އަތުން ނޫސް ދޫވިއެވެ.

"ދެން... އެއީ ކާކު؟" އަހަންނަށް އެހެން ބުނެވުނު އިރު ފެންކަޅި ވެއްޖެއެވެ. ބިރުންގޮސް ތުރުތުރުއަޅަން ފެށިއެވެ. ވެއްޓިފައި އޮތް ނޫހަށް ބަލައިލެވުމާއެކު ނޫހުގައި އޮތް ފޮޓޯގަނޑު ދެވަނަ ފަހަރަށް ފެނުމާއެކު އަހަރެން ގަތީ ބިރެވެ. މޫނުމަތީ އަތް އަޅައިގެން ހުރެ ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އެއާއެކު ވީނުވީއެއް އަހަންނަކަށް ނޭނގުނެވެ.

ހޭވެރިކަން ވީ އިރު އޮވެވުނީ ވެލިގަނޑެއްމަތީގައިކަން އަހަންނަށް އެނގުނެވެ. ދެ ލޯ ހުޅުވާލުމަށް ފަހު ވަށައިގެން ނަޒަރު ހިންގާލެވުނީ ނުހަނު އަވަހަށެވެ. އެއާއެކު ތެޅިގަނެވުނެވެ. އަހަންނަށް އޮވެވުނީ ގަބުރުސްތާނުގެ މަހާނައެއްގެ މަތީގައެވެ. ގަބުރުސްތާނަށް އާދެވުނު ގޮތެއް އަހަންނަކަށް ނޭނގެއެވެ. ގައިމުވެސް އަހަރެންގެ ބާރަކު އަހަރެން މިތާކަށް ނާންނަމެވެ.

ސަރަހައްދަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އަހަރެން ހިނގައިގަތީމެވެ. މަހާނަތައް މަތިން ހިނގާފައި ނިކުންނަން ކިތަންމެ ބިރުގަތް ނަމަވެސް އަހަރެން ކެތްކުރީމެވެ. ސަލާމަތް ހޯދުމަށެވެ.

"ނާހީ... އަހަރެން ދޫކޮށްފައި ކީއްވެ ތި ދަނީ؟ އެހާ ލޯތްބާ އުފާ ދީފައި ދުރަށް ދަނީތަ؟ ދެން ނުދެވޭނެ ދުރަކަށް. އަހަރެން ބޭނުން ނާހީ." އަޑު އައީ ކުރިމަތިންނެވެ.

ޝިޔާމްގެ ސޫރަ އަހަންނަށް ފެނުނީ ބިރުވެރި ސިފައެއްގައެވެ. އޭނާ އަހަންނާ ދިމާލަށް އަންނަން ފެށުމުން، އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. އެއާއެކު އަނެއްކާ ވެސް އަހަރެން ވެއްޓިއްޖެއެވެ. މިފަހަރު ވެއްޓުނީ ވެލިގަނޑު މައްޗަކަށް ނޫނެވެ. ހުޅުވިފައި އޮތް ސަންދޯކެއްގެ ތެރެއަށެވެ. ދެ ލޯ ބޮޑުކޮށްގެން އޮވެ އަހަރެން ހަޅޭއްލަވަން މަސައްކަތްކުރީމެވެ. ނަމަވެސް އަރުތެރެއިން އަޑު ނިކުންނަ ގޮތެއް ނުވިއެވެ. އިސާހިތަކު އޭގެ މަތިގަނޑު ޖެހި އަހަރެންގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ.

"ނާހީ! ކިހިނެއްތަ ވީ؟ "އަހަރެންގެ ކޯތާފަތުގައި ޖަހާލަމުން ފިރިމީހާ އަހުމަދު ގޮވަން ފެށިއެވެ. އެއާއެކު ރަނގަޅަށް ހޭވެރިކަން ވެއްޖެއެވެ.

"ހުވަފެނެއް ފެނުނީތަ؟ ބާރު ބާރަށް މަންމައަށް ގޮވާތީ ބިރުން މަ މިހުރީ!" އަހުމަދު ހުރީ ވަރަށް ބޮޑަށް ހެވިފައެވެ. ނަމަވެސް އޭރު ވެސް އަހަރެންގެ ސިކުނޑީގައި ތާޒާކަމާއެކު ފެނުނު ހުވަފެނުގެ އަސަރުތައް ހުރީ އާވެއާވެއެވެ.

"މެންދުރު ވެސް ނާހީ ހުވަފެން ބަލައޭ ދޯ!" އަނެއްކާވެސް އަހުމަދު ބުނެލިއެވެ. ކޮންމެވެސް ވަރަކަށް އަހަންނަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ނަމަވެސް އަދިވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނެތެވެ.

