15 މާޗް 2024 - 08:46

ހެނދުނުގެ އަލިކަން ދުނިޔެއަށް ވެރިވުމާއެކު އަހްލާމް ހުރީ ކޮޓަރިން ނިކުންނަން ތައްޔާރަށެވެ. އަލަތު ކައިވެނީގެ ފުރަތަމަ ދުވަސްކަމުން މައިދައިތަގެ ރުހުން އިންތިހާއަށް އަހްލާމް ބޭނުންވިއެވެ. އޭނާގެ ހުރި ހުރިހާ ހުނަރެއް މައިދައިތަ އާއި ގޭގެ އެހެން މީހުންނަށް ވެސް ދައްކާލާ ހިތްވިއެވެ.
"އަދި މަޑުކޮށްބަލަ،" އަހްލާމްގެ އަތުގައި ހިފަމުން އަޒާން ބުންޏެވެ.
ނަމަވެސް އަހްލާމް ހުރީ އެއަށްވުރެ ބޮޑަށް ނިކުންނަން ބޭނުންވެފައެވެ.
"އަހަރެންގެ މަންމަ އަބަދު ވެސް ބުނާނެ އަހަރެން ވަރަށް މީރުކޮށް ކައްކާނެޔޭ. އަޒާންގެ މަންމަ ވަރަށް ނަސީބުގަދަވާނެޔޭ ބުނާނެ. އެހެންވީމަ އަހަރެން ބޭނުން އަހަރެންގެ ފަރާތުން މި އާއިލާ އަށް ވަރަށް ރަނގަޅަށް ޚިދުމަތް ކުރަން،" އަހްލާމްގެ ޖުމްލައިން އަޒާން ބަލައިލީ ފަހުރުވެރިކަމާ އެކުގައެވެ.
އެއާއެކު އޭނާ އަވަސް އަވަހަށް އަހްލާމްގެ އަތުން ދޫކޮށްލިއެވެ. އަހްލާމް ކޮޓަރިން ނިކުތީ އަޒާންގެ މޫނަށް ބަލަމުން ހެމުންނެވެ.
އަހްލާމް ބަދިގެއަށް ދިޔައިރު އެއްވެސް މީހަކު އަދި ކޮޓަރިން ނުނިކުމެއެވެ. އެހެންކަމުން އޭނާ ބޭނުންވީ މައިދައިތަ ޝަރީފާގެ ފަރާތުން ތައުރީފުގެ ބަހެއް ލިބޭ ވަރަށް މަސައްކަތް ކުރާށެވެ. ކަބަޑުތައް ހާކަމުން އެއްޗެހި ހުންނަ ތަންތަން ވެސް ބެލީ އަމިއްލައަށެވެ. އަވަސް ހަރަކާތްތަކާ އެކު ރޮށި ފިހެ ނިންމާލުމަށް ފަހު ބޮޑު މުގުރިހަ ތެއްޔެއް ވެސް އޭނާ ކެއްކިއެވެ.
"ކޯއްޗެއް ކައްކަނީ؟،" އުނދުން ނިއްވާލުމާއެކު ފަހަތުން އިވުނު މައިދައިތަގެ އަޑުން އަހުލާމް ސިހިފައި ފަހަތް ބަލައިލިއެވެ. އޭރު ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ޝަރީފާ ހުރީ ބަދިގެ ދޮރުމަތީގައެވެ. މައިދައިތަ ފެނުމާއެކު އަހްލާމް ހިނިތުންވެލިއެވެ.
"ނާސްތާ ތައްޔާރުކޮށް ނިންމާލީ!" ހިނިތުންވަމުން އަހްލާމް ބުންޏެވެ.
އޭރު ވެސް ޝަރީފާ ހުރީ ބަދިގެ ދޮރުކަނީގައި އަތް ވިދެލައިގެންނެވެ. އެތެރެއަށް ވަންނަ ހިޔާލު ނެތްހެން ހީވެގެން އަނެއްކާވެސް އަހްލާމް ވާހަކަ ދައްކަން ފެށިއެވެ.
"މަންމަ އެއްޗެއް ބޯލަންވާނެއެއްނު. ކޮފީ ބޮންތަ؟" އޯގާތެރިކަމާއެކު އަހްލާމް ސުވާލު ކުރި ނަމަވެސް ޝަރީފާ ހުރީ އެހާ ގަޔާވެފައެއް ނޫނެވެ.
