މަސްތުވީ ލޯބި
މަސްތުވީ ލޯބި

"ތިޔަ މީހާއާ އިނދެގެން ގޮސް އެނބުރި މި ގެއަށް ވަދެގެން ނުވާނެ!"

މަންމަގެ ޖުމްލަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ނުތަނަވަސްކަން އަދިވެސް ހިތުގައި އޮވެއެވެ. ކައިވެންޏަށް ފަސް އަހަރު ވީއިރު އަހަރެން، އަހަރެންގެ މައިންބަފައިން ލޮލަށް ނުދެކެމެވެ. އެއްބަނޑުއެއްބަފާ މީހެއް ނުފެންނަތާ އަޑު ވެސް ކަންފަތުގައި ޖެހިނުލައެވެ. އެ އެންމެންނަށް އަހަރެން މަރުވެއްޖެކަން އަހަންނަށް ޔަގީނެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް އަހަރެން އެ މީހުންގެ މަތިން ހަނދާން ކުރަމެވެ. އެ މީހުންނަށްޓަކައި ހެޔޮދުއާ ކުރަމެވެ.

ދެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށް ފަހު އަހަރެން ބަދިގެއަށް ދިޔައީ ފަސް އަހަރުގެ ދޮށީ ދަރިފުޅަށް ބަތް މުގުރާށެވެ. އެއީ ނުކުޅެދޭ ބަލި ކުއްޖެކެވެ. ދުނިޔެއަށް އައީއްސުރެ ލޫތު އެ އޮންނަނީ ބަލިތަންމަތީގައެވެ. އޭނާގެ ހުރިހާ ކަމެއް ވެސް ކުރަނީ އަހަރެން އެކަނިމާ އެކަންޏެވެ. އޭނާގެ ބަތްކޮޅު ތައްޓަށް އަޅަން ހުރި އިރު ވެސް އަހަރެން ދިޔައީ ފެންކަޅިވަމުންނެވެ. ކަރުނައިން ދެ ލޯ ފުރި އަނެއްކާ ވެސް ލޯ ފުސްވެގެން ދިޔައެވެ.

"ކިތައް ފަހަރު ބުނާނީ އެއީ މަސްތުވާއެއްޗެހި ބޭނުން ކުރާ މީހެކޭ! ފަހުދު ނުވާނެ ދުވަހަކު ވެސް ރަނގަޅެއް. މަ ހިތަށް އަރާ މަންޖެ އަށް އެ ފަހުދު ކަމުގޮސްގެން ތިއުޅެނީ ކޮން ލޮލަކުން ބަލައިގެންބާވައޭ؟ ދެ ލޮލަށް މިރުސް އެޅިފައިތަ ތި ހުރީ؟" ކާން ފެށުމާ އެކު މަންމަ ބުނެލި އަޑު އިވުނެވެ.

އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. އެތިފުށްފުކުން ނަގައިގެން ބަތް ކަމުން ދިޔައީމެވެ.

"މިވަރަށް އެއްޗެހި ކިޔާއިރު ވެސް ލަދެއް ހަޔާތެއް ނެތޭ. ކާޅު ގޮވާހެން މުޅި ރަށުގައި އެ ދައްކަނީ އެ ވާހަކަ. މަގޭ ދަރިޔަކު އެހާ ދަށުދަރަޖައިގެ މީހަކާ ހިތާވެގެން އުޅޭތީ އެކަމާ އެންމެން މަށަށް މަލާމާތްކުރަނީ!" މަންމަ އެހެން ބުނުމުން ނުރުހުމުގެ ލޮލަކުން އަހަންނަށް ބަލައިލެވުނެވެ.

"މަ ބިރު ގަންނާނެ ކަމަށްތަ ބިޗުލެއްހެން ތި ބަލަނީ؟" އަނެއްކާ ވެސް މަންމަ ބުންޏެވެ.

