ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ނިޔާޒް
ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ނިޔާޒް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް މިއަދު އިންތިހާބު ކޮށްފި އެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެ ކޮމިޝަނަށް އައްޔަނުކުރުމުންނެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް އިންތިހާބުކޮށްފައިވަނީ، އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަން ޖެހެ އެވެ. އެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅަށެވެ.

ދައުރު ހަމަނުވަނީސް، ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު ޖޭއެސްސީއަށް އައްޔަން ކުރެއްވުމަށް ސުޕްރީމް ކޯޓުން ނިންމެވީ ފަނޑިޔާރު ޝުޖޫން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެ އެވެ.

ޖޭއެސްސީގައި އިންނަވާ މެމްބަރު ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.