14 މާޗް 2024 - 07:35

އިޝާ ނަމާދު ކުރުމަށްފަހު، މިސްކިތުން ފައިބާ ގޮތަށް ބައިސްކަލަށް އަރާއިރުވެސް އަހަރެންގެ ހިތް އޮންނަނީ އާދަޔާ ޚިލާފަށް ތެޅިތެޅިއެވެ. ހިތުގައި ނުތަނަވަސްކަން އެކުލެވިފައިވިޔަސް، ހިތް އެދި ގޮވަމުންދާ މަންޒިލަށް އަވަހަށް ދެވޭތޯ ބައިސްކަލް ފުރޮޅު އަނބުރަމުން ދިޔައީ ބުރު ނޭނގޭހާ ބާރުމިނުގައެވެ. މިއީ ކޮންމެ ރެޔަކު ވެސް މި ގަޑީގައި އަހަރެންގެ ހާލެވެ. ބާރު ދުވެލީގައި ގޮސް އަހަރެން މަޑުކުރަނީ ރަށުގެ ފުއްޓަރު ފަރާތާ އެންމެ ކައިރީގައި ހުންނަ ގޭގެ ބޭރުގައެވެ. އެއީ އެގޭ ބިއްދޮށުފަރާތުގައި އަހަރެންގެ އިންތިޒާރުގައި ކޮންމެ ރެޔަކު ވެސް އަހަރެންގެ ލޯބިވެރިޔާ ހަޒްރާ ހުންނާނެތީއެވެ.
"ބައްޕައަށްވުރެ ކުރިން މިސްކިތުން ފައިބައިގެން މިއައީ!" ހަޒްރާއާ ދާދި ގާތުގައި ހުއްޓުމަށްފަހު އަހަރެން ބުނީމެވެ.
އެ އަނދިރިކަމުގެ ތެރެއިން ވެސް އަހަންނަށް ހަޒްރާގެ ހިނިތުންވުން ފެނުނެވެ. އެ ރީތި މޫނުގެ ހިތްގައިމުކަން ހިތަށް ތަސައްވުރު ވެސް ކުރެވުނެވެ.
"މިރޭ އަނދިރިކަމުން އަހަރެން މިހުރީ ބިރުން،" އެހެން ބުނެ ހަޒްރާގެ ފިނިފިނި އަތުން އަހަރެންގެ އަތުގައި ހިފާލިއެވެ.
އަހަރެން ވެސް ކުރިއަށް ވުރެ ބޮޑަށް އޭނާއާ ގާތަށް ޖެހިލުމަށްފަހު ސިއްރުން ވާހަކަ ދައްކަން ފެށީމެވެ.
"މި ރެޔަކީ ކަޅުފޮއި އަނދިރި ރެޔަކަށްވިޔަސް، އަހަންނަށް މިތަނުން ފެންނަނީ ސާދަފަނަރައިގެ ހަނދެއް ހަމަ."
"ކީއްވެތަ އަބަދާއަބަދު އަހަންނަށް ތައުރީފް ކުރަނީ؟ އަހަރެންދެކެ ހަމަ އެހާ ވެސް ލޯބިވޭތަ؟" އަހަރެންގެ ބަނޑުގައި ވިކާލަމުން ހަޒްރާ ބުންޏެވެ. އެއާއެކު އަހަންނަށް ކުޑަކޮށް ހެވުނެވެ.
"އާނ. ވަރަށް ލޯބިވޭ. ހަޒޫއަށް ތައުރީފްކުރަން އަހަރެން މިގޮތުގައި ތާއަބަދު ދެމި ހުންނާނަމޭ.”
އަހަރެންގެ އަތުތެރޭގައި އޮތް ހަޒްރާގެ އަތަށް ފިތާލަމުން އަހަރެން ޔަގީންކަން ދިނީމެވެ. އެއާއެކު އޭނާ އަހަރެންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. އަހަރެމެން ތިބީ އެގޭ ފާރުގައި ލެނގިލައިގެން ކޮޅަށެވެ. ކުރިމަތީގައި އޮތް އަނދިރި ވަލުތެރެއިން ގޮވާފަނި ގޮވާ އަޑު ފިޔަވައި އިތުރު އަޑެއް އެ ސަރަހައްދުން ވެސް ނީވޭ ކަހަލައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ސަބަބުން ދުރަށް އަޑު ހިނގައިދާނެތީ ބައެއްފަހަރު އަނގައިން ބުނަން ވެސް އަހަރެން ޖެހިލުންވެއެވެ.
"އަހަރެން ވަރަށް ދެރަވޭ އަހަރެމެންނަށް މިހާ ކުޑަކުޑަ ވަގުތު ކޮޅެއް ލިބޭތީ. އަހަރެން ބޭނުންވަނީ އިރުއަރަންދެންވެސް މިހެން ވާހަކަ ދައްކަން ތިބެން. ސައިފްއާ ބައްދަލްކުރެވުނީމަ މުޅި ދުވަހުގެ އުފާވެރިކަން ލިބޭހެން ހީވަނީ."
ހަޒްރާގެ އަސަރުގަދަ އަޑުން އަހަރެންގެ ހިތުގެ ނާރުތަކަށް ދިރުން ލިބުނެވެ. އޭނާ ދޫކޮށްލާ ކޮންމެ ޖުމްލައެއް އަހަރެން، ހިތުގައި ރައްކާކުރަމެވެ. ދުވަހަކު ވެސް ފިލައިގެން ނުދާނެހާ ފުނުގައެވެ.
"އަދި އިރާދަކުރެއްވިއްޔާ އަހަރެމެން ދެ މީހުންގެ މުސްތަގުބަލް ރަނގަޅުވާނެ. ކެތްތެރިވޭ.. ދޮންމަންމަގެ އަނިޔާއިން ހަޒޫ ސަލާމަތްކުރާނީ ހަމަ އަހަރެން. މުޅި އުމުރަށް އަހަރެންގެ ހައްގަކަށް ހަދައިގެން ހަޒޫ މި ގެއިން އަދި ގެންދާނަމޭ!“
ހަޒްރާގެ ފިކުރުތަކާއި ވިސްނުންތަކަށް ކުޑަ ނަމަވެސް ތަސައްލީއެއް ހޯދައިދިނުމަށް އަހަރެން މަސައްކަތް ކުރީމެވެ. އަހަރެން ދައްކާ ކޮންމެ ވާހަކައެއް ކިޔަމަންތެރިކަމާއެކު ހަޒްރާ ގަބޫލުކުރެއެވެ. އެއީ އޭނާދެކެ އިންތިހާއަށް އަހަރެން ލޯބިވާން މެދުވެރި އެއް ސަބަބެވެ.