މަންމަގެ ކޮންޓްރޯލް ގެއްލި އަތުގައި އޮތް ސްޓީލް ތަށި އަހަންނާ ދިމާލަށް ހޫރާލި އެވެ. އެއާއެކު އަހަރެންގެ ނިތްކުރިމަތިން ދިޔައީ އަޑު ގޮވައިގެންނެވެ. ވީތަދާއެކު ސިހިގެން ގޮސް ކުރިމަތީގައި ހުރި ބަތްތަށި ދުރަށް ޖައްސާލަމުން އަހަރެން ތެދުވީ ރޮއިގަންނަމުންނެވެ.

ދުވެފައި ގޮސް ފަހުދުގެ ގެއަށް އަހަރެން ވަނީމެވެ. ފަހުދު ދިރިއުޅެމުންދަނީ އޭނާގެ މާމަ ގޭގައެވެ. އެ ގޭގައި އުޅެނީ ވެސް އޭނާ އާއި މާމަ އެކަންޏެވެ.

އަހަރެން ގޮސް ވަންް އިރު ފަހުދު އިނީ ކޮފީއެއް ހިފައިގެން ސިނގިރެޓް ބޯށެވެ. އަހަރެން ފެނުމާއެކު އަތުގައި އޮތް ސިނގިރޭޓް ދަޅަށް ވައްޓާލަމުން އޭނާ އަހަންނާ ދިމާލަށް އައެވެ. އެއަށްވުރެ ބާރަށް ގޮސް އަހަރެން އޭނާގެ ގައިގައި ބައްދައިގަތީމެވެ.

"ދޫނި! ދައްކަބަލަ މޫނު. ދައްކަބަލަ!" ފަހުދު ވާހަކަ ދެއްކީ ނުހަނު އޯގާތެރިކަމާ އެކު އެވެ.

މޫނު ނުދައްކަންވެގެން އަހަރެން ހުރީ އޭނާގެ މެޔާލައި މޫނު ފޮރުވައިގެންނެވެ. ނަމަވެސް ފަހުދުގެ ދެ އަތުން އަހަރެންގެ ގައިގައި ހިފައި ދުރުކޮށްލުމާ އެކު އޭނާއަށް އަހަރެންގެ ނިތްމަތި ދުޅަވެފައި އޮތްތަން ފެނުނެވެ.

"ކިހިނެއްވެފައި މިހުރީ؟ ފަހުދު ކައިރީ ބުނެބަލަ. ތަނަކު ޖެހުނީތަ؟ ހޭ؟" ނުހަނު ލޯބިން އޭނާ އަހަރެންގެ މޫނަށް ބޮސްދެމުން ސުވާލުކުރިއެވެ.

އެއާއެކު ކަންތައް ވީ ގޮތް އަހަރެން ކިޔައިދިނީ ރޮމުންނެވެ. އޭނާ އަހަރެން އަތުލަފިކޮށްގެން ގެންގޮސް އެނދުމަތީ ބޭންދިއެވެ. އަދި އެ ކޮޓަރީގައި ހުރި މިނީބާއިން އައިސް ކިޔުބެއް ނަގައި ދުޅަވެފައިވާ ތަނުގައި މަޑުމަޑުން ހާކަމުން ދިޔައެވެ. އޯގާތެރިކަމާއެކުގަ އެވެ. އިރުއިރުކޮޅުން އޭނާ އަހަރެންގެ މޫނަށް ބޮސްދެމުން ދިޔައެވެ.

"މަންމައާ ދިމާލަށް އެއްޗެއް ނުބުނައްޗޭ. އެއީ ދޫނި މަންމައެއްނު. ކަމެއް ވިއްޔާ ތިގޮތަށް އަހަރެން ގާތަށް އާދޭ. އަހަރެން އަބަދުވެސް ހުންނާނަން ލޯބިއާއެކު."

ފަހުދު އަހަންނަށް އަބަދުވެސް ހެޔޮ ނަސޭހަތް ދެއެވެ. އޯގާތެރިއެވެ. އަޅާލައެވެ. އަހަރެންގެ ހުރިހާ ކަމަކަށް އޭނާ ފަރުވާ ބަހައްޓައެވެ. ފަހުދު ގާތަށް އައުމުން އަހަންނަށް ހުރިހާ ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. ގެއަށް ދާއިރަށް އިވޭނީ އެކަކު އަނެކަކު އަހަންނާ ދިމާލަށް އެއްޗެހި ގޮވާ އަޑެވެ.