"އަހަރެންގެ އޮފީސް މޭޓެއް މިރޭ ކާންދާން ދަޢުވަތު ދީފި! ޝިޔާމް ބުނި ކޮންމެހެންވެސް ވައިފް ގެންނަން ވާނެޔޭ!" އަހުމަދުގެ ޖުމްލައިން އަހަރެންގެ ހިތް ގުޑައިގެން ދިޔަ ކަހަލައެވެ. ހައިރާންވެފައި އަހުމަދުގެ މޫނަށް ބަލައިލެވުނެވެ.

"ޝިޔާމޭ؟" އެ ނަން އަޑު އިވުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ.

"ހޫމް... ރެޑީ ވައްޗޭ! އަހަރެން މިދަނީ ކޮފީއަކަށް ދާން."

އަހުމަދު ދިޔުމާއެކު އަނެއްކާވެސް އަހަރެން އޮށޯވެލީމެވެ. ޝިޔާމްގެ ނަން މިއަދު އިވެންވީ ކީއްވެ ހެއްޔެވެ؟ ހުވަފެނުގައި ވެސް އަހަންނާ ބައްދަލްވީ ޝިޔާމަކާއެވެ. އަހަންނަށް ފެނުނީ ހުވަފެނަކަށް ވީ ނަމަވެސް އަހަންނަށް އެ ހުވަފެނާ މެދު ހާދަ ވަރަކަށް ވިސްނެން ފަށައިފިއެވެ.

ރޭގަނޑުގެ ވަގުތެވެ. އަހުމަދާއެކު ޝިޔާމްގެ ގެއަށް އަހަރެން ވަނީ ހާސްހިތަކައިގެންނެވެ. ބިރުވެރި ގޮތަކަށް ހިތް ތެޅެމުންދަނީ އަހަންނަށް ފެނުނު ހުވަފެން އޭރު ވެސް ސިކުނޑިތެރޭގައި ތާޒާވޭވޭ ހުރުމުންނެވެ. އެގޭ ސޯފާގައި ދެ މީހުން ތިއްބާ ކުއްލިއަކަށް ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށް އަހަރެމެން ދެ މީހުންނަށް އެދިމާލަށް ބަލައިލެވުނެވެ. އެއާއެކު އަހަންނަށް ހީވީ އަހަރެންގެ މުޅި ހަށިގަނޑު ވެސް ހުއްޓުނު ހެންނެވެ.

އެއީ ހަމަ އެ ޝިޔާމެވެ. އެ ސޫރައެވެ. ތަފާތެއް ނެތެވެ. ހުވަފެނުގައި އަހަންނަށް އަޖައިބުކުރަނިވި އުފަލާއި އަރާމު ދިން ޝިޔާމެވެ. އަދި ގަބުރުސްތާނަށް ގެންގޮސް ސަންދޯކެއްގެ ތެރެއަށް އަހަރެން ވައްޓާލީ ވެސް ހަމަ އޭނާއެވެ. އަހަރެންގެ ހިއްސުތައް ގަނޑުވީ ކަހަލައެވެ. ހައިރާންވެފައި އޭނާއަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. އެއާއެކު އޭނާގެ ފަހަތުން ނިކުތް އަންހެން ކުއްޖާގެ އަތުގައި ހިފުމަށްފަހު އަހަރެމެންނާ ދިމާލަށް އޭނާ އަންނަން ފެށިއެވެ.

"މިއީ އަހަރެންގެ ވައިފް ކައި،" ކައި ގާތް ކޮށްލަމުން ޝިޔާމް ބުނެލިއެވެ.

ގަދަކަމުން އަހަރެން ހިނިތުންވެލީމެވެ. އޭރު ވެސް ކުރިމަތީގައި އެނބުރެމުން ދަނީ ހުވަފެނުގައި ވެސް ފެނުނު ޝިޔާމްގެ ހަރަކާތްތަކެވެ. ސިހުން ގެނުވި ނަމަވެސް އަހަންނަށް ޝިޔާމް މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. ހިތާއި ރޫހުން ޝިޔާމަށް ހިތް އެދުނު ނަމަވެސް ކުރެވޭނެ ކަމެއް ނެތްކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ކުރިމަތީގައި ހިނިތުންވުމަކުން ފުއްދާލީމެވެ. ޝިޔާމަކީ އިއްތިފާގެކެވެ. އެހެނަސް އެ ހުވަފެން މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ.

ނިމުނީ