އީސީގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފި ނަމަ އިނާޔަތާ އެކު ރިޓަޔާވެވޭ ގޮތަށް އުސޫލު ހަދައިފި
އީސީގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފި ނަމަ އިނާޔަތާ އެކު ރިޓަޔާވެވޭ ގޮތަށް އުސޫލު ހަދައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާ ނަމަ ރިޓަޔާވެވޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މިިދިޔަ މަހުގެ 28 ގައި އީސީން ނެރެ، އެ ދުވަހު އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުން އަދި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު ކަނޑައަޅައިފަ އެވެ.

ކޮމިޝަންގެ މެމްބަރަކަށް 40،000ރ. ލިބިވަޑައިގަންނަވަ އެވެ. ރައީސާއި ނައިބު ރައީސަށް އިނާޔަތްތަކާއެކު އެއަށްވުރެ އިތުރަށް ލިބިވަޑައިގަންނަވާނެ އެވެ.

އެ އުސޫލުގައިވާ ގޮތުން، ރިޓަޔާކުރުމުގެ ދަރަޖައާ އެކު، ވަޒީފާ އިން ވަކިކުރެވޭނީ، އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ. ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.

ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެ އެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުންޏެވެ.

އެ އުސޫލުގެ ދަށުން ރިޓަޔާ ކުރާއިރު، އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށް ވާ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބޭނެ އެވެ. އަދި މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދޭންވާނެ އެވެ.

ނަމަވެސް، އެ މީހަކު ހިދުމަތްކުރި އަހަރު 15 އަހަރަށް ވުރެ އިތުރުވެފައިވާ ނަމަ ގަނޑުކޮށް އެއްފަހަރާ ފައިސާ ދިނުމުގައި ބަލާނީ 15 އަހަރަށެވެ.

އީސީން މި ގެނައި ބަދަލުގެ ދަށުން ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަށް މިހާރު ވެސް ރިޓަޔާކުރެވޭނެ އެވެ. އެއީ؛

- ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

- ނައިބު ރައީސް އިސްމާއިލް ހަބީބު

- މެމްބަރު މުހައްމަދު އާސިފް

- މެމްބަރު އަލީ ނަޝާތު

އީސީގައި ކުރިން ވެސް މަސައްކަތް ކުރައްވައި އަދި ކޮމިޝަންގެ މެމްބަރުކަން 10 އަހަރު ކުރެއްވުމަށް ފަހު، ހަބީބްގެ ދައުރު މާދަމާ ހަމަވާނެ އެވެ. ގާނޫނު ބުނާގޮތުން، އީސީގެ މެމްބަރުކަން ކުރެވޭނީ ގިނަ ވެގެން ދެ ދައުރެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަނުން، އެ ކޮމިޝަންގެ މުވައްޒަފުންނާއި މެމްބަރުން ރިޓަޔާވުމުގެ އުސޫލެއް ހަމަޖެއްސިއިރު، އެނގިފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކުން ވަނީ އެ ކޮމިޝަންތަކުގެ މެމްބަރުންނަށް ރިޓަޔާމަންޓު ޕެކޭޖެއް ހަމަޖައްސައިދިނުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަދި އެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.