އަބަދުވެސް އަހަރެން ކުށްވެރި ކުރެއެވެ. ބާކީ ކުރެއެވެ. މިއަދަކީ މަންމަގެ ފަރާތުން އަނިޔާ ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. ފަހުދަކީ މަސްތުވާއެއްޗެހި ބޭނުން ކުރާ މީހެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް ދުރަކަށް ނުދެވުނެވެ. އޭނާ މާ އޯގާތެރިއެވެ. އެއީ ރަޙުމާއި ކުލުނުން ފުރިފައިވާ ހިތެއްގެ ވެރިއެކެވެ. އަހަރެން ދެކެ އެހާ ލޯބިވެއެވެ. އެހެންކަމުން ފަހުދާ ކައިވެނި ކުރުމަކުން އަހަންނަށް ގެއްލުމެއް ވާނެކަމަކަށް ހިތެއް ގަބޫލެއް ނުކުރެއެވެ.

ކުއްލިއަކަށް އަހަރެން ސިހުނީ އަތުގައި އޮތް ސަމުސާ ދޫވުމުންނެވެ. އޭރު އެއް އަހަރުގެ ދަރިފުޅު ކޮށި ދުއްވަމުން އައިސް ކާގެއަށް ވަންނަނީއެވެ. އެ ދަރިފުޅަށް ކިރުތައްޓެއް ހަދާނަމޭ ހިތާ ކަބަޑުން ކިރުދަޅު ނެގީމެވެ. ސަމުސަލެއް ހަމަވާ ވަރަށް ވެސް ކިރުކޮޅެއް ނެތެވެ. ދަޅުގެ އެތެރެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު މަތި ޖެހީމެވެ. އޭރު ކުޑަކުޑަ މުނާ ކޮށީގައި އިނދެ ރޮމުން ދެއެވެ. އެހެންކަމުން ފުރަތަމަ މަސައްކަތް ކުރީ މުނާ މައިތިރި ކުރެވޭތޯއެވެ. ނިންދަވާނަމޭ ހިތައި އުނދޯއްޔަށް އަރައި ހެއްލަން ފެށީމެވެ. އެއާއެކު އޮއްދާ ހިއްލާފައިވާ އަހަރެންގެ މޫނަށް ތާޒާ ވައިގެ ފިނިކަމުން އަރާމުކަން ގެނެސްދިނެވެ.

ފަހުދުގެ ތަނަވަސް މޭމަތީގައި ބޯ އަޅާލުމަކީ އޭރު އަހަންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ. ހިތްހަމަ ޖެހުނެވެ. ފަހުދު ދެކެ އިންތިހާއަށް ލޯބިވާން ޖެހުނީ ވެސް އޭނާގެ އެ ހުންނަ އޯގާތެރިކަމާއި ލޯބިވެތި ކަމުންނެވެ.

"އަހަރެން އަދި މިކަމުން ސަލާމަތްވާނަން. ޝާނީ ދެކެ އަހަރެން މިވާ ލޯތްބަކުން ވެސް އަހަރެން ބޭނުން މިކަން ހުއްޓަން،" އަހަރެންގެ އަތަށް ފިތާލަމުން ފަހުދު ބުންޏެވެ.

"އަހަރެން އަބަދުވެސް ފަހުދަށް އިތުބާރު ކުރަން. އަހަންނަށް އެނގޭ ފަހުދު ތިކަން ހުއްޓާނެކަން. އެކަމަކު މަންމަމެން ނުކުރާނެ ގަބޫލެއް. އެހެން ވިޔަސް. އަހަރެން ބޭނުން ފަހުދާ ކައިވެނި ކުރަން،"
ފަހުދުގެ ކޮލުގައި މޫނު ޖައްސާލަމުން އަހަރެން ބުނީމެވެ.

އެއާއެކު އޭނާގެ ގަޔާލައި އަހަރެން ފިއްތާލިއެވެ. ފަހުދުގެ ޖާދުވީ ހަރަކާތްތަކަށް އަބަދުވެސް އަހަރެންގެ ހިތް ލަންބުވާލައެވެ. އަހަރެން ފަހުދާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހަކާ ގުޅެން ހިޔާލުކޮށްލިޔަސް ހީވަނީ މޭތެރޭ ހިތް ފިތޭހެންނެވެ.