"ދޮންބެދައްތަ އައިތަ؟" އަހްލާމް ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝަރީފާ ވެސް ކޮށްލީ ސުވާލެކެވެ.
"އަދި ނާދޭ! އަހަންނަށް ތަންކޮޅެއް އަވަހަށް ބަދިގެއަށް އާދެވުނީމަ ރޮށި ފިހެފައި މުގުރިހަ ކައްކާލީ،"
ޝަރީފާގެ މޫނުމަތިން އުފާވެރިކަމެއް ފެންނަން ނެތުމުން އަހްލާމް ކޮންމެވެސް ވަރަކަށް ނުތަނަވަސް ވިއެވެ.
"މި ގޭގައި ކޮންމެ އެއްޗެއް ކެއްކިޔަސް ދޮންބެދައްތަ ގާތު އަހަންވާނެ. އޭނައަށް ބޮޑަށް އެނގޭނީ ކައްކަން ޖެހޭ އެއްޗެހި. މިގޭގައި އެހާ ގިނަ ދުވަހު އުޅެފައި ހުރީމަ އޭނައަށް މިގޭ މީހުންގެ ހުރިހާ ކަމެއް އެނގޭނެ،"
ޝަރީފާގެ ވާހަކައިން އަހްލާމަށް ބޯ ޖަހާލެވުނެވެ.
ހިތް ދެރަވީ ނަމަވެސް އޭނާ ގަދަކަމުން ހީލީ ކިޔަމަންތެރި ދަރިޔަކަށް ވާން ބޭނުން ވެގެންނެވެ. އިތުރަށް މަޑުކުރުމެއްނެތި ޝަރީފާ ގެއާ ދިމާލަށް ހިނގައިގަތުމުން އަހްލާމް ވެސް ބަދިގެ ދޮރު ލައްޕާލުމަށް ފަހު ގެއަށް ވަންނަން ދިޔައެވެ.
"އައްދެ! ހާދަ ފާޑަކަށް ތިހުރީ؟ ގައިމު ކޮޓަރިން ނިކުމެގެން ދިޔައިރު ހުރި އުފާވެރިކަމެއް ނެތް މިހާރަކު،"
ފާޚާނާއިން ނިކުތް އަޒާންގެ ޖުމްލައިން އަހްލާމަށް ނުރޮވުނީ ކިރިޔާއެވެ. ނަމަވެސް ގޭ މީހުންގެ ޝަކުވާ ކުރަން ބޭނުން ނުވެގެން އޭނާ ބޭނުންވީ މައިދައިތަގެ ވާހަކަތައް ސިއްރުކުރާށެވެ.
"ކުޑަކޮށް ވަރުބަލިވީމަ ހީވާގޮތް. ފެންވަރާލައިގެން ސައިބޯން ދާނީ،" އަހްލާމް އެހެން ބުނުމަށްފަހު އޭނާގެ ތުވާލި ނަގައި ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ މައިދައިތަގެ ވާހަކަތަކެވެ.
ފެންވަރާ އަވަދި ވެގެން އަހްލާމް އަނެއްކާ ވެސް ބަދިގެއަށް ދިޔައީ އަޒާން ގޭތެރެއިން ފެންނަން ނެތުމުންނެވެ. އޭނާ ގޮސް ބަދިގެއަށް ވަތް އިރު އަޒާން އާއި ޝަރީފާގެ އިތުރުން ދޮންބެދައްތަ ޒޫނާ ވެސް އިނީ ސައިބޯށެވެ.
"އަހްލާމް. އާދޭ ސައިބޯން،" ޒޫނާ އޯގާތެރިކަމާ އެކު ގޮވާލިއެވެ.
އަހްލާމް ހެވިފައި ހުރެ ގޮސް އަޒާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ މޭޒުމަތީގައި ހުރި ތަށިތަކަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހުނިރޮއްޓާއި މަސްހުނި ފިޔަވައި އިތުރު އެއްޗެއް ނެތެވެ.