"މިހާރު ދޮންމަންމަ އަންނާނެ. އަވަހަށް ދޭ. ފެނިއްޖެއްޔާ އަހަރެން މަރާނެ،" ވަކިވުމުގެ ކުރިން ކޮންމެ ރެޔަކު ވެސް އެންމެ ފުރަތަމަ ހަޒްރާ އަހަރެންގެ ކަންފަތް ބުޑުގައި ބުނެލާ ވާހަކަތައް މިރޭ ވެސް ބުންޏެވެ. އަހަރެން ވެސް ބަލަނީ އަވަހަށް ބައިސްކަލަށް އަރައި ފިލައިގެން ގެއަށް ދެވޭތޯއެވެ.
"އަހަރެން މަތިން ހަނދާންކުރައްޗޭ! މާދަމާ ރޭވެސް އަންނާތި،" ބައިސްކަލަށް އަހަރެން އެރުމާއެކު ދުވެފައި އައިސް ބައިސްކަލް ކައިރީ ހުއްޓި ހަޒްރާ ބުނެލީ ނުހަނު ލޯބިންނެވެ.
"ނޭވާ ބޭރުވާހާ ހިނދަކު ހަޒޫ ގާތަށް އަންނާނަން. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. މިކަން ހަޒޫ ހަނދާން ބަހައްޓައްޗޭ،" އަހަރެން ބުނެލީ އުފާވެރި ރާގަކަށް އަދި އެހާމެ ސިއްރުންނެވެ.
އެއާއެކު އޭނާ ހީލުމަށްފަހު އަހަރެންގެ ނޭފަތުގައި ހިފާލީ ނުހަނު ލޯބިންނެވެ. އެއަށްފަހު ގެއާ ދިމާލަށް ދުއްވައިގަތެވެ.
ބާރުބާރަށް އައިސް ބައިސްކަލުން ފޭބުމަށްފަހު އަހަރެން ގެއަށްވަނީ އުފާވެރި މޫޑެއްގައި ހުރެއެވެ. އެއާއެކު މަންމަ އާއި ބައްޕަ މާ އޮލަ ވާހަކައެއްގައި ތިބިތަން ފެނި އެ މީހުން ގާތު މަޑުކޮށްލާ ހިތްވިއެވެ.
"އަނހާ! ސައިފް ނައިސްގެންނޭ މި ތިބެނީ،" ބައްޕަގެ ޖުމްލައިން އެ ދައްކަނީ އަހަރެންގެ ވާހަކަކަން އަހަންނަށް ޔަގީންވިއެވެ. އެހެންކަމުން ޝައުގުވެރިކަމާއެކު އަޑުއަހަން، އަހަރެން ވެސް ގޮނޑިއެއްގައި އިށީނީމެވެ.
"ބައްޕަގެ އެކުވެރި ރިޒާ ބުނެފި ވަރަށް ހިތްހަމަ ޖެހޭ ވާހަކައެއް!" ބައްޕަ ވާހަކަ ފެށީ ނުހަނު އުފާވެރި ރާގެއްގައެވެ.
އޭރު މަންމަ ވެސް ހިނިތުންވެފައި ބައްޕަގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"ރިޒާއަކީ ސަރުކާރުގައި ތަންކޮޅެއް މަތީ މަގާމެއްގައި މަސައްކަތްކުރާ މީހެއް. ރިޒާ ބުނެފި ހަދީސް އިލްމު އުނގެނެން ސައުދީއަށް ދާން. ކޯހުގެ ނަން ވެސް އޭނަ ކީ. ބައްޕައަކަށް ނޭނގޭނެ އިނގިރޭސި ނަންތައް ކިޔާކަށެއް ވެސް. އަނެއްކާ ސަރުކާރުގެ އެހީގައޭ ފޮނުވަނީ. މިއީ ވަރަށް ރަނގަޅު ފުރުސަތެއް ދަރިފުޅާ!"
ބައްޕަގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ވެސް އަހަރެންގެ ހިޔާލުގައި އެނބުރެމުންދަނީ ހަޒްރާއެވެ. އަހަންނާ ނުލައި އޭނާއަށް އުޅެން އުނދަގޫވާނެކަން އަހަންނަށް ޔަގީނެވެ. ދޮންމަންމަގެ އަނިޔާތަކަށް ކެތް ނުކުރެވި، އެ ގެއިން ނިކުންނަން ބޭނުންވެފައި އެ ފަކީރު ހުންނަތާ އެތައް އަހަރެން ވެއްޖެކަން އަހަންނަށް އެނގެއެވެ. ހަޒްރާގެ ހިތްހަމަ ޖެހުމަކީ ހަމައެކަނި އަހަރެންކަން ވެސް އަހަންނަށް އެނގެއެވެ.
"ކޮންކަމަކާ ދެން ތި ފިކުރު ކުރަނީ؟ ވިސްނާނެކަމެއް ނެތް! ބައްޕައަށް ހީވަނީ އެއީ ވަރަށް ރަނގަޅު ކޯހެއްހެން. އޭރުން ދީނީ ކަންކަމަށް ވެސް އިތުރަށް ސަމާލުކަން ދެވޭނެ.. ދީން އުނގެނެން ވެސް މިއީ ކިހާ ރަނގަޅު ފުރުސަތެއް. ބައްޕަމެން އަބަދުވެސް މި މަސައްކަތްކުރަނީ ދަރިފުޅަކީ ދީނަށް ލޯބިކުރާ ކުއްޖަކަށް ހެދުމަށް. އެހެންވެގެންނޭ ރިޒާ ބައްޕައަށް ގުޅީ ވެސް. އަދި އެނގޭތަ؟ ސަރުކާރުން ސްކޯލަޝިޕް ދެނީ ވެސް ދިހަ ކުދިންނަށޭ. އެކަމަކު މިހާރު އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ކުދިން ހަމަ މަދީ،" މަންމަގެ މޫނަށް ބަލައިލުމަށްފަހު ބައްޕަ ބުނެލީ އަސަރާއެކުގައެވެ. ދޭނެ ޖަވާބެއް ނޭނގި އޭރު ވެސް އަހަންނަށް އިނދެވުނީއެވެ.
