ކޮންމެ ދުވަހަކު ވެސް ރައްޓެހިންނާ އެކު ތުނޑިއަށް ދާއިރު ސްކޫލުގެ މަސައްކަތު މީހާ, މަނިކެ ދައްތަ, މަސައްކަތުގައި އުޅޭ މަންޒަރުތައް ކުޑަކުޑަ އަމީ އަށް ފެނެ އެވެ. މަނިކެ ދައްތަ އަކީ ބަލި ހާލަތު ގޯސް އަދި އުމުރުން ދުވަސްވީ މީހެކެވެ. އަމީގެ ހިތުގައި އެ ދައްތައާ މެދު ހަމްދަރުދީ އުފެދި, ދައްތަ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގު އުފެދުނީ, ބަލި ހާލުގައި ވެސް ދައްތަ މަސައްކަތް ކުރާ މަންޒަރު ފެންނާތީ އެވެ.

ދިރާގުން މި އަހަރުގެ ރޯދަ މަހަށް ނެރުނު "ހިނިތުންވުން" ކުރު ފިލްމުގެ ވާހަކަ އަކީ މިއީ އެވެ.

ކޮންމެ ރޯދަމަހަކާ ގުޅުވައިގެން ދިރާގުން އަންނަނީ އިޖުތިމާއީ އެކި މައްސަލަތަކާ ގުޅުން ހުރި މުހިންމު މެސެޖުތަކެއް ކުރު ފިލްމުތައް މެދުވެރިކޮށް ފޯރުދެމުންނެވެ. މި އަހަރު ދިރާގުން ކަނޑައަޅާފައިވާ "ހެޔޮހިތުން" ޝިއާރުގެ ދަށުން ވެސް ވަނީ އަސަރުގަދަ ކުރު ފިލްމެއް ލޯންޗު ކޮށްފަ އެވެ.

ހެޔޮހިތުން އެކަކު އަނެކަކަށް އެހީތެރިވުމަށް ހިތްވަރުދޭ މި ފިލްމުގައި ދައްކައިދެނީ ފިލްމުގައި އުޅޭ ތުއްތު އަމީ, އޭނާގެ ސްކޫލްގެ މަސައްކަތު މީހާ އަށް ވެދޭ އެހީތެރިކަމުން ދައްތަ އަށް ގެނުވާ އުފާވެރިކަމާއި ހިނިތުންވުމެވެ.

މި ފިލްމުގައި އަމީގެ އެކުވެރިން ވެސް އަމީއާ އެކު އެ ދައްތައަށް އެހީވެދެ އެވެ. އަމީގެ ޓީޗަރު ވެސް މީހުންނަށް އެއްވެސް އުޖޫރައެއް ނެތި, އެއްވެސް ބަދަލެއް ނެތި އެހީތެރިވުމުގެ މުހިންމުކަމުގެ ވާހަކަތައް އިސްލާމްދީނުގެ އަލީގައި ކިޔައިދީ، އެ ފަދަ ކަންތައްތައް ކުރުމަކީ اللهގެ ލޯބި ލިބޭނެ ކަމެއްކަން ހަނދާން ކޮށްދެ އެވެ.

މި ފިލްމުގައި ވަރަށް ފުރިހަމަ އަށް ހެޔޮހިތުން ކޮށްދޭ ކަމަކުން ނުކުންނަ ނަތީޖާ ދައްކައިދެ އެވެ. ފިލްމު ނިންމާލައިފައި ވަނީ ވަރުގަދަ މެސެޖަކުންނެވެ. އެ މެސެޖުގައި ބުނަނީ އެއްވެސް އެދުމަކާ ނުލައި ވެދުމެއް މީހަކަށް ކޮށްފި ނަމަ ފަހަރުގައި އެ މީހާގެ މުޅި ދިރިއުޅުން އުޖާލާވެދާނެ ކަމެވެ.

ފިލްމުގެ އެންމެ ފަހު މަންޒަރުން ވެސް ދައްކައިދެނީ މި މެސެޖުގެ ތެދު ކަމެވެ. ހެޔޮ ހިތުން ކޮށްދޭ ކުޑަކުޑަ ކަމަކުން ވެސް މީހަކަށް ލިބިދާނެ އުފާވެރިކަމެވެ.