ތައްޔާރީތައް ނިމި ބްރިޖް އަޅަން ފަށައިފި
ތައްޔާރީތައް ނިމި ބްރިޖް އަޅަން ފަށައިފި

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ވާން ޖެހޭ ތައްޔާރީތައް ނިންމުމަށް ފަހު އަމަލީ މަސައްކަތުގެ ފުރަތަމަ މަރުހަލާ ފަށައިފި އެވެ.

ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ހޮޅި ފެއްތުމުގެ މަސައްކަތް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ތަނބު ޖެހުމުގެ ފުރަތަމަ މަރުހަލާ އެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބްރިޖުގައި މައިގަނޑު ފަސް ބައެއް ހިމެނޭއިރު ކޮންމެ ބައެއްގައި ފަސް ތަނބު ޖަހަ އެވެ. އެއިން ކޮންމެ ތަނބެއް ޖަހަނީ ބޮޑު ހޮޅިއެއްގެ ތެރޭގަ އެވެ.

"ބްރިޖުގެ އަސްލު މަސައްކަތް އަދި މި ފެށުނީ،" މުއްތަލިބު ވިދާޅުވި އެވެ.

ކޮންމެ ހޮޅިއެއް ބިމަށް ފެއްތުމަށް ފަހު އޭގެ ތެރެއިން ފަސްތައް ނަގަން ކޮންނާނީ މެޝިނެއް ބޭނުންކޮށްގެންނެވެ. ކޮނުމަށް ފަހު ރިއިންފޯސްމަންޓް ޖަހާނެ އެވެ. ދެން އޮންނާނީ އޭގެ ތެރެ އަށް ކޮންކްރީޓް އަޅާ ތަނބު ޖެހުމުގެ މަސައްކަތެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި ހޮޅި ފެއްތުމަކީ ވެސް ވަރަށް ކަވި، ބަލައިގެން ކުރަން ޖެހޭ ބޮޑު މަސައްކަތެކެވެ.

"ކުރިން ވެސް ބުނެފައިވާ ގޮތަށް ސެމްޓެމްބަރު އަންނަން ވާއިރަށް ތަނބުތައް ފެނުން މައްޗަށް އަރާނެ،" އޭނާ ވިދާޅުވި އެވެ.

ތަނބު ޖެހުމަށް ފައްތާ ދަގަނޑު ހޮޅިތައް ގުޅީފަޅު ފަރުމަތީގައި ބަހައްޓާފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އޭގެ ސަބަބުން ފަރު ހަލާކުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަކު އެ ހޮޅިތައް އެގޮތަށް މޫދުގައި ބަހައްޓަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.