"އަޒާނަށް މުގުރިހަ އެހާ ކަމަކު ނުދާނެ. އެހެންވެ އަލުން ސައި ކައްކަން ޖެހުނީ،" ހެވިފައި އިނދެ ޒޫނާ އެހެން ބުނުމުން އަޙްލާމަށް ބަލައިލެވުނީ އަޒާންގެ މޫނަށެވެ.
ޒޫނާއަށް ބަލައިލަމުން އަޒާން ހީލި މަންޒަރު ފެނި އަހްލާމްގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ.
"މަންމަ އެހެންވެ އަހްލާމް ކައިރީ މިއަދު ބުނީމެއްނު ދޮންބެދައްތަ ގާތު އަހާފައޭ ކޮންމެ ކަމެއް ވެސް ކުރަންވާނީ،" ޝަރީފާގެ އަޑަށް އަހްލާމަށް ބޯ ޖަހާލެވުނީ ކުއްވެރިޔަކު ފަދައިންނެވެ. އޭރު އޭނާގެ ހިތަށް ވަރަށް ބޮޑަށް ތަދުވެއްޖެއެވެ.
"މާދަމާ އޮވޭ އޮފީސް ކުދިންގެ މާހެފުން. ފެހި ކުލައިގެ ގަމީހެއް ލާން ޖެހެނީ. ރީތި ގަމީހެއް ގަންނަން ދާން ޖެހޭނީ،" ފެންތަށި ނަގަމުން އަޒާން ބުނެލީ އަހްލާމަށް ބަލައިލަމުންނެވެ.
"އަހަރެން ދާނަން އަޒާންއާ އެކު،" ހެވިފައި އިނދެ އަހްލާމް ބުނެލީ ނުހަނު އަވަހަށެވެ.
"ދޮންބެދައްތައަށް އެނގޭނެ އަހަރެން ލާނެ އެއްޗެހި ގަންނަން! ހަމަ އަސްލު ވެސް. އަހަރެން ނުގޮސް ވެސް ދޮންބެދައްތަ ގަންނަ އެއްޗެހި ވަރަށް ކަމުދޭ،" ހެވިފައި އިނދެ އަޒާން ބުންޏެވެ.
މިފަހަރު ވެސް އަޙްލާމަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. ދެރަވި ނަމަވެސް ޝަކުވާ ކުރާކަށް ބޭނުމެއް ނުވިއެވެ. ކެތްކޮށްގެން އިނީއެވެ.
ކޮޓަރިއަށް ގޮސް އަޒާން އެނދުމައްޗަށް ވެއްޓިގަތެވެ. ފަހަތުން ވަތް އަހްލާމް އޭރު ވެސް ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް މޫނުމަތިން ހަމަޖެހޭ ގޮތް ދައްކައިގެން ހުރެ އޭނާ ވެސް އަޒާން ގާތު އޮށޯވެލިއެވެ. ދޮންބެދައްތައާ ބެހޭގޮތުން ވާހަކަ ދައްކާ ނުލައި އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
"ދޮންބެދައްތަ ވަރަށް ދުވަސްވެއްޖެތަ މި ގޭގަ އުޅެނީ؟" އަހްލާމް ސުވާލަށް އަޒާން ހޫމް އަޅުވާލިއެވެ.
"އާނ. ވެދާނެ ދިހަވަރަކަށް އަހަރު. ދޮންބެ އުޅެނީ އަދިވެސް ބޯޓު ދަތުރު ކުރަން. އަހަރަކު ދެ ފަހަރު އާދެވޭނީ. އެ މީހުންގެ ނުހުންނާނެ އެއްވެސް ކުއްޖަކު ވެސް. އެހެންވެ މަންމަ އަސްލު އެހާވަރަށް ދޮންބެދައްތައާ އެކު އުޅެނީ. އަހޫ އެކަމާ ހިތްބަރު ނުކުރައްޗޭ!" އަހްލާމްގެ މޫނަށް ބަލައިލަމުން އަޒާން ބުންޏެވެ.
އަހްލާމް ބޯ ޖަހާލިއެވެ. އިތުރު ސުވާލެއް ކުރާކަށް އޭނާ ދެން ބޭނުމެއް ވެސް ނުވިއެވެ.