ބާރުބާރަށް ގޭތެރެއިން ރޮއިގަތް އަޑަށް އަހަންނަށް ލޯ ހުޅުވާލެވުނެވެ. އޭރު މުނާ އޮތީ ކޮނޑުމަތީ ނިދިފައެވެ. އަވަސް އަވަހަށް އުނދޯލިން ފައިބައިގެން ގޮސް މުނާ އެނދުގައި ބޭއްވީމެވެ. އަދި ޖެހިގެން ހުރި އެނދުގައި ކުކުރާލަ ކުކުރާލަ އޮތް އައިޒް ގާތަށް ގުދުވެލީމެވެ. އަދި އައިޒްގެ ކޮލަށް ބޮސްދިނުމަށް ފަހު ބަތް ހިފައިގެން އަންނާނަމޭ ބުނެ އަހަރެން އަނެއްކާ ވެސް ނިކުތީމެވެ.

އައިޒަކީ އަތްފައި ހަރަކާތް ކުރެވޭ ކުއްޖެއް ނޫނެވެ. ވާހަކަ ދެއްކުމުން ވެސް މަހުރޫމްވެފައި ވާތީ ދަރިފުޅުގެ ހުރިހާ ކަމެއް ވެސް އަހަރެން ދެނެގަންނަނީ މޫނުމަތީގެ ޝުއޫރުތަކުންނެވެ. އަވަސް އަވަހަށް އައިސް އައިޒަށް ކާން ދޭން އިށީނުމާއެކު އަނެއްކާ ވެސް އަހަރެންގެ ހިޔާލުތައް ސިކުނޑި ތެރޭގައި އެނބުރެން ފެށިއެވެ. އަދި އެ ހަނދާންތައް މާ ދުރަށް ދަތުރުކުރަން ފެށިއެވެ.

"ވަޑައިގަތީ؟" ގެއަށް ގޮސް ވަނުމާއެކު ދޮންތަގެ ހޫނު ޖުމްލައިގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

އޭރު ދޮންތަގެ އިތުރުން މަންމަ އާއި ބައްޕަ އަދި ދޮންބެ ވެސް ސިޓިންރޫމްގައި ތިއްބެވެ. ފަހަރަކު މީހެއްގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އެކައްޗެކެވެ. ހިތްހަމަ ނުޖެހުމެވެ. ފެންނަ ފެނުމަށް ހީވަނީ އެ މީހުން އެތިބީ އަހަރެންގެ އިންތިޒާރުގައެވެ.

"ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެން މަގުމަތީ ދަމަމުން ގެނައިނަމައެއްނު،" މަންމައަށް ބަލާލައިފައި ދޮންބެ ބުނެލި އަޑު އިވުނެވެ. އެހިނދު ދޮންބެގެ މޫނަށް އަހަންނަށް ބަލައިލެވުނީ ރުޅިވެރި ލޮލަކުންނެވެ.

"އޭރުން ވެސް އަހަރެމެންގެ އަގު ވެއްޓޭނީ! އެ ފަހުދުގެ ގެއަށް މީނަ ވަތް ވާހަކަ މީހަކު ބުނީ ބައްޕައަށް ގުޅާފައޭ! ބައްޕަ ލަދު ގަންނާނެ ވަރު ކަލެޔަކަށް ނޭނގޭތަ؟" ކުރަތްޕެއް އަންނަހާ ބާރުމިނުގައި އައިސް ދޮންތަ އަހަރެންގެ މޭގައި އަޅާ ފަހަތަށް ކޮއްޕާލިއެވެ.

"ގަޔަށް ނާރާ ހުރޭ!" އައި ރުޅިން ދަތްވިކާފައި އަހަންނަށް ބުނެވުނެވެ.

"އެ މީހަކާ ޖެހުނުފަހުން މީނަ ލަދުހަޔާތް ވެސް ކެނޑިއްޖެ. އަހަރެމެންނަކީ އެއްވެސް ބައެއް ނޫން،"
އަހަންނާ ދިމާލަށް އަތް އުކައުކާފައި ދޮންތަ ބުނެލިއެވެ.