"ދެން ދަރިފުޅު ބޭނުންވާ ގޮތެއް ބުނެބަލަ؟މަންމަމެންގެ ހުރިހާ ވެސް މީހަކީ ހަމަ ތިއެއްނު. ދަރިފުޅަށް އެނގޭނެ މަންމަމެން ގޯސްކޮށް ކަމެއް ނުނިންމާނެކަން."
މަންމަގެ ވާހަކައިން މަންމަ ވެސް އޮތީ ގޮތް ނިންމާފައިކަން އަހަންނަށް އެނގުނެވެ. އެހެންކަމުން ދެކޮޅު ހަދާކަށް އަހަންނަކަށް ނުކެރުނެވެ. ނަމަވެސް ހަތަރު އަހަރު ދުވަހަކީ އަހަންނަށް ވަރަށް ދިގު މުއްދަތެކެވެ. އަހަންނަށްވުރެ ބޮޑަށް އެކަމާ ކަންބޮޑުވާނީ އަހަރެންގެ ލޯބިވާ ހަޒްރާކަން ޔަގީނެވެ. އަހަރެން ނުފެނި އޭނާއަށް އެންމެ ދުވަހެއް ވެސް ހޭދަ ކުރަން އުނދަގޫވާނެކަން ގައިމެވެ.
"ބައްޕަ އުއްމީދުކުރަން ދަރިފުޅު މިކަމަށް އިންކާރު ނުކުރާނެ ކަމަށް. ރިޒާ ބުނި ވީހާ ވެސް އަވަހަކަށް ދަރިފުޅު މާލެ ފޮނުވާށޭ. ވަރަށް ގިނަ ކަންތައްތައް ކުރަން ވެސް ޖެހޭނެ ވާހަކަ ބުނި. އެހެންވީމަ މާދަމާ ފުރާ އެއްޗަކުންވެސް ހަމަ ދާންވީ."
ބައްޕަގެ އެދުމަށް ދެކޮޅު ނުހެދި ކަމަކު، މޭ ތެރޭގައި އޮތް އަހަރެންގެ ހިތަށް ކެތްވަނީއެއް ނޫނެވެ. އެހެންކަމުން އަހަރެން އިނީ ވާހަކަ ދައްކަން ވެސް އުނދަގޫ ވެފައެވެ. ގަދަކަމުން ހީލުމަށްފަހު ބޯ ޖަހާލީ ބައްޕަމެންނާ އެއްބައިވުމުގެ ގޮތުންނެވެ.
"އާހް! އަހަރެން ކިހިނެއް ހަޒޫއަށް މިކަން އަންގާނީ؟ އަހަންނާ ހަޒޫއާ ގުޅިގެން އުޅޭކަން އެނގޭނެ އެކަކު ވެސް ނުހުންނާނެ! ދެން..."
ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ދެ އަތް ކޮއްޕާލަމުން އެނދުމަތީ އިށީނީމެވެ. އަދި ބާލީސް ދަށުގައި އޮތް އަހަރެންގެ ސޮނީއެރިކްސަން ފޯނު ނަގައި ގަޑި ބަލައިލީމެވެ.
"މިރޭ އެގެ އަށް އަހަރެން ދިޔަޔަސް ހަޒޫއާ ދިމަލެއް ނުވާނެ. އަހަންނަކަށް ނުވެސް ކެރޭނެ ދާކަށް. ހަޒޫއަތުގައި ފޯނެއް ވެސް އޮންނަނީއެއް ނޫންވިއްޔަ!“ ހާސްވެ ހުރެ އަހަންނަށް ވާހަކަ ދެއްކެން ފެށުނެވެ.
ހަޒްރާއަށް ވާނުވާ ނާންގާ ފުރައިގެން ދާން ހިތަށް އަރުވަން ވެސް އަހަރެން ބޭނުމެއް ނޫނެވެ.
ފަތިސް ނަމާދުކޮށްގެން އަހަރެން މިސްކިތުން ފޭބީ ބައްޕައާ އެކުގައެވެ. ރޭ ގިނަ ވަގުތު ނުނިދާ އުޅުމުގެ ސަބަބުން އޭރު ވެސް އަހަރެންގެ ދެ ލޮލުގައި ނިދީގެ އަސަރުތައް ކޮންމެވެސް ވަރަކަށް ހުއްޓެވެ. ނަމަވެސް ހެނދުނު ހަތެއް ޖަހާއިރު ބޯޓު ފުރާނެތީ އިތުރަށް ނިދާކަށް އަހަންނެއް ނުވިސްނަމެވެ.
"އަހަރަކު އެއްފަހަރު ލިބޭ ޗުއްޓީގައި ރާއްޖެ އާދެވޭނެޔޭ ބުނި. އެހެންވީމަ ކަންބޮޑުވުމެއް ވެސް ނެތެއްނު.. ބަސްއަހައިގެން ކިޔަވާ ނިމިގެން އައިސް ވަޒީފާއެއް ހޯދައިގެން ރަނގަޅު ދިރިއުޅުމެއް ފަށަންވީ،" އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބައްޕަ ބުނެލިއެވެ.
ރައްދުގައި އަހަރެން މިފަހަރު ވެސް ހީލީމެވެ. ކުޑައިރުއްސުރެ ވެސް ބައްޕަ އަހަންނަށް އެފަދަ ހުރިހާ ނަސޭހަތެއް ދޭނެއެވެ. އެހެންކަމުން ބައްޕަ ދައްކާ މަގުން، ބައްޕަގެ ފިޔަވަޅުމަތިން ހިނގަން އަހަންނަށް ހުރީ އާދަވެފައެވެ.