އަޒާންގެ މޭމައްޗަށް އަތް ވައްޓާލަމުން އަހްލާމް ހަމަޖެހިލީ ހިތަށް ލިބުނު ނުތަނަވަސްކަމެއްގެ ބޮޑު ކަމުންނެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. ކޮންމެ ދުވަހަކު ވެސް ބަދިގެތެރޭގައި އަހްލާމްގެ މަސައްކަތަކަށް ވެފައި އޮންނަނީ ދޮންބެދައްތައަށް އެހީތެރިވުމެވެ. އަތް ގާތްކޮށްދިނުމެވެ. އޭނާ ބުނާ ކަންތައްތައް އޭނާ ބުނާ ގޮތަކަށް ކުރުމެވެ. އަހްލާމަކީ ވަރަށް ކައްކާ ހިތްވާ ކުއްޖެކެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތު އޮންނަނީ އެ ގެއިން ގެއްލިފައެވެ. ދޮންބެދައްތަ ކައްކާ ނިމުމުން ތަން ސާފުކުރުމާއި ތަށިތައް ދޮވުމަކީ އަހްލާމަށް ކުރަން މަޖުބޫރު މަސައްކަތަކަށް ވެއްޖެއެވެ. ސިންކް ކައިރީ ހުރެ އޭނާ ދިޔައީ ހިތާހިތުން އެކަމާ ޝަކުވާ ކުރަމުންނެވެ.
"ރޯދައަށް ލިސްޓްޖެހި ސާމާނުތައް އަތުވެއްޖެ،" ބަދިގެއަށް ވަދެ ޝަރީފާ ބުނެލި އަޑަށް އަހްލާމަށް ވެސް ފަހަތް ބަލައިލެވުނެވެ. އޭނާއަށް އެނގިގެން ކުރި ކަމަކަށް ނުވާތީ ހައިރާންވާ ހާލުގައެވެ.
"އަދި ޒޫނާ ކަމަށް މި ގޮވަނީ! ކޮބާތަ ދޮންބެދައްތަ؟" ޝަރީފާ އެހެން ބުނުމާ އެކު އަހްލާމް ނުހަނު ދެރަވެއްޖެއެވެ.
"ފެންވަރަން ގޮސް ވީ،" ރަނގަޅަށް ޖުމްލަ ނުނިމެނީސް ޝަރީފާ ހިނގައިގަތެވެ. މައިދައިތައަށް ބަލަހައްޓައިގެން އަހްލާމަށް އިރުކޮޅަކު ހުރެވުނެވެ.
އޭނާގެ ހިޔާލަށް އައީ މަންމައެވެ. ގޭގައި އުޅޭ ހުރިހާ ފަހަރިންނާ ދަރިން އެއްކޮށްގެން ރޯދަ ލިސްޓް ހަދާ ހަނދާނެވެ. އެ މީހަކު ބޭނުންވާ އެއްޗެއް ގެއަށް ވެއްދުމުގެ ފުރުސަތު އެ ގޭގައި އޮވެއެވެ. ނަމަވެސް އަހްލާމަށް ތަޖުރިބާ ކުރަން މިޖެހުނީ މުޅިން ތަފާތު ކަމެކެވެ. ވަރުބަލިކަމާ އެކު ދެ އަތް ދޮވެލުމަށް ފަހު އަހްލާމް ކާން ހަދަން ފެށީ ވެސް އެފަދަ ހިޔާލްތަކެއްގައި ހުރެއެވެ.
ރޯދަމަސް ފެށިއްޖެއެވެ. ފާއިތުވެދާ ކޮންމެ ދުވަހަކީ ވެސް އަހްލާމަށް ހިތްދަތި ދުވަހެކެވެ. ފޫހިކަމާއެކު އަހްލާމް ބަދިގެއަށް ދިޔައިރު ބަދިގެތެރޭ އަޒާން ހުރުމުން އޭނާއަށް ބަލައިލެވުނީ ހައިރާން ކަމާއެކުއެވެ.
"މިސްކިތުން އައި އިރު ދޮންބެދައްތަ އެކަނި އުޅޭތީ ވަދެލީ. އަހޫ ހާދަ ލަހަކުން ތި އައީ ބަދިގެއަށް."
