12 މާޗް 2024 - 08:29

އިޒްރޭލު ސަރުކާރުން އެހެން ދީންތަކުގެ މީހުންނަށް ވެސް އަޅުކަން ކުރުމުގެ މިނިވަންކަން ދޭނެ ކަމަށާއި އެކަމަކު މުސްލިމުން ރަމަޟާން މަހަކީ ޖިހާދުގެ މައްސަރު ކަމަށް ބުނެ "އިޒްރޭލާ ކުޅެން" އުޅެފި ނަމަ ރައްދު ދޭން އޮތީ ތައްޔާރަށް ކަމަށް ބުނެ އިންޒާރު ދީފި އެވެ.
"އިޒްރޭލުގެ ދައުލަތުން އަގްސާ އާއި ހުރުމަތްތެރިވެގެންވާ އެހެން ތަންތަނުގައި ވެސް އަޅުކަން ކުރުމަށް ފުރުސަތު ދޭނެ،" އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށް ކަމަށްވާ އަގްސާ ހަރަމްފުޅާ ބެހޭ ގޮތުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުންޏެވެ.
"ރަމަޟާން މަހަކީ ޖިހާދުގެ މައްސަރު ކަމަށް ވެދާނެ. އެކަމަކު އަހަރެމެން ޓެސްޓުކުރަން ނޫޅޭތި. އަހަރެމެން މި ތިބީ ތައްޔާރަށް. ގޯހެއް ނުހަދާތި،" ޑިފެންސް މިނިސްޓަރުގެ ޓެލެގްރާމް ޗެނަލްގައި ޕޯސްޓްކުރި ވީޑިއޯ މެސެޖެއްގައި ބުންޏެވެ.
އޭނާ މި އިންޒާރު ދީފައި މި ވަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އަގްސާގައި މުސްލިމުންނަށް އިޒްރޭލުން ހުރަސް އަޅައި ހަމަނުޖެހުމަށް މަގު ފަހިކުރުވާ މައްސަލަ އޮންނައިރު ޣައްޒާގައި މިހާރު ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކާ އެކު މިފަހަރު އެ މައްސަލަ ވަކިން ބޮޑަށް ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.
އަގްސާ ހަރަމްފުޅު ހުންނަ ބިމަކީ ޔަހޫދީން ވެސް އެ މީހުންގެ އެންމެ މުގައްދަސް ބިމުގެ ގޮތުގައި ދެކޭ ތަނެވެ.
މިދިޔަ ހުކުރު ދުވަހު ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ތަރުޖަމާނު ވަނީ މި ރޯދަ މަހު މުސްލިމުން އަގްސާއަށް މިސްރާބު ޖެހުމަށް ގޮވާލައްވައިފަ އެވެ.
ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި ގިނަ އަދަދެއްގެ މީހުން ރަހީނުކުރުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ މީގެ ހަތަރު މަސް ކުރިން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން 31،000 އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ރޯދަ މަސް ފެށުމުގެ ކުރިން ހަމަލާތައް މެދުކަނޑާލުމަށް ދެ ފަރާތުން އެއްބަސްކުރެވޭތޯ ބެލި ނަމަވެސް އަދިވެސް މަޝްވަރާތަކުން ނަތީޖާއެއް ނުނިކުމެ އެވެ. -- އޭއެފްޕީ