ފަޅުން ނިކުމެގެން ބާރު ދުވެލީގައި ބޯޓު ދުއްވަމުން ދިޔައިރު އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ރަށާ ދިމާލަށެވެ. ލޯމަތިން ރަށް ގެއްލެމުން ދާވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވެ، ހަށިގަނޑުގައި ދައުރުވަމުންދާ ލޭ ހަލަބޮލިވަމުންދެއެވެ. އަހަރެންގެ އަލަތު ލޯބި އޮޔާ ދަނީކަމުގައި އިހުސާސް ކުރެވުނެވެ. ނޭނގި ނަމަވެސް އޭރުލޮލު ތެރެއަށް ކަރުނަ ޖަމާވަމުން ދިޔައެވެ. މާޔޫސްވެ މީހާގެ ގައިން ވަރު ދޫވެއްޖެއެވެ. ހަށިގަނޑުން ބާރު ދާހެން ހީވި ނަމަވެސް ފުންކޮށް ނޭވާ ލަމުން ދިޔައި ކެތްތެރި ވެވޭތޯއެވެ. މޭގައި ރިހުން އެކުލެވެން ފެށުމުން ކަނާއަތް އުފުލާލުމަށްފަހު މޭގައި ފިރުމައި ވެސް ލެވުނެވެ. އޭރު އަހަންނަށް ރަށް ފެންނަނީ ވަރަށް ވެސް ފުސްކޮށެވެ.
އަހަރު ދުވަހަށް ފަހު ލިބުނު ފުރަތަމަ ބްރޭކްގައި އަހަރެން ރަށަށް އައީމެވެ. މަންމަ އާއި ބައްޕަ ހަތަރު ފަރާތުން އަހަރެންގެ ގައިގައި ފިރުމައި ބޮސްދީ ހެދި ނަމަވެސް ހިތަށް އުފަލެއް ނުލިބުނެވެ. ހިތް އޮތީ އެއަށްވުރެ ބޮޑަށް ނިކަމެތި ވެފައެވެ. އޭރު ވެސް އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަހަރެންގެ ހަޒްރާ ފެންނާނެ ވަގުތަކަށެވެ. އޭނާއާ ބައްދަލް ވާނެ އިރަކަށެވެ. މަންމަ އާއި ބައްޕަ ހިތްހަމަ ޖެހެންދެން އެ މީހުންނާ އެކު ވަގުތު ހޭދަ ކުރުމަށްފަހު އަހަރެން ނިކުތީ ހަޒްރާގެ ގެއަށް ދާށެވެ. ނެތް ހިތްވަރު ނެރެގެން ވިޔަސް އޭނާއާ ބައްދަލް ކުރާށެވެ.
މާ ދުރުން އެ ގެ ފެނުމާއެކު ހިތަށް ބިރުވެރިކަން ވެރިވިއެވެ. ހިތް ނުތަނަވަސްވެ ހާސް ވެސް ވިއެވެ. ނަމަވެސް ފަހަތަށް ނުޖެހި ކުރިއަށް ހިނގަން ފެށީމެވެ. އެ ގެއާ ކައިރިވި ވަރަކަށް ސަރަހައްދަށް ވެރިވެފައި އޮތް ފަޅުކަން އަހަންނަށް އިހުސާސް ކުރެވެމުން ދިޔައެވެ. ދެތިން ފޫޓު އުހަށް ހެދިފައި ހުރި ވިނަގަސްތަކުގެ ތެރެއިން ހިނގާފައި ގޮސް ގޭގެ މައިދޮރުކައިރީ އަހަރެން މަޑުކޮށްލީމެވެ. ގޭގެ ބޭރުން ތަޅު އަޅުވާފައި ހުރުމުން ގޭގައި މީހަކު ނޫޅެނީކަން ދެނެގަނެވުނެވެ. ކައިރި ޒަމާނެއްގައި ވެސް އެ ގޭގައި ބަޔަކު ނޫޅޭކަން ޔަގީން ކުރެވުނީ ގޭދޮށް އޮތް ހާލަތުންނެވެ. ކުނިބުނި ގިނައެވެ. ގޭ ދޮރުމަތީގައި ހައްދާފައި ހުރި ހިތިގަހުން ފައިބާފައިހުރި ފަތްތައް ހިކިގެން ގޮސް ފުނޑުފުނޑުވެ މުޅި ތަން ހީވަނީ ގޮނޑެއްހެންނެވެ.
ގެއަށް އައިސް ވެސް އަހަރެން ވިސްނީ ހަޒްރާއާ މެދުގައެވެ. އޭނާ ކޮބައިބާވައެވެ؟ އުޅެނީ ކޮން ހާލެއްގައި ބާވައެވެ؟ ކުއްލިއަކަށް އޭނާއަށް އަހަރެން ގެއްލުމުން މިހާރު އަހަންނާ މެދު އޭނާ ދެކޭނީ ކޮންފަދައަކުން ބާވައެވެ؟ ތަފާތު ވިސްނުންތަކުން އަހަރެންގެ ސިކުނޑި ތަޣައްޔަރު ކުރުވަން ފަށައިފިއެވެ. އެންމެ ފަހުން ހިތަށް ކުޅަދާނަ ނުވެގެން އަހަރެން ނިންމީ މަންމަގާތުން އޭނާގެ ވާހަކަ އޮޅުން ފިލުވާށެވެ.
"ތި ބުނަނީ ޒުބޭދާގެ ދޮންދަރި ހަޒްރާގެ ވާހަކަތަ؟" މަންމަގެ އަޑުގައި އޯގާތެރިކަން އެކުލެވިފައި ހުރުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަހަރެން ބޯ ޖަހާލުމުން މަންމަ ހިނިތުންވެލިއެވެ.
"އެއީ ދަރިފުޅުގެ ރަހުމަތްތެރިއެއްދޯ؟ މަންމަ އަޑުއެހިން ޒުބޭދާ އެ ދެބެއިން ގޮވައިގެން މާލެ ބަދަލުވި ވާހަކަ. ތިބުނާގެ ހަޒްރާގެ އިތުރުން އަދި ޒުބޭދާގެ ދަރިއެއް ވެސް ހުންނާނެ. އެ ކުއްޖާއަށް ކިޔަވައިދޭން މާލެ ބަދަލުވިއްޔޯ!"
މަންމަގެ ފަރާތުން ލިބުނު މައުލޫމާތުތަކުން ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ހަޒްރާ އުޅޭ ހާލެއް އެނގުމުން ނޫނީ އަހަރެން ސައުދީއަށް ނުދާން ހިތުގައި އަޒުމް ކަނޑައެޅީމެވެ. އެހެންކަމުން ފުރުމުގެ ކުރިން ވާންޖެހޭ ބައެއް ތައްޔާރީތައް ވުމުގެ ބަހަނާގައި ފުރުމުގެ ދިހަ ވަރަކަށް ދުވަސް ކުރިން އަހަރެން މާލެ ދިޔައީމެވެ.