އަޒާންގެ ޝަކުވާ އަޑުއިވި އަހްލާމްގެ ހިތަށް ވަރަށް ތަދުވިއެވެ. ދޮންބެދައްތަގެ ހާޒިރުގައި އެފަދަ އެއްޗެއް ބުނުމުން އޭނާ ލަދު ވެސް ގަތެވެ. ނަމަވެސް އޭނާ ވާހަކަ ދައްކަން ފެށީ ހިނިތުންވެ ހުރެއެވެ.
"ނަމާދުކޮށްގެން ކިޔަވާލަން އިނދެވުނީ،" އަޙްލާމް ބުންޏެވެ.
ރައްދުގައި އަޒާން އިތުރު އެއްޗެއް ނުބުންޏެވެ. އެއާއެކު އަހްލާމަށް ބަލައިލެވުނީ ދޮންބެދައްތައަށެވެ. އޭރު އޭނާ ހުރީ ރޮށި ފިހާށެވެ.
"އަޒާން.. މިއަދު ބަޖިޔާ ހަދައިދެންތަ؟ އަހަންނަށް އެނގޭ ވަރަށް މީރުކޮށް."
"ދޮންބެދައްތަ ހަދާ ބަޖިޔާ ކެއިންތަ އަހޫ؟ އެ ބަޖިޔާ ކެއްޔާ ދެން އަހޫ ވެސް ބަޖިޔާ ހެދުން ހުއްޓާލާނެ. ހަބޭސް ވާނެ ހަމަ. އަހޫ ބަޖިޔާގެ ވާހަކަ ދެއްކީމަ ކާހިތް ވެސް ވެއްޖެ. ދޮންބެދައްތާ. މިއަދު ބަޖިޔާ ހަދައިދޭންވީނު،" އަހްލާމްގެ ޖުމްލަ ނުނިމެނީސް މަޖާވެފައި އިނދެ އަޒާން ވާހަކަ ދެއްކީ ޒޫނާއާއެވެ. އޭރު ޒޫނާ ވެސް ހުރީ ވަރަށް ބޮޑަށް ހެވިފައެވެ.
"އާނ. ބަޖިޔާ ހެދިދާނެ. ދެން އިތުރު އެއްޗެއް ނެތްތަ؟ އަޒާނަށް މީރު އެއްޗެހި މުޅިން ވެސް މި ހެދެނީ،"
އެންމެ ފަހު ރޮށި ފުށުން ޖަހަމުން ދޮންބެދައްތަ އަޒާނަށް ބަލައިލިއެވެ.
"ހޫމް. ދެން ޕުޑިން." އޭރު ވެސް އަހްލާމް ހުރީ ދެއަތް އުރާލައިގެން މޭޒުގައި ލެނގިލައިގެންނެވެ.
ހިތަށް ވެރިވަމުންދާ ޝަކުވާތައް ފުނިޖެހެމުން ދެއެވެ. އެހެންކަމުން އަނެއްކާ ވެސް އޭނާއަށް ބަލައިލެވުނީ ޒޫނާއަށެވެ. ރޯދަމަސް ނިމި ދިޔައީ ވެސް އެފަދަ ހާލަތެއްގައެވެ. އެއްވެސް ބާރެއް ނެތް މީހެއްގެ ގޮތުގައި އަޙްލާމް އުޅެމުން ދިޔައީ ވަރަށް ކެތްކޮށްގެންނެވެ.
"ކޮބާ ދޮންބެދައްތަ؟" ސިޓިންރޫމްގައި އިން އަހްލާމް ސިހުނީ ކޮޓަރިން ނިކުތް އަޒާންގެ އަޑަށެވެ. އޭރު އޭނާގެ ދެއަތް ފުރާ އޮތީ ހުސް ގަމީހާއި ފަޓްލޫނެވެ. އެހެންކަމުން އަހްލާމް އަވަސް އަވަހަށް ކޮޅަށް ތެދުވެ ހައިރާންކަމާއެކު އަޒާނަށް ބަލަން ފެށިއެވެ.
"ކިހިނެއްވީ؟ އަހަރެންގާތު ބުނެބަލަ ހަދަންވީ ގޮތެއް،" އަޒްބާއަށް ބުނެވުނީ ރުންކުރު ރާގަކަށެވެ.