އޭރު ބައްޕަ ވެސް ހުރީ އަހަންނަށް ބަލާށެވެ. ސޯފާއިން ތެދުވެގެން އައިސް ބައްޕަ އަހަރެންގެ ކުރިމަތީގައި ހުއްޓުމަށްފަހު ދެ އަތް ފުރަގަހަށް ލިއެވެ.

ބައްޕަ ދެކެ ޖެހިލުންވީ ނަމަވެސް އަހަރެން އިސްޖަހައިގެން ހުރީ ބައްޕަ ކަންތައްކުރަން އުޅޭ ގޮތެއް ނޭނގޭތީއެވެ. އަހަރެން ހީކުރީ ގޮތާ ހިލާފަށް ބައްޕަ އަހަންނަށް އަނިޔާއެއް ނުކުރިއެވެ. ބައްޕަ ދިނީ ނަސޭހަތެވެ. މަސްތުވާއެއްޗެއްސަށް ދެވި ހިފާފައި ހުރި މީހަކު ދުވަހަކު ވެސް އެކަމުން ސަލާމަތް ނުވާނެ ކަމުގައި ބުންޏެވެ. ދިރިއުޅުމެއް ނުފެންނާނެ ކަމުގައި ބުންޏެވެ. އެ މީހުންނަކީ މުޖުތަމައަށް ބޭނުންތެރި ބައެއް ނޫން ކަމުގައި ވެސް ބުންޏެވެ. ވަގުތީ ކުޑަކުޑަ އުފަލަކަށްޓަކައި ފަހުދަށްޓަކައި މުޅި ދިރިއުޅުން ގުރުބާން ނުކުރާށޭ ބުނެ އާދޭސްކުރިއެވެ.

"މި ގޭތެރެއިން އަހަންނަށް ނުލިބޭ އުފާވެރިކަމާއި އޯގާތެރިކަން އަދި ލޯތްބާއި ރަހުމާއި ކުލުނު ވެސް އަހަންނަށް ފަހުދުގެ ގެއިން ލިބޭ،" އިސްޖަހައިގެން ހުރެ އަހަރެން އެހެން ބުނެލުމާއެކު އަހަރެންގެ ގަޔަށް ފުންމައިގަތީ މަންމައެވެ.

ދެ ކޮނޑުގައި ހިފައި ބާރުބާރަށް އަހަންނަށް އަނިޔާ ކުރަން ފެށިއެވެ. ނަމަވެސް އަވަސް އަވަހަށް ބައްޕަ އާއި ދޮންބެ މަންމަ އަހަންނާ ދުރަށް ގެންދިޔައެވެ.

"ބައްޕަގެ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނީ ކިހާ ލަދެއް އަގަލެއް ނެތީމަ. ކަލޭ ދޭ އެ މީހާ ފަހަތުން. މަ ބަލާނަން ކަލެޔަށް އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ،" ބާރުބާރަށް މަންމަ ބުނެލިއެވެ.

އެއާއެކު ކަރުނައިން ފުރިގެންވާ ލޮލަކުން އަހަންނަށް މަންމައާ ދިމާލަށް ބަލައިލެވުނެވެ. އެއީ އަހަރެންގެ މައިމީހާކަން އަހަންނަށް އެނގެއެވެ. އެ މަންމަގެ ޒުވާން އުމުރު ހުސްކުރީ އަހަރެމެންނަށްޓަކައިކަން ވެސް އެނގެއެވެ. ނަމަވެސް އެ މަންމައަށް އަހަރެންގެ އުފާތައް މުހިއްމު ނުވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ލޮލުން ކަރުނަ ފުހޭކަށް ނަހަދަމެވެ. ގެއިން ނިކުންނަން އެނބުރިލީމެވެ.

"ތިޔަ މީހާއާ އިނދެގެން ގޮސް އެނބުރި މިގެއަށް ވަދެގެން ނުވާނެ!" އަހަރެންގެ ކަންފަތުގައި ޖެހުނީ މަންމަގެ ވޭނީ އަޑެވެ.

