10 މާޗް 2024 - 16:28

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ހައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން ކަނޑައެޅުމަށް މިއަދު ގުރު ނަގައިފި އެވެ.

ހިލޭ ހައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން ކަނޑައެޅުމަށް ގުރު ނެގީ އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސްގެ ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެންނެވެ. ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ.
ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ. މިއަދު ގުރު ނެގީ އެ އެންމެންގެ މެދުގަ އެވެ.
މިފަހަރު ފުރުސަތު ލިބުނު 50 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ފުރުސަތު ދޭނެ އިތުރު 10 މީހުން ވެސް ވަނީ ގުރު ނަގައިފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.
ކެބިނެޓުން ނިންމާފައި ވަނީ މި އަހަރުގެ ހައްޖަށް ފޮނުވާ 50 މީހުންގެ ހަރަދު ޒަކާތު ފަންޑުން ހަމަޖައްސާށެވެ. ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ސްޕޮންސަރުންގެ ދަށުން މި ހަރަދު ހޯދުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
• ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވުން.
• ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވުން.
• އެ އަހަރަކު އިއުލާންކުރާ އުމުރުފުރާގެ މީހަކަށް ވުން.
• ހައްޖުގެ އަޅުކަން އާދަކުރެވޭނެ ސިއްހީ ހާލެއްގައި ހުރުން.
• އެ އަހަރަކު ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކުރިން މީލާދީ ގޮތުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވުން.
މި އުސޫލުގެ ދަށުން ކޮންމެ މީހަކަށް ދޭނީ އެންމެ ޖާގައެއް ކަމަށް ވެސް ބުންޏެވެ.