މާލޭގައި ހަފްތާއެއްހާ ދުވަސް ފާއިތުވެ ދިޔައިރު ވެސް އަހަންނަށް ހަޒްރާގެ އެއްވެސް ހަބަރެއް ނުލިބުނެވެ. މާލޭގައި އަހަރެން ނުހިނގާ މަގެއް ނުވަންނަ ފިހާރައެއް ވެސް މަދުވާނެއެވެ. ފަހަރެއްގައި ވެސް އޭނާ ފެނިދާނެ ކަމަށެވެ. އޮޅުމަކުން ވެސް ބައްދަލު ވެވިދާނެ ކަމަށެވެ. އަދި އިއްތިފާގަކުން އެއްތަނެއްގައި ތިބެވިދާނެ ކަމަށެވެ. ހަޒްރާ ނުފެނުނު ނަމަވެސް އުއްމީދު ކަނޑައެއް ނުލަމެވެ. އޭރު ވެސް ވޭނީ އިންތިޒާރެއްގައި ހިތް ފިހި މާލަމުން ދެއެވެ.
ފުރަން އެއް ދުވަހަށް ވެފައި ވަނިކޮށް އަހަރެން ކޮފީއަކަށް އެރީމެވެ. ސައުދީގައި ކިޔަވަން އުޅުނު ކުދިންނާ އެކުގައެވެ.
"މާލެތެރޭގައި ވެސް މިހާރު ވަރަށް ވިޔާނުދާ ކަންތައްތައް ހިނގާދޯ!" އަހުސަން އަހަންނަށް ބަލައިލުމަށްފަހު ބުނެލިއެވެ.
މޫޑުގޯސްވެފައި އިނދެވުނު ނަމަވެސް އަހަރެން އެ މީހުންނާ ވާހަކަ ދެއްކީ އުފާވެރި މޫނަކައިގެންނެވެ.
"ނޭނގެ! އަހަރެން އެއް އިރެއްގައި ވެސް މާލެއަކު ނޫޅެން،" އަހަރެން ބުނީމެވެ.
"ވަރަށް ފާޑެއްގެ ވާހަކައެއް އަޑުއެހިން. ދަރި ވިއްކައިގެން ލާރި ހޯދާ އަންހެނެއްގެ ވާހަކަ…"
އަހުސަންގެ ޖުމްލައިން އަހަރެންގެ ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވީ ކީއްވެކަމެއް ނޭނގުނެވެ. މޭގައި ރިއްސާލިހެން ހީވިއެވެ. އެހެންކަމުން ބޭއިޙްތިޔާރުގައި އަހަންނަށް އެކަމާ ޝައުގުވެރިވެވުނެވެ.
"ތިއީ ހާދަ އެހެންކަހަލަ ވާހަކައެއް؟ މި ކުޑަކުޑަ ރާއްޖޭގައި ތިޔަ ކަހަލަ ކަންމެއް ނުކުރެވޭނެ."
އަހަރެންގެ ހިތް އެކަން ދޮގު ކުރަން ބޭނުންވި ކަހަލައެވެ. ނަމަވެސް އަހުސަން އެކަމަށް ދޭ ޔަގީންކަމެއްގެ ސަބަބުން އަހަންނަށް އެކަން ގަބޫލު ކުރަން މަޖޫބޫރުވިއެވެ.
"ނޫނެކޭ ބްރޯ. އަހަރެންގެ ރައްޓެއްސަކު އެ ކުއްޖާ ކައިރިއަށް ދިޔައޭ. އޭނަ ބުނި އެ ކުއްޖާ އިންނަނީ ވެސް އެގޭ ކޮޓަރިއެއްގަޔޯ. ފިރިހެން ވެރިން ތިބެނީ ކިޔު ހަދައިފަޔޯ ބުނީ. ހާހުން ހާހުން މަންމަ އަތަށް ލާރި ދޭތަން ދުށީމޯ. އޭނަ ވެސް ދިނީމޯ ލާރި.. ރީތި ކުއްޖެކޯލަ. އޭނަ ބުނި ދެރެޔަކު ދިޔަ ވާހަކަ. ފަހުން ދިޔަ ރޭ އެ އަންހެން ކުއްޖާ އޭނަ ގާތު ރޮއިފަ އާދޭސް ކުރިޔޯ އެތަނުން އޭނަ ސަލާމަތް ކުރަން."
އަހުސަންގެ ވާހަކަ އަޑުއަހަމުން ދިޔަ ވަރަކަށް އަހަރެން ހަނދާންވަމުން ދިޔައީ ހަޒްރާގެ ދޮންމަންމައެވެ. އެއީ ވެސް އެފަދަ އަނިޔާވެރި ހިލަ ހިތެއްގެ ވެރިއެކެވެ. އެހެންކަމުން އަހަރެން ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ. އަހަރެންގެ ހިތް މިހާ ބާރަށް ތެޅެންވީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟ އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވެފައި މިވަނީ ކީއްވެ ހެއްޔެވެ؟ މިފަދަ އެތައް ސުވާލު ތަކަކުން މުޅި މީހާއަށް އުނދަގޫވާން ފެށިއެވެ.
"އަހުސަން! އަހަރެން ވެސް ތިބުނާ ގެއަކަށް ދާން ވެއްޖެ ކަންނޭނގެ!" ވަރަށް ގިނައިރު ވިސްނުމަށްފަހު އަހަރެން ބުނީމެވެ.
އެއާއެކު ހައިރާންވެ ހުރެ އަހުސަން އަހަންނަށް ބަލައިލިއެވެ. އިރުކޮޅަކު ބަލަން އިނދެ އޭނާ ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ.
"މަ ހިއެއް ނުކުރަން މާލޭގެ އެންމެން އެހެން އުޅުނަސް ސައިފް އެގޮތަށް އުޅޭނެ ކަމަކަށް. ކޮބާ ސައުދީގައި އަހަރެން ކިޔެވި އެއްޗެހީގެ ބޭނުމެއް؟" ހިތްހަމަނުޖެހި އިނދެ މަލާމާތުގެ ރާގަކަށް އޭނާ ބުނެލިއެވެ.