ނަމަވެސް އިވޭ ކަމަކަށް ނަހަދަމެވެ. އަވަހަށް ގޮސް ފަހުދުގެ އުނގުތެރޭގައި ބޮނޑިވެގަތީއެވެ. އޭނާގެ ހިމާޔަތަކީ އަހަންނަށް އެންމެ އުފާވެރިކަން ލިބޭ ހިމާޔަތެވެ.

ކޯޓުން ވަލީ ހޯދައިގެން އަހަރެމެން ކައިވެނި ކުރީ މާލޭގައެވެ. އަދި ދުވަހަކު ވެސް ރަށަށް ނުދާނެ ކަމަށް ބުނެ ފަހުދު އަހަރެން ގެންގުޅުނީ ވެސް މާލޭގައެވެ. މަސްތުވާއެއްޗެހި ގަނެ، ވިއްކައިގެން ފަހުދު ބައިވަރު ލާރި ހޯދައެވެ. އަހަރެން ދެކެ ވާ ލޯބިން އޭނާ ހުރިހާ ފައިސާއެއް ވެސް ދެނީ އަހަންނަށެވެ. އަހަންނަކީ މުށްބާރު މީހެއްކަމުން އަހަރެން ދިޔައީ ފަހަށް ވެސް ރައްކާކުރަމުންނެވެ. ފަހުދުގެ ހާލަތު އަހަންނަށް ވަރަށް ގާތުން ފެނެއެވެ. ނަމަވެސް އޭނާ ދެކެ ވާ ލޯތްބަކުން އަހަންނަށް އެއީ މައްސަލައަކަށް ނުވެއެވެ.

ކައިވެންޏަށް ފަހު ގުރޫޕް ހަދައިގެން ތަންތާކަށް އޭނާ ނުދެއެވެ. ކުރާ ކަމެއް ކުރަން އޮންނަނީ ގޭގައެވެ.
އަހަރެންގެ އަލަތު ދަރިފުޅަށް ބަލިވެ އިން ހިސާބުން ފަހުދު ރަނގަޅުވާން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ވަބާއާ ދުރަށް ދާން އޭނާއަށް އުނދަގޫ ވާން ފެށިއެވެ. އެހެންކަމުން ރުޅި ގަދަވާގޮތްވެ އަހަންނަށް އަނިޔާ ކުރަން ވެސް ފެށިއެވެ. ފަހަކަށް އައިސް އުޅުން ބަދަލުވެ، ގެއަށް އަންނަ އައުން މަދުވާން ފެށިއެވެ.

އަތުގައި ފައިސާ ނެތުމުން އަހަރެން ރައްކާކުރާ ފައިސާ ގަދަކަމުން ހޯދަން މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ފައިސާ ނެތްކަމަށް ބުނެ އަހަރެން އޭނާއަށް ދޮގު ހަދަމުން ދިޔައީމެވެ. އޭރު އަހަރެން އިން ހާލުން އަހަންނަށް ފުރަތަމަ ފަހަރަށް ދިރިއުޅުމާ މެދު ވިސްނެން ފެށުނެވެ.

ފުރަތަމަ ދަރިފުޅު ފެނުނު ދުވަހަކީ އަހަރެންގެ ހަޔާތަށް އައި އެންމެ ހިތްދަތި ދުވަހެވެ. ދަރިފުޅަކީ ސިއްހަތު ރަނގަޅު ކުއްޖެއް ނޫން ކަމުގައި ބަނޑުބޮޑުއިރު ޑޮކްޓަރު ބުނިކަމުގައި ވިޔަސް، ވިހޭއިރު އޮތް ހާލުން އަހަރެންގެ ހިތް ފަޅައިގެން ދިޔައެވެ. މައިލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. ނަމަވެސް އިލާހީ ގާނޫނަށް ރުހިގެން އަހަރެން ކެތްކުރީމެވެ. ފުރަތަމަ ފަހަރަށް މާތްﷲ މަތިން ހަނދުމަވީ ވެސް އެހިސާބުންނެވެ. މައިންބަފައިން މަތިން ހަނދާންވާން ފެށީ ވެސް އެ ދުވަހެވެ.

ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހަޔާތް ދިޔައީ އަނދިރިވަމުންނެވެ. އުނދަގޫ ދަތި ދިރިއުޅުމެއްގައި ކެތްކުރީމެވެ. ފަހުދު ޖަލަށް ނުގެންދާ މަހެއް މަދުވާނެއެވެ. އެންމެ ފަހުން ފައިސާ ލިބޭނެ މަގެއް ނެތުމުން ފަހަށް ރައްކާކުރި ފައިސާކޮޅު ނަގަން ޖެހުނެވެ. ފަހުދުގެ ރައްޓެއްސެއްގެ ގެއެއްކަމުން ކުލި ކުޑަކޮށްދިން ނަމަވެސް އެހެން ހަރަދުތައް އެހާމެ ބޮޑެވެ. އަހަރުތައް ފާއިތުވެ ދަނިކޮށް އަހަރެން ދެވަނަ ދަރިފުޅަށް ބަލިވެ އިން ހަބަރަކީ ރިހޭފައިމައްޗަށް ފޮއި ވެއްޓުނު ފަދަ ހަބަރެކެވެ. ނަމަވެސް އަހަރެން ނަމާދުން ވާގި ހޯދަމުން ދިޔައީމެވެ. އަހަރެންގެ ފިރިމީހާއަކީ ގޭތެރެއަށް އެއްލާލައިފައި އޮންނަ މަސްގަނޑެކެވެ. ކުރިން އޭނާގެ ފަރާތުން އަހަންނަށް ލިބުނު އެއްވެސް ލޯތްބެއް މިހާރަކު ނުލިބެއެވެ.

ގުރޫޕަކާއެކު މަސްތުވާތަކެތި ވިއްކުމުގެ މައްސަލައެއްގައި ފަހުދު ޖަލަށް ލީ އަހަރެންގެ ހަގު ދަރިފުޅު ވިހައިގެން ގޭގައި އޮއްވައެވެ. އެހިސާބުން އޭނާ ދެން ސަލާމަތް ނުވާނެކަން އަހަންނަށް ޔަގީން ކުރެވުނެވެ. ދިރިއުޅުން ކުރިއަށް ގެންދާނެ މަގު އޮޅި މީހާ މަގުމަތިވީކަން އިހުސާސް ކުރެވުނެވެ. ފަހުދު ދެކެ އިންތިހާއަށް އަހަރެން ވީ ލޯބި ފަނޑުވާން ފެށިކަން ވެސް އިހުސާސް ކުރެވުނެވެ.

ބައްޕަ ބުނި ފަދައިން ވަގުތީ ކުޑަކުޑަ އުފަލަކަށްޓަކައި އަހަންނަށް ދިރިއުޅުން ގުރުބާން ކުރެވުނީއެވެ. ޒުވާން އުމުރު ނަގައިލެވުނީއެވެ. ލޯތްބަކަށް މަސްތުވެ ޖަޒްބާތުގައި ޖެހި އޮޔާ ބެހިގެން ދިޔައީއެވެ. ހިތް ހުއްޓުވާނެ ބާރު ނެތީއެއް ނޫނެވެ. ނަމަވެސް އޭރު އެ ގޮތް ބޭނުން ނުވީއެވެ.

ދަތިހާލުގައި ދިރިއުޅުން ކުރިއަށް ނުގެންދެވިގެން އަހަރެން ރަށަށް ދިޔައީމެވެ. މަންމަ އާއި ބައްޕަ އަހަރެން ބަލައިގަތީ އުފަލާއެކުގައެވެ. އެ މީހުންގެ ދެލޮލުން ފެނުނު އުފާވެރިކަމުގެ ކަރުނައިން އަހަރެންގެ ހިތް ރޮއްވާލިއެވެ. އަހަރެންގެ ދަރީން ފެނި އެ މީހުން ތިބީ ނުހަނު އުފާވެފައެވެ. މަންމަ އާއި ބައްޕައާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރު ނެތި އަހަރެންގެ ދެލޯ ކަރުނައިން ފުރުނީ ކުށްވެރިޔަކު ފަދައިންނެވެ.

ނިމުނީ