12 މާޗް 2024 - 12:56
ރަށެއްގެ ގެއެއްގައި އެކަނިވެ, މާޔޫސްވެފައިވާ އުމުރުން ދުވަސްވީ ދައްތައެކެވެ. ދައްތަގެ ހުރިހާ އުފާވެރި ހަނދާނެއް ގުޅިފައި ވަނީ ޅަ ދުވަސްތަކާ އެވެ. ދައްތަގެ އެންމެ އުފާވެރި ހަނދާންތަކަކީ ދައްތަގެ ފިރިމީގެ ހަނދާންތަކެވެ. މިއީ އުރީދޫން މި އަހަރުގެ ރޯދަމަހަށް ތައްޔާރުކުރި ކުރު ފިލްމުގެ ފެށުމެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އެކަނިވެރިކަމާއި މާޔޫސްކަން ތަހައްމަލު ކުރަމުންދާ އުމުރުން ދުވަސްވީ މި ފަދަ އެތައް އިސްރަށްވެހިންނެއް ތިބެ އެވެ. މިއީ ގައުމުގެ އެކި ކަންތައްތަކުގައި ޝާމިލުވެ, ގައުމުގެ ތަރައްގީ އާއި ކުރިއެރުމުގައި އެކި ގޮތްގޮތުން އެހީވެ, އެއްބާރުލުންދިން މީހުންނެވެ. އެކުގައި އުޅުނު މީހުން ދުނިޔެއާ ވަކިވެ އެކަނިވެރި ވެފައިވާ އިސްރަށްވެހިންނަށް ބޭނުން ވަނީ މުޖުތަމައުގެ އަޅާލުމާއި ލޯތްބެވެ.
އުރީދޫގެ މި އަހަރުގެ ކުރު ފިލްމު ހާއްސަކުރީ މި ކަންތައްތަކަށެވެ. "ގައުމެއްގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން ދަންނަމާ" ތީމުގެ ދަށުން މި އަހަރު ވެސް ވަނީ މުހިންމު މެސެޖުތަކެއް ހިމަނައި, އަސަރުގަދަ, ރީތި ކުރު ފިލްމެއް ނެރެފަ އެވެ.
މި ފިލްމުގައި ދައްކަނީ ފިރިމީހާ މަރުވެ، އެކަނިވެރިވެފައިވާ އިސްރަށްވެއްސަކާއި ކުޑަކުއްޖަކާ ދިމާވެ, އެ ދެ މީހުންގެ ގުޅުން ބަދަހިވެގެންދާ ގޮތުގެ ވާހަކަ އެވެ. ފިލްމުގައި ހިތްވަރު ދެނީ އިސްރަށްވެހިންނާ ގުޅުން ބަދަހިކޮށް، ވަގުތު ހޭދަކުރުމަށެވެ. އަދި އިސްރަށްވެހިންގެ ހިތްހަމަ ޖައްސައިދިނުމަށް ކުރެވިދާނެ އެކި ކަންތައްތައް ފިލްމުގައި ދައްކައިދެ އެވެ.
ޒުވާން ދެމަފިރިއަކާއި އެ ދެމަފިރިންގެ ދަރިފުޅު މި ފިލްމުގައި ދައްކައިދޭ ދައްތަގެ ދިރިއުޅުން ބަދަލުކޮށްލާ, އެ ދައްތަގެ ގެއްލިފައިވާ ހިނިތުންވުން އަނބުރާ ގެނެސްދެ އެވެ.
ފިލްމުގެ ލަވައިގައި ވެސް މަންޒަރުތަކާއި ގުޅޭ މުހިންމު މެސެޖުތައް ވަނީ ހިމަނައިފަ އެވެ.
ލަވައިގައި ބުނެ އެވެ.
"ގައުމިއްޔަ ލޯތްބާއި ކުލުނުގައި, ހެޔޮ ފޯރުވާށަ އަޅާލަމާ, މި ދެ ޖީލު ގުޅުވާ ފާލަމަށް މިއަދުގެ ޒުވާނުން ނެރެދަމާ."
ލަވައިގައި މި ބުނާ ޒުވާނުންނާއި އިސްރަށްވެހިންނާ ދެމެދު ގުޅުވާ ފާލަމުގެ ޒިންމާ ނަގައި އުރީދޫން ވަނީ "އިސްރަށްވެހިންނާ އެކު" ނަމުގައި ސީއެސްއާރު ޕްރޮގުރާމެއް ވެސް ލޯންޗުކޮށްފަ އެވެ. މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް މި ޕްރޮގުރާމުގެ ދަށުން ހިންގުމަށް ރާވާފައިވާއިރު މި އަހަރުގެ ރޯދަމަހު, އިސްރަށްވެހިންނާއި ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހާއްސަ ރޯދަވީއްލުމެއް ބޭއްވުމަށް އުރީދޫން ވަނީ ނިންމައިފަ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ އިސްރަށްވެހިންނަކީ ގައުމުގެ ރައުސުލްމާލުކަން ދަނެ, އެ މީހުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތައް ދަންނަ, އެ ހިދުމަތްތައް ބަލައިގެންފައިވާ ޒުވާން ޖީލެއް ބިނާކުރެމެވެ.