11 މާޗް 2024 - 17:36

އެމެރިކާގައި އުޅޭ މުސްލިމުންގެ އެތައް ބަޔަކު ނިއު ޔޯކްގެ ޓައިމްސް ސްކުއާ އަށް ޖަމާވެ ރަމަޟާން މަސް ފެށުމުގެ ގޮތުން އެ ތަނުގައި ތަރާވީހް ނަމާދުކޮށް އެކި ޝުއޫރުތައް ފާޅުކޮށްފި އެވެ.

ބިލްބޯޑުތަކާއި އެކި ކުލަކުލައިގެ ބޮކިތަކުން ދިއްލާފައި އޮތް މައިދާނުގައި 100 އަށް ވުރެ ގިނަ މީހުން ތަރާވީހް ނަމާދުކުރި އެވެ. އެތަނަށް ދިޔަ ބައެއް މީހުން ފަލަސްތީނުގެ ދިދަ ހިފައިގެން ތިބެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލި އެވެ.

"މުސްލިމުންގެ ގޮތުގައި ތިބެ މިތަނަށް އެއްވެ [އަޅުކަން ކުރުމަކީ] ލިބުނު އުފަލެއް. ކޮންމެ ދިމާލަކުން ވެސް މުސްލިމުން އެބަ ފެނޭ. އަހަރެން މި ހުރީ އަޖައިބުވެފައި. މިއީ އަހަރެން މިތަނަށް އައި ފުރަތަމަ ފަހަރު. ބޭނުންވީ މިތަނަށް އައިސް މުސްލިމުން އުޅޭ ގޮތް ބަލައިލަން،" ތަރާވީހް ނަމާދަށް ދިޔަ މިސްރުގެ ޒުވާނެއް ކަމަށްވާ ސަލްމާން އަލް ހަނަފީ އޭއެފްޕީ އަށް ބުންޏެވެ.

ގަދަ ފިންޏާއި ގަދަ ވައިގެ ތެރޭގައި ނަމާދުކޮށް ނިންމައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނަށް ގުރުއާންގެ މުސްހަފް ބެހުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި އެ ވަގުތު ކުޑަކުދިން ގުރުއާނާއި މަދަހަ ކިޔަމުން ދިޔަ އަޑު ވެސް އިވެމުން ދިޔަ އެވެ.
"ވަރަށް ގިނަ މީހުން ގުރުއާނަށް ޝައުގުވެރިވޭ. ފްރެންޗު ބަހުން ހުރި ގުރުއާން [ތަރުޖަމާ] ގާތްގަނޑަކަށް ހުސްވެއްޖެ. ރަމަޟާން މަހު ރޯދަ ހިފުމުގެ މުހިންމުކަން ވެސް ގުރުއާނުން ތަފްސީލްކޮށް އެނގޭނެ،" ނިއު ޔޯކްގެ އުމުރުން 20 އަހަރުގެ އައިޓީ ދަރިވަރެއް ކަމަށްވާ އަހްމަދު ޔަސާރް ގުރުއާން މުސްހަފު ބަހަމުން އޭއެފްޕީއާ ވާހަަކަ ދެއްކި އެވެ.
މި ހަރަކާތްތައް ކުރިއަށް ދިޔައިރު ޣައްޒާގެ މުސްލިމުން މި ވަގުތު ތިބި ހާލު ދުނިޔެއަށް ހަނދާންކޮށްދިނުމަށް ވާހަކަ ދެއްކުމާއި ފޮޓޯ އާއި ވީޑިއޯ ދެއްކުން ވެސް ކުރިއަށް ގެންދިޔަ އެވެ. -- އޭއެފްޕީ