11 މާޗް 2024 - 13:10

ވިޔަފާރިތަކަށް ހާއްސަކޮށް ވިސާ ބިޒްނަސް އެކްސްޕެންސްގެ ނަމުގައި ކޭޝް ކާޑެއް ތައާރަފްކޮށްފި އެވެ.
މި ކާޑަކީ ވިޔަފާރިތަކުން ހަރަދުތައް ފަސޭހައިން ބެލެހެއްޓޭނެ ކާޑެކެވެ. މި ކާޑުން އެމްއައިބީގެ ފައިސާ ނެޓް އެކައުންޓް ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ކާޑު ސްޓޭޓްމަންޓުތަކަށް އެކްސެސްކޮށް، ހަރަދުތައް ޓްރެކް ކުރެވޭނެ އެވެ.
އެމްއައިބީން ބުނި ގޮތުގައި މި ކާޑަކީ ހރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަ އަދި އެފިޝަންޓު ކާޑެކެވެ. އަދި މި ކާޑުން ހަރަދުތައް ފަސޭހައިން ބެލުމުގެ އިތުރުން އޮންލައިންކޮށް ކާޑަށް ފައިސާ ޓޮޕްއަޕް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
މި ކާޑަކީ ޑޮލަރު އަދި ރުފިޔާއިން ބޭނުންކުރުމަށް ވެސް ދޫކުރާ ކާޑެއް ކަމަށް ވާތީ، މި ކާޑު ބޭނުންކޮށްގެން އޮންލައިންކޮށް ރާއްޖެއިން ބޭރުން ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަން ވެސް އެ ބޭންކުން ފާހަގަކުރެ އެވެ.
މި ކާޑު ދޫ ކުރާނީ އެމްއައިބީގެ ބިޒްނަސް އެކައުންޓުތަކަށެވެ.