10 މާޗް 2024 - 09:19

ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުން ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯގެ ބިމާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެ މަގަށްވާ ގޮތަށް އިންޖީނުގެއެއް ހެދީ 2010 ގަ އެވެ. އެ މަގުގައި އޭރު ހުރީ މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ބަހައްޓާފައި ހުރި އިތުރު ޖަނަރޭޓަރެކެވެ. އެކަމަކު އެ ޖަނަރޭޓަރު މިފަހުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
ގާތްގަނޑަކަށް 14 އަހަރު ބޭނުންނުކޮށް އޮތް އެ މަގު، ރޭ ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
އެ މަގު ހުޅުއްވައިދެއްވީ އެކަމަށް ރޭ އެ މަގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
މަގު ހުޅުވާލިއިރު މަގުގެ އެއް ފަރާތުގައި ބޯގަންވިލާ ގަސް އިންދާފައި ހުރިއިރު ލައިޓު ޖަހައި ގާ ވެސް ހުރީ އަތުރައިފަ އެވެ. އެތަން ހެދުމަށް ސްޓެލްކޯގެ ބަޖެޓުން ބޮޑު ހޭދައެއް ވަނީ ކޮށްފަ އެވެ.