"ހަފުތާ 14"ގެ ހުރިހާ ވައުދެއްހެން ފުއްދިއްޖެ: ރައީސް
"ހަފުތާ 14"ގެ ހުރިހާ ވައުދެއްހެން ފުއްދިއްޖެ: ރައީސް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅި މަގުޗާޓު "ހަފުތާ 14"ގެ ހުރިހާ ވައުދެއްހެން ފުއްދިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގައި އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ކިތައް ޕަސެންޓް މިހާތަނަށް ފުއްދިއްޖެތޯ އެވެ.

"ހަފުތާ 14"ގައި ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 161 ވައުދެއް ފުއްދަން ހިމަނައިފަ އެވެ.

"އޭގެ ތެރެއިން ހުރިހާ ވައުދެއްހެން މިހާރު ވަނީ ކަނޑައެޅި ޓާގެޓާ ހަމައަށް ފުއްދިފައި،" ރައީސް ވިދާޅުވި އެވެ.

"ދެތިން ކަމެއް ގާތްގަނޑަކަށް ހަމަ ނިމުމަކާ ހަމައަށް ގޮސްފައި ވަނީ 161 ވައުދުގެ ތެރެއިން 155 އަށް ވުރެ ގިނަ ވައުދު ވަނީ ހަމަ އެއްކޮށް އެ ކަނޑައެޅި މިންވަރަށް ހާސިލްކުރެވިފައި."

ރައީސް ވިދާޅުވި ގޮތުގައި "ހަފުތާ 100"ގައި ކަނޑައެޅި ކަންކަމުގެ އިތުރުން އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބަހުއްޓެވެ. އެ މަސައްކަތް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ގުޅިގެން ބާރު ސްޕީޑުގައި އަންނަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.