"މާދަމާ އީދު ނަމާދަށް ދާންވެގެން ގުޅޭ ގަމީހަކާއި ފަޓްލޫނެއް ދައްކާށޭ ބުނަން ވެގެން. އަހަންނަކަށް ނޭނގޭނެ ކުލަ ގުޅުވާކަށް" އަޒާންގެ ޖުމްލައިން އަހްލާމްގެ ކެތްތެރިކަން ކޮޅުން ލީ ކަހަލައެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާ އެކު ޒޫނާގެ އަޑު އިވުނެވެ.
"އަނހާ އަޒާން! ތިއީ ކޮން ވަޑާމެއް؟" އަހަރެން ބުނީމެވެ.
"މިތަނުން ގުޅޭ އެއްޗެއް ދައްކަބަލަ."
އަޒާންގެ އެދުމަށް ޒޫނާ ނުހަނު އަވަހަށް ގަމީހަކާއި ފަޓްލޫނެއް އޭނާއަށް ވަކިކޮށްދިނެވެ. އޭރު ފޫހި ނަޒަރަކުން އަޙްލާމް ހުރީ އެ މީހުންނަށް ބަލާށެވެ. އެންމެ ފަހުން އެތާ މަޑުނުކޮށް ތަންކޮޅެއް ބާރަށް އައިސް އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. ހިތުގައި އަނދަމުންދާ ރުޅިވެރިކަމުގެ ހުޅުގަނޑު އިތުރަށް ބޮޑުވާން ފެށުމުން އޭނާއަށް ރޮވޭގޮތް ވިއެވެ.
"ކޮން ވައްތަރަކަށް ތިއައީ؟" ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުން އަޒާން ބުނެލީ ހަރުކަށި ގޮތަކަށެވެ. އެއަޑަށް އަޙްލާމަށް ބަލައިލެވުނީ ފެންކަޅިވެ ހުރެއެވެ.
"އަޒާނަށް ހަމަ އަހަރެންގާތު އެވަރު ކަމެއް ވެސް ބުނެ ނުލެވެނީތަ؟" އެންމެ ޖުމްލައެއް ބުނެވުމާއެކު އަހްލާމަށް ރޮވިއްޖެއެވެ. އަތުގައި ހުރި އަންނައުނުތައް އެނދުމައްޗަށް އަޅާލަމުން އަޒާން ދެ ފަރާތަށް ބޯ ހޫރާލިއެވެ.
"އެއީ ދެން މާ ބޮޑުކަމެއްތަ؟ ކީއްވެތަ ކަންތައް ބޮޑު ކުރަން ތިއުޅެނީ؟" ފަރުވާކުޑަ ގޮތަކަށް އަޒާން އެހެން ބުނުމުން އަހްލާމަށް އިތުރަށް ގިސްލެވެން ފެށުނެވެ.
ފެންނަ ކަންތައްތައް ނުފެންނަ ކަމަށް ހަދައިގެން ކެތްކޮށްގެން އުޅުމުގެ ބޭނުމެއް ނެތްކަން އެވަގުތު އަހްލާމަށް ވިސްނުނެވެ. އެހެންކަމުން ޝަކުވާ އާއި ހިތްދަތިކަމުން ފުރި ޒަޚަމްވެފައިވާ ހިތް އަޒާންގެ ކުރިމަތީ އޭނާ ހުޅުވާލިއެވެ.
"ކަންތައްބޮޑު ކުރަނީއޭ؟ މަތަ ކަންތައް ބޮޑު ކުރަނީ؟ ހިތުގައި އަތް އަޅައިގެން އަހަރެން އުޅޭތާ ކޮން ދުވަހެއް! އެއްޗެއް ނުބުނަމެއްނު. ޝަކުވާއެއް ވެސް ނުކުރަމެއްނު،" އަހްލާމް ވާހަކަ ދައްކަމުން ދިޔައިރު އަޒާންގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމާއި ފޫހިކަމުގެ އަސަރުތަކެވެ.