އަހަންނާމެދު އަހުސަން ދެކޭނެ ގޮތާމެދު އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އެއަށްވުރެ ބޮޑަށް އަހަރެންގެ ހިތް އަހަންނަށް އެބަ އުނދަގޫ ކުރެއެވެ. ސިކުނޑިއަށް ބާރުބޮޑުވާ ވަރަކަށް އެބުނާ އަންހެންކުއްޖަކާ ބައްދަލު ކުރާ ހިތްވާލެއް ވެސް ހައްތަހާ ދަނީ އިތުރުވަމުންނެވެ.
"އެހެން ފިރިހެނުން ތިބުނާ އަންހެންކުއްޖާގެ ގާތަށް ދާ ބޭނުމަކު ނޫނޭ އަހަރެން ދާން މިއުޅެނީ؟“ އަހަރެންގެ ޖުމްލައިން އަނެއްކާ ވެސް އަހުސަން ހީގަތެވެ.
"ޕްލީޒް! އަހުސަންގެ ފްރެންޑްގާތު އަހައިގެން އެގެ ހުންނަތަން އަހަންނަށް އޮޅުން ފިލުވައިދީބަލަ. މިރޭ އެކަނި އޮތީ."
"ދެން އިތުރު ކޮން ބޭނުމަކު؟ މަށަކަށް ނުފެނޭ އެކަހަލަ ހާއްޔަކަށް ކަލޭ ދާކަށެއް."
އަހުސަން އަނެއްކާ ވެސް ދެކޮޅު ހެދިއެވެ. ނަމަވެސް އަހަރެން ކުރި އާދޭހަށް އޭނާ އަހަރެން ބުނިގޮތަށް ހުރިހާ ކަމެއް ވެސް ކޮށްދިނެވެ.
ގަޑިން ރޭގަނޑު 12 ޖެހި އިރު އަހަރެން ހުންނާނީ އެގޭ ދޮރުމަތީގައެވެ. ޖީބުގައި އޮތް މާސްކު ނަގައި ކަންފަތުގައި އަޅުވާލުމަށްފަހު ދޮރުގައި ޓަކި ޖަހާލީމެވެ. އެހިނދު ދޮރު ހުޅުވީ ފިރެހެނެވެ. ނަމަވެސް އޭނާ އަހަންނަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އަހަރެން އެއްފަރާތަކަށް ޖެހިލުމާއެކު އޭނާ ސިޑިން ފައިބައިގެން ހިނގައްޖެ އެވެ. އެހެންކަމުން އޭނާއަކީ ވެސް އެގޭ ކަސްޓަމަރެއްކަން އަހަންނަށް ޔަގީނެވެ.
"ވަދޭ ވަދޭ!" އަހަރެން ފެނުމާއެކު ދެބައި އުމުރުގެ އަންހެނަކު ބުނެލިއެވެ. އޭނާ ވެސް ހުރީ މާސްކެއް އަޅައި މޫނު ނިވާކޮށްފައެވެ. އެހެންކަމުން އަހަންނަށް އެއީ ކާކުކަމެއް ނޭނގުނެވެ.
"ގަޑިއަކަށް 1000! ބައެއް މީހުން 2000ރ. ވެސް ދޭ!"
ވޮލެޓުން ފައިސާ ނެގުމަށްފަހު އަހަރެން ދިނީ 1000 ރުފިޔާއެވެ. އެއާއެކު އަތުގެ އިޝާރާތުން އޭނާ އަހަންނަށް ދައްކާލީ ވަންނަންވީ ކޮޓަރިއެވެ. ހާސް ހިތަކައިގެން އަހަރެން އެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ މޭގައި އަތް އަޅައިގެންނެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމާއެކު ލޮލުގައި އަޅައިގަތީ ބިއްދޮށަށް އެނބުރި، އެނދުގައި އޮތް އަންހެން ކުއްޖާއެވެ. އޭނާ ލައިގެން އޮތް ހެދުމުގެ ފަސްބައި ދެ ފައިގައި އޮޅިފައި އޮތުމުގެ ސަބަބުން އެ ރީތި ދެ ފައި އޮތީހާމައަށް ފެންނާށެވެ.
އަހަރެންގެ ނަޒަރު އަވަސް އަވަހަށް އެހެން ދިމާލަށް އެއްލީމެވެ. އަދި ލަސް ހިނގުމެއްގައި ގޮސް އެނދުގައި އީށީނީ އޭނާއަށް ފުރަގަސް ދެމުންނެވެ. ފަނަރަ ވަރަކަށް މިނިޓް ވީ އިރު ވެސް އަހަންނަށް އަނގައިން ބުނާނެ ހިތްވަރެއް ނުލިބުނެވެ. އެއްވެސް އިޝާރާތެއް ނެތި އޭނާ ވެސް އެ އޮތް ގޮތަށް ހަމަ އޮތެވެ.
"އެހެން ފިރިހެނުން ފަދައިން ޖަނަވާރެއް ހެން ކަލޭ ކީއްވެ އަހަރެންގެ ގަޔަށް އަރައި ނުގަނެ ތި އިންނަނީ؟" އަސަރާއެކު އޭނާ ދޫކޮށްލި ޖުމްލައިން އަހަރެންގެ ކަންފަތް ތޮޅިލިއެވެ.
އަދި އެއްފަހަރު އެ އަޑު އަހާލަން ބޭނުންވިއެވެ. އެއީ އަހަންނަށް އާ އަޑެއް ނޫނެވެ. ނުދަންނަ އަޑެއް ވެސް ނޫނެވެ.
ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އަހަރެން ތެދުވީމެވެ. އެއާއެކު އެނދުމަތީ އިށީނދެ އިން ހަޒްރާ ފެނި އަހަރެންގެ މުޅިހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާގެ ރީތި މޫނު ވަނީ މިލާމޯޅިވެފައެވެ. ދެ ލޯ ވަޅުވަދެ ދެ ކޯ ވެސް ވަނީ އަޑިއަށް ވަދެފައެވެ. އޭނާ އަހަންނަށް ބަލައިލުމަށްފަހު އިސްޖަހާލިއެވެ. ގުޑި ވެސް ނުލައި އަހަންނަށް ހުރެވުނީއެވެ.
