"މިހާރު ބަދިގެ": ޝިފާނާއާ އެކު ދުޅަހެޔޮ ދިވެހި ރަހަތައް
"މިހާރު ބަދިގެ": ޝިފާނާއާ އެކު ދުޅަހެޔޮ ދިވެހި ރަހަތައް

ކޮންމެ ރޯދަ މަހަކު "މިހާރު" އިން ގެނެސްދޭ "މިހާރު ބަދިގެ" މި އަހަރު ވަރަށް ހާއްސަ އެވެ. މި އަހަރުގެ ކެއުންތައް ތައްޔާރު ކޮށްފައި ވަނީ "މިހާރު"ގެ ޓީމް ބ. ގޮއިދު އަށް ގޮސް އެ ރަށުގަ އެވެ. ދިރާގާ ގުޅިގެން ތައްޔާރުކުރި 25 އެޕިސޯޑު ހިމެނޭ މި ރެސިޕީތަކުގެ ތެރޭގައި ގޮއިދޫގެ ހާއްސަ ރެސިޕީތަކެއް ވެސް ހިމެނެ އެވެ.

"މިހާރު ބަދިގެ" މިފަހަރު ހާއްސަވާ އަނެއް ކަމަކީ މިފަހަރު ރެސިޕީތައް ގެނެސްދެނީ ހެލްތް އެންޑް ފިޓްނަސް ދާއިރާގައި 21 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރާއްޖޭގެ އެންމެ މަގުބޫލު އެއް ޖިމް، "ހީޓް ހެލްތު އެންޑް ފިޓްނަސް"ގެ ސީއީއޯ އަދި "ވެލްނެސް ސެންޓަރު"ގެ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޝިފާނާ ވަޖީހުއަށް ވާތީ އެވެ.

ހީޓް އުފެދުނު ފަހުން މިދިޔަ 21 އަހަރު ތެރޭގައި ވެލްނެސް ކްލަބް ހުޅުވުމާއެކު ޝިފާނާ އަންނަނީ ދުޅަހެޔޮ އަދި ބެލެންސް ދިރިއުޅުމެއްގައި ތިބުމަށް އަންހެނުންނާއި ފިރިހެނުން ވެސް ހޭލުންތެރިކުރުވަމުންނެވެ. އޭނާ ފާހަގަ ކޮށްލެވެނީ އެ ދާއިރާގައި އާންމުންގެ ލޯބި ވެސް ލިބިފައިވާ މީހެއްގެ ގޮތުގަ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހޭލުންތެރި ކުރުމުގައި ޝިފާނާގެ އަމާޒަކީ ބަލިތަކުން ދުރުވެ، ދިގު، އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމުގެ ފުރުސަތު ހޯދައިދީ، ނަފްސާނީ އަދި ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ.

ދުޅަހެޔޮކަމަކީ ހަމައެކަނި ހެލިފެލިވެ ކަސްރަތުކުރުމުން އެކަނި ހާސިލްކުރެވޭ ކަމަކަށް ނުވާއިރު ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިދޭ ކާނާ ކެއުން ވެސް ވަރަށް މުހިންމެވެ.

ޝިފާނާގެ ބަދިގެ އިން މިއަދު މި ގެނެސްދެނީ އޯޓްސް ފަތަފޮޅި އެވެ.

ފިޓްނަސް ދާއިރާގައި އުޅޭ މީހުންގެ ތެރޭގައި މަޝްހޫރު އޯޓްސްގައި ތައްޔާރުކުރާ ފަތަފޮޅީގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެ އެވެ. އޯޓްސްއަކީ ހަކަތަ ލިއްބައިދޭ މާއްދާ ކަމަށްވާ ކާބޯހައިޑްރޭޓެއް ކަމަށް ވެފައި ގިނަ އަދަދަކަށް ވިޓަމިންސް އަދި ފައިބާގެ މާއްދާ ހިމެނޭ ދުޅަހެޔޮކާނާ އެވެ.

އެހެންވެ، މި އޯޓްސް ފަތަފޮޅިއަކީ ސިއްހަތަށް ފައިދާ ހުރި ބެލެންސްޑް ކެއުމެކެވެ.