އަންހެނުންގެ ދުވަހަށް ދިރާގުން ނެޓްވޯކިން އިވެންޓެއް
އަންހެނުންގެ ދުވަހަށް ދިރާގުން ނެޓްވޯކިން އިވެންޓެއް

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުގެ ހެޑް އޮފީހުގައި ނެޓްވޯކިން އިވެންޓެއް ބާއްވައިފި އެވެ.

އަންހެނުންގެ ދުވަހަށް ދިރާގުން ނެޓްވޯކިން އިވެންޓެއް
އަންހެނުންގެ ދުވަހަށް ދިރާގުން ނެޓްވޯކިން އިވެންޓެއް

"ލީން އިން ސާކްލް" ނެޓްވޯކިން ގްރޫޕް މެތަޑަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި ދިރާގުގެ އަންހެން މުވައްޒަފުންނާއި ރާއްޖޭގެ އެކި ދާއިރާތަކުން އިސް ސަފުގައި މަސައްކަތް ކުރާ، ފާހަގަކޮށްލެވޭ އަންހެނުން ބައިވެރިވި އެވެ.

މި ހަރަކާތަކީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މެންޓާޝިޕް ޕްރޮގްރާމެކެވެ. މި ނެޓްވޯކިން އިވެންޓްގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ތަޖުރިބާތަކާއި ހިޔާލުތައް މަޝްވަރާކުރެވޭނެ ފަދަ ޕްލެޓްފޯމެއް މުވައްޒަފުންނަށް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ. އަދި އިވެންޓުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިރާގު މުވައްޒަފުންނާއި ހާއްސަ ގެސްޓުން ވާޗުއަލްކޮށް ވެސް ބައިވެރިވި އެވެ.

މި އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރު ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިން ވަނީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ އަޕްޑޭޓުތައް ހިއްސާކުރައްވައިފަ އެވެ.

ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން ދިރާގުން ދާދި ފަހުން ވަނީ 'ފެލްކްސި ވޯކް' ޕޮލިސީ އަދި ރިޓާންޝިޕް ގައިޑްލައިން ތަޢާރަފްކޮށްފަ އެވެ.

ދިރާގުގެ ޖޫނިއާ މެނޭޖްމެންޓް މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 46 ޕަސެންޓަކީ އަންހެނުންނެވެ. އަދި އެ ކުންފުނީގެ ޓެކްނިކަލް ރޯލްތަކުގައި ކުރިއަށްވުރެ ގިނަ އަންހެން މުވައްޒަފުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ދިރާގުން ބުނީ މި އަހަރުގެ ދިރާގު އެޕްރެންޓިސް ޕްރޮގްރާމްގެ ނުވަ އަންހެން ބައިވެރިންގެ ތެރެއިން ފަސް ބައިވެރިން ޓެކްނިކަލް ރޯލްތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދަމުން އަންނަ ކަމަށެވެ.

ދިރާގުން ބޭއްވި ނެޓްވޯކިން އިވެންޓު ނިންމާލާފައި ވަނީ އަންހެނުން އިސްނަގައިގެން ހިންގާ، ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަކޮށްފައިވާ ހެނދުނުގެ ނާސްތާއަކުންނެވެ. މި ނާސްތާ ބޭއްވީ ވިމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކަށް އެއްބާރުލުންދިނުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާއެކެވެ. އެ ކުންފުނިން ދާދި ފަހުން ވަނީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ ގުޅިގެން ހިޔަލަ ވީކެންޑް މާކެޓަށް ސަޕޯޓު ވެސް ފޯރުކޮށްދީފައެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ހުރިހާ ފަރާތްތަކަށް ވެސް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެއް ގާއިމުކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.