އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަނީ
އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މިއީ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ އެކްސިޑެންޓެއްގެ މައްސަލައެއް ކަމަށެވެ. މި ވީޑިއޯއިން ފެންނަ މީހުން ހޯދަނީ އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް، ސީން ދޫކޮށް ގޮސްފައިވާ މައްސަލާގައި ކަމަށާއި އަދި އެ މީހުންނަކީ ހޯދަން ބޭނުންވި ނަމަވެސް ކޮން ބައެއްކަން ދަނެގަނެވިފައި ނުވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަނީ ހުޅުމާލެ މަގެއްގައި ޕާކު ކޮށްފައި އޮތް ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި ވެއްޓިފައި އޮއްވަ އެވެ. އެ ސައިކަލުގައި ދެ މީހުން ތިއްބެވެ. އަދި އެ ދެ މީހުން ސައިކަލު ނެގި ފަހުން އެތަނަށް އިތުރު ތިން ސައިކަލެއްގައި ބަޔަކު އާދެ އެވެ. އެ ތަނުގައި 8 މީހުން ތިބިއިރު، އިރުކޮޅަކު އެތަނުގައި މަޑުކޮށްގެން ތިބުމަށް ފަހު އެމީހުން އެތަނުން ދެ އެވެ.