ރޯދަމަސް އައި އިރު ޣައްޒާގެ މިސްކިތްތައް ބިމާހަމަ، ކާނާއެއް ނުލިބޭ
ރޯދަމަސް އައި އިރު ޣައްޒާގެ މިސްކިތްތައް ބިމާހަމަ، ކާނާއެއް ނުލިބޭ

އިޒްރޭލުން ބޮން އަޅައި ހަލާކުކޮށްލާފައިވާ މިސްކިތަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޣައްޒާގެ އާންމުންގެ ބަޔަކު އެއްވެސް ޖަމާއަތުގައި ނަމާދުކުރަމުން ދިޔައިރު އަނެއް ބަޔަކު ކޮޅުކޮޅަށް ދުވަމުން ދިޔައީ ބަނޑަށް މަރުވާ ހާލަތުގައި ތިބި އާއިލާގެ މީހުންނަށް ކާބޯތަކެތި ހޯދާށެވެ.

ރޯދަމަސް އައި އިރު ޣައްޒާގެ މިސްކިތްތައް ބިމާހަމަ، ކާނާއެއް ނުލިބޭ
ރޯދަމަސް އައި އިރު ޣައްޒާގެ މިސްކިތްތައް ބިމާހަމަ، ކާނާއެއް ނުލިބޭ

މީގެ ދުވަސްކޮޅެއް ކުރިން ހަލާކުކޮށްލި އެ މިސްކިތަށް އާންމުން ޖަމާވެ ނަމާދުކުރަމުން ދިޔައިރު މިއީ އެ މީހުން ދުވަހަކު ވެސް ރަމަޟާން މަހެއްގައި ތަޖުރިބާ ކުރަން ޖެހިފައި ނުވާ ފަދަ ބިރުވެރި އަދި ހިތްދަތި މަހެކެވެ.

"ބޮމުގެ ހަމަލާއެއް އަމާޒުވެ މަރުވާ ނަމައޭ ވެސް [ބައެއް ފަހަރު] ހިތަށް އަރާ،" އިޒްރޭލުން ބޮން އަޅައި މިހާރު ބިމާ ހަމަކޮށްލާފައިވާ ޚާން ޔޫނިސްގައި އަމިއްލަ ގެއެއްގައި އާއިލާއާ އެކު އުފަލުގައި އުޅުނު ދުވަސްތައް ހަނދާންކުރަމުން، ޒަކީ ހުސައިން އަބޫ މަންސޫރު ބުންޏެވެ.

"މި ހާލުގައި އުޅުމަށްވުރެ މަރުވިޔަސް މާ ރަނގަޅު،" އުމުރުން 63 އަހަރުގެ ޒަކީ ބުންޏެވެ.

އޭނާ ބުނީ ކާއެއްޗެއް ނުލިބިގެން އެތަން މިތަން ބަލަމުން ދާއިރު ބޭނުންވާ ބައެއް އެއްޗެހި ބާޒާރުތަކުން ފެންނަ ކަމަށާއި އެކަމަކު އެ ތަކެތި ގަނެވޭ ވަރަށް ވުރެ މާ އަގުބޮޑު ކަމަށެވެ.

"ތަރުކާރީއެއް ވެސް ގަނެވޭ ވަރެއް ނޫން. އެންމެ ކުޑަމިނުން މޭވާއެއް ވެސް،" ހާލުގައިޖެހި މިހާރު ރަފަހްގައި އުޅެމުން އަންނަ އުމުރުން 39 އަހަރުގެ މައިސާ އަލް ބަލްބިސީ ބުންޏެވެ.

"އަހަންނާއި ދަރިންނަށް ބޭނުންވާ ކާއެއްޗެހި ގަނެވޭ ވަރެއް ނޫން. އެންމެ އާދައިގެ އެއްޗެހީގެ އަގު ވެސް ވަނީ އަތް ފޯރާ ވަރަށްވުރެ މާ މައްޗަށް ގޮސްފައި،" ދެ ކުދިންގެ މަންމަ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި ހާހަހެއްހާ މީހުން މަރާލައި ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގެ ހުރިހާ އަނިޔާއެއް ލިބެނީ އާންމުންނަށެވެ. މިހާތަނަށް ހަމަލާތަކުގައި ފަލަސްތީނުގެ 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