"ގޭގައި ކައްކަންވީ އެއްޗެއްސާ ގެއަށް ގަންނަންވީ އެއްޗެހި ވެސް އެނގެނީ ދޮންބެދައްތައަށް. އަހަންނަކީ ވެސް އަންހެނެކޭ. ބަލަ އަހަންނަކަށް ވަކި ނޭނގޭނޭތަ އެކަންކަމެއް؟"
"ދެން އެއީ އެވަރުގެ ކަމެއް ނޫނެއްނު. މި ގޭގައި އެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ ދޮންބެދައްތައޭ،"
އަޒާން ތެދުވެ އަހްލާމްގެ ކުރިމަތީގައި ހުއްޓުނެވެ.
"އެކަމަކު އަހަރެން އައީމަ އަހަންނަށް ވެސް ދޫކުރަން ޖެހޭނެ ދޯ. ކައްކާފައި ހުއްޓަސް ދޮންބެދައްތަ ކައްކާ އެއްޗެއް ނޫނީ މިގޭ މީހުންގެ އަރުތެރެއިން ނުދިރޭ. އެހެން ނޫނަސް އަހަރެން ވެސް ބޭނުންވާނެދޯ އަހަރެންގެ ފިރިމީހާއަށް އަހަރެންގެ އަތުން ކައްކާފައި ކާންދޭން. ކިތަންމެ މީރުކޮށް އެއްޗެއް ހަދައިދޭ ހިތުން ކައްކަން އުޅުނަސް އަޒާން ވެސް އަހަންނަށް އެ ފުރުސަތެއް ނުދެޔޭ. އަޅެ އަހަންނަށް ވެސް ޓްރައިއެއް ދޭނެ ނަމަ،" ރޮމުންރޮމުން އަހްލާމް ވާހަކަ ދެއްކިއެވެ.
އަޑުއަހަން ހުރި އަޒާންގެ މޫނުމަތީގައިވާ ނުރުހުންތެރިކަން ހައްތަހާދަނީ ބޮޑުވަމުންނެވެ.
"އަޒާން ލާނެ އެއްޗަކާ، ގަންނާނެ އެއްޗަކާ، ބޯކޮށަންވީ ގޮތާ އަރަންވީ ބޫޓު ވެސް އެނގެނީ އޭނައަށް. ބޫޓު ސާފުކުރަން ނިކުންނަ ކޮންމެ ދުވަހަކު އޭނަ ހުންނަނީ އެކަން ވެސް ކޮށްފައި. އަޒާން މީހަކާ ނީނދެ ހުންނަ އިރު އަޒާންގެ ކަންތައްތައް ކޮށްދިނަސް އަހަރެން އައީމަ އޭނަ އެހެން އުޅުނީމަ އަހަންނަށް ވަރަށް ހަޑި. އަހަރެން ހިތްހަމައެއް ނުޖެހެޔޭ،" އަހްލާމް ދެއަތް އުރާލަމުން އެހެން ބުނުމާއެކު އަޒާން ވާހަކަ ދައްކަން ފެށިއެވެ.
"އެއީ އަބަދުވެސް ދޮންބެދައްތަ ކޮށްދޭ ކަންތައްތައް."
"ރަނގަޅޭ! އެކަމަކު އަޒާންގެ އަނތްބެއް މި ގޭގައި އެބައުޅެޔޭ. އެކަން އޭނައަށް ނުވިސްނެންވީ ކީއްވެތަ؟ އޭނައަށް ކިހިނެއް ވިސްނޭނީ؟ އަޒާން ވެސް އެ މީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލަނީވިއްޔަ. އަޒާން ހުންނަނީ އަހަރެން ދަށް ކޮށްފައި. އަހަންނަށް އެއްވެސް ކަމެއް ނޭނގޭ މީހަކަށް ހަދާފައި އަބަދުވެސް އަހަރެން ދެރަކޮށްލާނެ. ހީވަނީ އެއީ އެންމެ މަތީ މީހާހެން. އޭނަ ބޭނުންވަނީ މި ގޭގައި އޭނަ އެކަނި ރަނިކަން ކުރަން،" އަހްލާމް އެހިސާބަށް ބުނުމާއެކު އަޒާންގެ އަތުގެ ހޫނުކަން އޭނާގެ ކޯތާފަތްމައްޗަށް ފޯރައިފިއެވެ.
