17 ފެބުރުއަރީ 2017 - 13:53

ގާހިރާ (ފެބްރުއަރީ 16) - މިސްރުގައި ހެޕަޓައިޓިސް ސީއާ ދެކޮޅަށް ފަށަން ނިންމާފައިވާ ކެމްޕެއިން ލޯންޗު ކުރުމަށް އެ ގައުމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކުރަން އޮތް ދަތުރު ފަސްކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން 4-0 އިން ވި ބޮޑު ބައްޔާ އެކު ބާސެލޯނާގެ ގިނަ ކުޅުންތެރިން އަންނަނީ މީޑިއާ ކެމްޕެއިންތަކާ މި ވަގުތު ދުރުވަމުންނެވެ.
މިސްރުގެ ޓޫރިޒަމް މިނިސްޓްރީގެ ތަރުޖަމާން އޮމައިމާ އަލް ހުސެއިނީ ވިދާޅުވީ މެސީ އެންމެ ފަހު ވަގުތު ދަތުރު ލަސްކުރަން ނިންމާފައިވާ ކަމަށެވެ.
"ވަކި ސަބަބެއް ހާމަކޮށްފައެއް ނުވޭ. މެސީގެ ފަރާތުން އެދުނީ މި ވަގުތު އާދެވެން ނެތް ކަމަށް. މެސީ ބޭނުންވަނީ ފަހުގެ ތާރީހަކަށް މި ދަތުރު ލަސްކޮށްލަން. އެކަމާ އަޅުގަނޑުމެން ވެސް މަޝްވަރާ ކުރަމުން މި އަންނަނީ،" ހުސެއިނީ ވިދާޅުވި އެވެ.
މެސީ އަންނަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރު ޔުނިސެފާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އާ ގުޅިގެން އެކި ގައުމުތަކުގައި ހިންގާ އެކި ކެމްޕެއިންތަކުގައި ބައިވެރިވަމުންނެވެ.
ޕީއެސްޖީ އަތުން ބަލިވި މެޗަށް ފަހު މީޑިއާގައި ވާހަކަ ދައްކަމުން ބާސެލޯނާގެ ނޭމާ ބުނީ ކުއާޓާ އަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ހަނިވެފައި އޮތް ނަމަވެސް އުއްމީދު ދޫކޮށްނުލާ ކަމަށެވެ.
"އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ ޕީއެސްޖީން އެ ނެރުނު ނަތީޖާ ތަކުރާރުކުރަން. އެއީ ފަސޭހަ ކަމަކަށް ނުވިޔަސް އެކަން ކުރަން ޖެހިފައި މި އޮތީ. ކުއާޓާގެ ފުރުސަތު ކުޑަވެފައި އޮތަސް އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރު ކުރާނަން،" ނޭމާ ބުންޏެވެ.
ބާސެލޯނާ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމު ކަޓުވާލީ ލިވަޕޫލުންނެވެ.