ދިޝާ އާއި ޕްރަބާސް ލަވައެއް ޝޫޓްކުރަން އިޓަލީގައި
ދިޝާ އާއި ޕްރަބާސް ލަވައެއް ޝޫޓްކުރަން އިޓަލީގައި

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ އެކްޓްރެސް ދިޝާ ޕަޓީ ލަވައެއްގެ ޝޫޓިންނަށް އިޓަލީ އަށް ހިނގައްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ލަވައަކީ ޕްރަބާސް އާއި ދިޝާގެ ކުރިއަށް އޮތް ފިލްމު "ކަލްކީ 2898 އޭޑީ"ގެ ލަވައެކެވެ.

އެ ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ޝޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯގައި ޕްރަބާސް ފެންނަނީ ކަޅު ކުލައިގެ ޖެކެޓަކާ އެކު ރަތް ކުލައިގެ ގަމީހެއް ލައިގެން ހުއްޓަ އެވެ. އަދި ދިޝާ ހުރީ އަޅި ކުލައިގެ ބްލެންކެޓެއް ގައިގައި އޮޅާލައިގެންނެވެ.

މި ފިލްމަކީ ޕްރަބާސްއާ އެކު ބޮލީވުޑްގެ ކުޅަދާނަ ތަރި ދީޕިކާ ޕަޑުކޯން ވެސް ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި އަމީތާބް ބައްޗަން ވެސް މި ފިލްމުގައި މުހިންމު ރޯލެއް ކުޅެ އެވެ.

ކަމަލް ހަސަން އާއި ރާނާ ދަގުބަތީ ވެސް މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމު ޑައިރެކްޓުކުރަނީ ނާގް އަޝްވިން އެވެ.

ސައިންސް ފިކްޝަން މި ފިލްމަކީ އެޕޮކްލިޕްސްއަކަށް ފަހުގައި 2898 ވަނަ އަހަރު ދުނިޔޭގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާނެ ފިލްމެކެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ މެއި މަހު ނުވައެއްގަ އެވެ.