ބާރު އެތިފަހަރަކުން އަޒާން އަހްލާމްގެ މޫނުމަތީ ޖެހުމާއެކު އަހްލާމް ދިޔައީ އެނބުރިގަނެގެންނެވެ. އެއާއެކު ރޮއިގަންނަމުން އޭނާއަށް މޫނުގައި އަތް ޖައްސާލެވުނެވެ.
"ވާހަކަ މާ ގިނަ ވެއްޖެ މިހާރު. އަހަރެމެން ދޮންބެދައްތައަށް އިހުތިރާމް ކުރާވަރު ފެނި އަހަރެން ހީކުރީ އަހްލާމް ވެސް އޭނައަށް އިހުތިރާމް ކުރާނެ ކަމަށް. އެކަކަށް ވެސް އެގޮތަކަށް އެކަމެއް ނުކުރެވުނު. އެންމެން ވެސް ކުރަނީ ތިކަހަލަ ބޭކާރު ޝަކުވާތަކެއް. އަހަންނަކަށް ނޭނގެ ތި ކަންތައްތައް މައްސަލައަކަށް ވާންވީ ކީއްވެ ކަމެއް؟" ބާރުބާރަށް އަޒާން ބުންޏެވެ. އޭރު ވެސް އަހްލާމް ހުރީ މޫނުގައި ފިރުމަމުން ރޯށެވެ.
"އަހަންނަށް އަދިކިރިޔާ މި އެނގުނީ އަޒާންގެ ތިން ކައިވެނި ވެސް ރޫޅުނީ ކީއްވެކަން. އަޒާނަށް މައްސަލައަކަށް ނުވިޔަސް އަނބިންނަކަށް ކެތެއް ނުކުރެވޭނެ. އަދިވެސް ވިސްނޭކަށް ނުވޭތަ؟ ދޮންބެދައްތަ ބަހައްޓާ ދޮންބެދައްތަގެ މަގާމުގައި. އެންމެންގެ ދިރިއުޅުމުގެ ކަންތައްތަކަށް އަތްބާނާކަށް ނުޖެހޭނެ. ގޮތް ކިޔައިދޭކަށް ވެސް ނުޖެހޭނެ. އަހަރެމެންނަށް ވެސް މިނިވަންކަން އޮންނަން ޖެހޭނެޔޭ،" އަޒާނަށް ވިސްނައިދޭން ބޭނުންވިޔަސް އޭނާގެ މޫނުމަތީގައިވާ ރުޅިވެރިކަން ފެނި އަޒާނަށް ނުވިސްނޭނެކަން އަހްލާމަށް އެނގުނެވެ.
"ދެން މި ގޭގައި މިހެން އުޅޭކަށް އަހަރެން ވެސް ބޭނުމެއް ނޫން. އަހަރެން މިނިވަންކުރޭ."
އެހެން ބުނުމަށްފަހު އަހްލާމް ދުވެފައި ބޭރަށް ނިކުތެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމްގައި އިން ޒޫނާއެވެ. ހިތްހަމަ ނުޖެހުމުގެ ލޮލަކުން ޒޫނާއަށް ބަލައިލުމާއެކު އޭނާ ހިނިތުންވެލީ މަލާމާތުގެ ގޮތަކަށެވެ. ޒޫނާގެ ތުންފަތް ވެރިވެފައިވާ ވިހަ ހިނިތުންވުމުގެ ސަބަބުން އަހްލާމް އިތުރަށް ފޫހިކުރުވިއެވެ.
އޭނާގެ އެ ބަލައިލުމުން ވެސް އެއީ ވަރަށް އަޑިނުބައި އަންހެނެއްކަން އަހްލާމަށް އެނގުނެވެ. ނަމަވެސް އިތުރަށް އަޒާންގެ ދިރިއުޅުން ސަލާމަތް ކޮށްދޭން މަސައްކަތްކުރާ ހިތެއް އޭނާ ނުވިއެވެ. އަޒާންގެ ދިރިއުޅުމުން ދޮންބެދައްތަ ފިލައިގެން ނުދާނެކަން އޭނާއަށް ޔަގީނެވެ. މުޅި އުމުރަށް ދޮންބެދައްތަ އެ ދިރިއުޅުމަށް ބާރު ފޯރުވާނެކަން ވެސް ކަށަވަރެވެ.
ނިމުނީ