12 މާޗް 2024 - 10:29

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅު ހިލާލީގެ އަށް ބަދަލުވެވަޑައިގަތުން މިހާތަނަށް ލަސްވީ އެ ގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް ނުނިމޭތީ ކަމަށާއި އެކަމަކު، މަސައްކަތްތައް ނިމި މި ރޯދަމަހުގެ ތެރޭގައި ބަދަލުވެވަޑައިގަންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސައިން އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ހަރަކާތްތައް ހިލާލީގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު ހުސައިން ބައްލަވާ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.
ހިލާލީގޭގެ ޗީފް އޮފް ސްޓާފްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.
އެ މައްސަލާގައި "މިހާރު" އިން ސުވާލު ކުރުމުން ނައިބު ރައީސް ވިދާޅުވީ، ހިލާލީގެ އަށް އަދި ބަދަލުވެވަޑައިނުގަންނަވާ ކަމަށެވެ. ވިދާޅުވީ، ހިލާލީ ގެއަށް ބަދަލުވެވަޑައިނުގަންނަވާއިރު ވެސް ރައީސް މުއިއްޒުއާ މައްސަލަ ޖެހިގެން އެ ގެކޮޅުން ނުކުމެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ބުނެ ހަގީގަތާ ހިލާފު ޚަބަރު ފެތުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ހިލާލީގެ އޮތީ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި ކަމަށާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގެކޮޅުގައި އުޅުއްވި އިރު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް މިހާރުގެ ނައިބު ރައީސް ވިދާޅުވި އެވެ.
މި ވަގުތު ދިރިއުޅުއްވާ ގެކޮޅު ހަނި ގޯޅިއެއްގައި ހުންނާތީ މޮޓޯކޭޑް އެ ދިމާލަށް ކައިރި ކުރަން ޖެހުމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެހެންވެ ވީހާ ވެސް އަވަހަށް ހިލާލީގެ އަށް ބަދަލުވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ހުސައިން މިހާރު ދިރިއުޅުއްވަނީ މާލޭގައި ކުރިއްސުރެ އުޅުއްވި ގެކޮޅުގަ އެވެ.
"[ހިލާލީ ގޭގެ] ފުރާޅު އެއްކޮށް ހަލާކުވެފައި އޮތީ. ކުރީގެ ވީޕީ ނިދި ކުރެއްވި ކޮޓަރިކޮޅުން ވެސް ފެން ފައިބާ. ބަދިގެ ވެސް އެއްކޮށް ހަލާކު ވެފައި އޮތީ. މުޅި ތަން އެއްކޮށް ބަދަލު ކުރަން ޖެހިފައި ކުރިން ވެސް އެ އޮތީ،" ހުސެއިން ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މަރާމާތުތައް ނިންމުމަށް ފަހު، ރޯދަމަސް ފެށުމުގެ ކުރިން ހިލާލީގެ އަށް ބަދަލުވޭނެ މަގުފަހި ކުރަން އެމްއެންޑީއެފުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު، ބަދިގޭގެ ބައެއް މަރާމާތުތައް އަދިވެސް ނުނިމޭތީ ލަސްވީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ރޯދަމަހުގެ ފުރަތަމަ 10 ގެ ތެރޭގައި ވެސް ބަދަލުވެވިދާނެ. މިހާރު ވަރަށް ބޮޑަށް މަސައްކަތްތައް ނިމިފައި ހުރީ. މި ރޯދަމަހު ބަދަލުވާނެ ހިލާލީގެ އަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި މުޅި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އެ މަނިކުފާނު އަދި ހިލާލީ ގޭގެ ޗީފް އޮފް ސްޓާފާ މެދުގައި ވެސް އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. ވިދާޅުވީ، ހިލާލީގޭގެ ޗީފް އޮފް ސްޓާފް ވަހީދު ހުސައިނަކީ ވެސް ވަރަށް ހެޔޮ، ރަނގަޅު ބޭފުޅެއް ކަމަށެވެ.
"...މަސްވެރިންގެ ކަންކަމުގައި އަޅުގަނޑު އިއްޔެ ވެސް ރައީސަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޓުވީޓު ކޮށްފައި ވާނެ. ރައީސް ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތްތަކާ މެދު ފަހުރުވެރިވަން." ހުސައިން ވިދާޅުވި އެވެ.