11 މާޗް 2024 - 18:00

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހުޅުމާލޭގައި އޮތް ކެމްޕެއިން އިވެންޓެއްގައި ބައިވެރިވި މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހަށް، ޔާމީންގެ ޕީއެންއެފްގެ ތާއީދާ އެކު ހުޅުމާލޭގެ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ބޭއްވި ހަރަކާތެއްގައި ޔާމީން ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޖަލުން ގޭބަންދަށް ބަދަލުކޮށް، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި އޮތަސް ޔާމީން ގެންދަވަނީ ޕީއެންއެފްގެ ޖަގަހަ ޖަލްސާތަކުގައި ގަވައިދުން ބައިވެވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ވާހަކައެއް ކަރެކްޝަންސް އިން ނުދެއްކި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވަނިކޮށް ޔާމީން ގެއަށް ބަދަލުކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި ފަހުންނެވެ.
ގެއަށް ބަދަލުކުރި ފަހުން، އެމަނިކުފާނު އިސްވެ ހުންނަވައި ހިންގެވި ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕާ މެދު އޮތް ހިތްހަމަނުޖެހުމާ އެކު މިފަހުން ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއި ކުރައްވައި، ޕާޓީގެ އެކި ކަންކަމުގައި ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާއިރު އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމެކެވެ. އެހެންވެ، އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން މީގެ ކުރިން އެތައް ފަހަރު އޮތީ ދީފަ އެވެ.
މިއީ ޔާމީންގެ މައްސަލަ ބަލަމުންދާ ކަމަށް އެ އިދާރާ އިން ބުނި ތިން ވަނަ ފަހަރެވެ. އެކަމަކު ކުރިން އެއްވެސް ކަހަލަ ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެ އެެވެ.