"ކަލޭ ގޮސް ޝަކުވާއެއް ކުރިއްޔާ ދޮންމަންމަ އަހަންނަށް އަނިޔާ ކުރާނެ. ކިރިޔާ މަރުވެދާނެޔޭ ހީވާވަރުން ދޫކޮށްލާނީ،" އަހަންނަށް ބަލައިލަމުން ހަޒްރާ އަނެއްކާ ވެސް ބުނެލިއެވެ.
އެއާއެކު އަހަންނަށް މަޑަކުން ނުހުރެވުނެވެ. ކަންފަތުން މާސްކް ނައްޓުވައިލީމެވެ. އެއާއެކު ދެ މީހުންގެ ނަޒަރު ސީދާ ވެއްޖެއެވެ. އަހަރެން ފެނުމާއެކު ހަޒްރާގެ ލޮލަށް ކަރުނަ ޖަމާވާކަށް ގިނަ އިރުތަކެއް ނުނެގިއެވެ.
"ސް... ސައި... ފް؟"
ވަރުބަލިކަމާއެކު ހަޒްރާ ތެދުވެގެން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު އަހަރެންގެ ލޮލުގައި ވެސް ކަރުނަ ހިލެން ފެށިއެވެ. ހަޒްރާގެ ދެ ލޮލުން އެތައް ބައިވަރު ޝަކުވާތަކެއް އަހަންނަށް ފެނުނެވެ. ހިތްދަތިކަމާއެކު ރުޅިވެރިކަން ވެސް ފެނުނެވެ. ބާރުބާރަށް އޭނާ މާނޭވާލަމުން ދިޔައިރު އެ ދެ ލޮލުން ކަރުނަތައް ވެސް ދިޔައީ އޮހޮރެމުންނެވެ.
"ތިގޮތަށް އުޅެން ބޭނުން ވެގެންތަ އަހަރެން ދޫކޮށްފައި ފިލީ؟ އަހަރެންގެ ހަޔާތަށް އަންނަ ކޮންމެ މީހަކު ވެސް ދަނީ އަހަރެން އެކަނި ކޮށްފައި. ފުރަތަމަ މަންމަ ނިޔާވީ! ދެން ބައްޕަ! ދެން ދުނިޔޭގައި ހުރި މީހާ ވެސް އަހަރެން ދޫކޮށްލީއެއްނު،" އެންމެ ފަހުން ހަޒްރާގެ ހިތުގެ ޝަކުވާތައް ބޭރު ކުރަން ފަށައިފިއެވެ.
"ކިޔާ! ބޭނުން ކޮންމެ އެއްޗެއް ކިޔާ!" ތުރުތުރުއަޅާ އަޑަކުން އަހަންނަށް ބުނެވުނެވެ.
އޭނާ ގޮށްމުށުން އަހަރެންގެ މޭގައި ތަޅައިގަތީ ނުހަނު ބާރަށެވެ. ހަޒްރާ ހުއްޓުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަންނަށް ވާ ތަދަށް ވުރެ އެތައް ގުނައަކަށް އޭނާ އެދަނީ ވޭން ތަހަންމަލް ކުރަމުންނެވެ.
"ރެޔާ ދުވާލު އަހަރެން މިދަނީ އެތައް ބައެއްގެ ޝިކާރައަކަށް ވެގެން. ދުވާލުގެ އަލިކަން އަހަންނަށް ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ. މިކޮޓަރިގަނޑުގެ ތެރޭގައި ފާހިޝް ތަންމައްޗެއްގައި ގިނަގުނަ ހަރާން ކަންކަމުގައި އަހަރެން މިހިރަ ނިމިދަނީ. އެތައް ފަހަރަކު އަމިއްލައަށް މަރުވާން ހިތަށް އަރާ. އެކަމަކު ވެސް..." އަހަރެންގެ ގަމީހުގައި ހިފައިގަނެގެން ހުރެ އޭނާ ރޮމުން ދިޔައީ މަޑުމަޑުންނެވެ.
"އަހަރެން ސައިފްއަށް ހާދަ އިންތިޒާރެއް ކުރީމޭ! ހާދަ ވަރަކަށް ހޯދީމޭ!“
"ހަޒޫ.. އަހަންނަށް މާފުކުރޭ!" ހަޒްރާގެ ގައިގައި ބައްދާލަމުން އަހަރެން ބުނީމެވެ.
އެއާއެކު އޭނާ އަހަރެން ކޮއްޕާލުމަށްފަހު ދުރަށް ޖެހުނެވެ. ނަމަވެސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެން މަސައްކަތްކުރީ ކަންހިނގި ގޮތް އޭނާއަށް ކިޔައިދެވޭތޯއެވެ. ވަކިވާން ޖެހުނު ގޮތާއި މިރޭ ހަޒްރާގާތަށް އަންނަން ޖެހުނު ގޮތް ވެސް އަހަރެން އޭނާއަށް އޮޅުން ފިލުވައިދެމުން ދިޔައީމެވެ.
"އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް އަހަރެންގެ ހިތް ބިރުގަންނަން ފެށީ. އަހަންނަށް ހަމަ އިޙްސާސްކުރެވުނީ އަހަރެންގެ ހަޒޫ. އަހަރެންގެ ހިތް އަހަންނަށް މިކަން ދައްކައިދިނީ... ހަޒޫ... އަހަރެން ބޭނުން މިތަނުން ހަޒޫ ސަލާމަތްކުރަން،" ރޮވިފައި ހުރި ހަޒްރާގެ ދެއަތުގައި ހިފަމުން އަހަރެން ބުނީމެވެ. އެއާއެކު އޭނާ އަހަރެންގެ ދެ ލޮލަށް ބަލައިލީ ގޮސްހުސްވެފައި ހުރެއެވެ.
"އަދިވެސް ސައިފް އަހަރެން ބޭނުންތަ؟ އަހަންނަކީ މިހާރު... އެއްވެސް ގޮތެއް ހުރި މީހެއް ނޫން... އަހަރެންގެ އަތުގައި ސައިފްއަށް ދޭނެ އެއްވެސް އެއްޗެއް ނެތް.. އެއްވެސް އުފަލެއް ވެސް ނެތް... އެންމެ ކުޑަމިނުން އަންހެން ކުއްޖަކު އޭނާގެ ފިރިމީހާއަށްޓަކައި ރައްކާކުރަންޖެހޭ އަބުރެއް އިއްޒަތެއް ވެސް އަހަރެންގެ ނެތް..."
އަހަރެންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން އޭނާ މޫނުގައި އަތް އަޅައި ރޯން ފެށިއެވެ.
"ބޭނުން... އިންތިހާއަށް ބޭނުން. އަދިވެސް ބޭނުން. މުޅި އުމުރަށް އަހަރެން ހަޒޫ ގެންގުޅޭނަން. އަހަންނާއެކު ހިނގާ!" އެއާއެކު ހަޒްރާ ފަހަތަށް ޖެހިލިއެވެ.
"ދޮންމަންމައާ ކުރިމަތިލާނެ ހިތްވަރު ސައިފްގެ އެބަހުރިތަ؟ އެއީ ވަރަށް ނުބައި މީހެއް،" ބިރުން ހުރެ ހަޒްރާ ބުނެލިއެވެ.
"ކޮބާ ގަޑި ހަމަވެއްޖެ! އިތުރަށް ހިނގާ ކޮންމެ ވަގުތަކަށް ފައިސާ އިތުރަށް ދައްކަން ޖެހޭނެ،" ބާރުބާރަށް ދޮރުގައި ޖެހުމަށްފަހު ދޮންމަންމަ ބުނި އަޑަށް ދެ މީހުން ވެސް ދިޔައީ ސިހިގެންނެވެ. އެއާއެކު ދޮރާ ދިމާލަށް ސައިފް ހިނގައިގަތެވެ. ދެފަރާތަށް ބޯހޫރާލަހޫރާލަ ހަޒްރާ ހުރީ ބިރުންނެވެ.
"އަހަރެން މިއައީ ހަޒްރާ ބަލާ،" ސައިފް އެހެން ބުނުމާއެކު ދޮންމަންމަ މޫނު އުފުލާލަމުން ސައިފްއަށް ބަލައިލިއެވެ. އޭނާއަށް ސައިފް އެނގުނެވެ. ނަމަވެސް އޭނާއަށް ނޭނގުނީ ހަޒްރާ އާއި ސައިފް އޮންނަ ގުޅުމެވެ.
"އަހަރެން މިރޭ ދާނީ ހަޒްރާ ގޮވައިގެން. މިކަމަށް ހުރަސް އެޅިއްޔާ ޕޮލިހަށް ގުޅާނަން. ކަލޭ ގާތު ކުޑަ ދަރިޔަކު ނެތްނަމަ މިހާރުން މިހާރަށް ވެސް ޕޮލިހަށް ގުޅީމުސް." އިންޒާރު ދެމުން އަހަންނަށް ބުނެވުނެވެ. އެއާއެކު އޭނާ ރުޅިވެރިކަމާއެކު ހަޒްރާއަށް ބަލައިލިތަން އަހަންނަށް ފެނުނެވެ.
ނަމަވެސް ދުވެފައި މިފަހަރު ބިރުން ފަހަތަށް ނުޖެހި ހަޒްރާ އައިސް ހިފީ އަހަރެންގެ އަތުގެ މުލައްދަނޑީގައެވެ. އެއާއެކު ދޮންމަންމަ އޭނާއާ ދިމާލަށް އަންނަން އުޅުނެވެ.
"މިކަމަށް ހުރަސް ނާޅައްޗޭ! މިތާ ތިހެން މޫނު ފޮރުވައިގެން ހުއްޓަސް މުޅި ނޫސްތަކަށް ވެސް ކަލޭ ބޭޒާރު ކުރެވިދާނެ!"
އަހަރެން އެހެން ބުނުމުން އޭނާގެ ދެ ލޮލުން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. އަމާންކަމާއެކު ހަޒްރާ ގޮވައިގެން އަހަރެން އެގެއިން ނިކުތީ ނުހަނު ބާރަށެވެ.
ޖެހިގެން އައި ދުވަހު އަހަރެން އެއާޕޯޓަށް އައީ ހަޒްރާ ވެސް ގޮވައިގެންނެވެ. އެއީ އަހަރެންގެ މަންމަ އާއި ބައްޕަގެ ބެލުމުގެ ދަށަށް އޭނާ ފޮނުވުމަށްޓަކައެވެ.
"އަހަރެންގެ މަންމަމެން ހަޒޫއަށް ފުރިހަމަ ލޯބި ދޭނެ. އަހަރެން އަންނަންދެން އިންތިޒާރު ކުރައްޗޭ. ވަރަށް މިސްވާނެ،" ހަޒްރާގެ އަތުން ދޫކޮށްލަމުން އަހަރެން ބުނެލީމެވެ. އެއާއެކު ލަދުރަކި ގޮތަށް ބޯ ޖަހާލަމުން އޭނާ ހިނިތުންވެލިއެވެ.
"އަހަރެން ވެސް... ވަރަށް ހަނދާންވާނެ!" އޭނާގެ ރީތި އަޑުން އެހެން ބުނެލާ އަޑު އަހަން އޭރު ވެސް އަހަރެންގެ ހިތް އޮތީ ދިގު އިންތިޒާރެއްގައެވެ.
ހަޒްރާއަށް ބަލަމުން ބަލަމުން އަހަރެން ގޮސް ދޮރުން އެތެރެވީމެވެ. އަދި އަތުން ހަނާ ވެސް އަޅާލީމެވެ. އެންމެ ސިކުންތަކަށްވެސް އޭނާއާ ދުރަށްދާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ނަމަވެސް ކޯސް ނިންމައި މޮޅު މީހަކަށް ވެގެން އަންނަންދެން ވެސް އިންތިޒާރު ކުރާނެ ކަމަށް ހަޒްރާ ބުނި ބުނުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު އެއް ހިތްވަރެވެ. އަހަރެން އޭނާދެކެ ހާދަ ލޯތްބެއް ވަމެވެ. އެތައް ދުވަހަކަށް ފަހު އަހަރެމެން ދެ މީހުން ގުޅެން މެދުވެރި ކުރެއްވީތީ އަބަދު ވެސް ހަމްދު ކުރާނަމެވެ.
ނިމުނީ