10 މާޗް 2024 - 06:30

ބުދަ ދުވަހާ ގުޅޭ
"ކިނާނަށް ގޮވާލަދީބަލަ! ޕްލީޒް!" އަހަންނަށް އިވުނީ އާރިޒާގެ ތުއި އަޑެވެ.
އަހަރެން ހިތަށްއެރިއެވެ. އާރިޒާއަށް ކިނާން ހަރަދުކުރިޔަސް އެ ވަރުވާކަށް ނުވާނެއެވެ.
"އަހަންނަށް ގުޅާފަ ތިހެން ބުނަން ލަދެއްނުގަނޭ؟" އަހަރެން ބުނީމެވެ. "އެނގޭތަ ކިނާނަށް ހާޓްއެޓޭކެއްޖެހުނުކަން؟ ކޯމާއަށްދިޔަކަން؟ ޕެރެލައިޒްވިކަން؟ މިހާރު ވެސް އޭނަ އޮތީ ހޮސްޕިޓަލްގަކަން؟"
"ހުވާތަ؟" އާރިޒާ އެހެން ބުނެފައި ރޯންފެށިއެވެ. "ކޮން ހޮސްޕިޓަލެއްގަ އޮތީ؟"
އަހަރެން ހޮސްޕިޓަލުގެ ނަމާއި، ކޮޓަރީގެ ނަންބަރު ބުނީމެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވައިލާފައި ފެނުނީ އާރިޒާ ވަންތަނެވެ. އަހަންނަށް ލިބުނީ ޝޮކެކެވެ. އާރިޒާ އައި ގޮތަށް، ކިނާން ގައިގައި އޮޅުލައިގަތެވެ. އަހަރެންގެ ކުރިމަތީގައެވެ. އަތްފައި ހަރަކާތް ނުކުރެވިފައިއޮތް ކިނާން ވެސް އެއް އަތުން އާރިޒާގެ ބުރަކަށީގައި ފިރުމައިލިއެވެ. އަހަރެން ކަރުކެހިލީމެވެ.
"ބޭރުގަ މަޑުކޮށްލަފާނަން؟" އާރިޒާ އެދުނެވެ.
"އަހަރެންތަ ބޭރުގަ މަޑުކުރަންވީ؟" އަހަރެން އެހީމެވެ.
ދެން އަހަންނަށް ނުކުންނަން އެންގީ ކިނާނެވެ. އޭނަގެ ސަލާމަތުން އޮތް އަތުންނެވެ. އަހަރެން ހިތަށްއެރިއެވެ. އެއީ އަހަންނަށް ސޮރީ ބުނި ކިނާންހެއްޔެވެ؟ ކުރިއަށް ވުރެ ބާރަށް އަނެއްކާ ވެސް ކިނާން އަތުން އިޝާރާތްކުރުމުން އަހަރެން ނުކުތީމެވެ. އެ ފަހަރު ހިތަށް ވަރަށް ތަދުވިއެވެ. އެ ތަނުން ނުކުންނަންޖެހޭނީ އަހަރެން ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. އެހެނަސް، ފެންކަޅިވެފައި ހުރެގެން ވެސް އަހަރެން ނުކުމެފައި ދޮރުލައްޕައިލީމެވެ. ދުރަކަށް ނުދެވުނެވެ. ހުރެވުނީ ދޮރުމަތީގައެވެ.
"ކޮފީ؟" މީހަކު ބުނި އަޑުއިވުނެވެ.
އަހަރެން ސިހިފައި ބަލައިލި އިރު ހަމްޒާ ހުއްޓެވެ. ޑަކުޓަރު ޔުނީފޯމަކު ނޫނެވެ.
"އަހަންނަށް ހީވަނީ ކޮފީއެއް ބޯލަށް މީ ހަމަ އެއްވަނައިގެ ގަޑިއެއްހެން." ހަމްޒާ ބުންޏެވެ.
އަހަރެން ހިތަށްއެރިއެވެ. އެއީ ދޮގެއް ނޫނެވެ. ކިނާނަށް އުނދަގޫކުރާނެކަމެއް ނެތެވެ. އަހަރެން ހިނިތުންވެލުމުން ހަމްޒާ މަގުދެއްކިއެވެ. ދެމީހުން އެކުގައި ހިނގައިގަތީމެވެ. ހީކުރީމެވެ. ހަމްޒާ އަހާނެއެވެ. ދޮރުމަތީގައި އަހަރެން ހުރީ ކީއްވެގެންހެއްޔެވެ؟ އެހެނަސް އޭނައެއް ނާހައެވެ.
"މި ގަޑީގަ ހުޅުވާފަ ހުންނާނީ އަހަރުމެންނަށް ހާއްސަ ކެންޓީނެއް،" ހަމްޒާ ބުންޏެވެ. "އެކަމަކު އަހަންނަށް ފްރެންޑެއް ގެންދެވިދާނެ. އިމަޖެންސީ ކޭސްއެއް ދިމާވެގެން މި އައީ. އާދެވުނުކަން ނަސީބެކޭ ބުނާ ހިތެއް ނުވޭ! އަހަންނަކީ ނަސީބާ އިއްތިފާގަށް ބަރޯސާވާ މީހެއް ނޫން. އަހަރެންގެ ފިލޯސަފީއަކީ، ކޮންމެ ކަމެއް ވެސް ވާނީ ސަބަބެއް އޮވެގެންނޭ!"
ހަމްޒާ ވަރަށް އޯގާތެރިއެވެ. އެއީ އޭނަގެ މިޒާޖެވެ. ކޮންމެވެސް ސަބަބަކާ ހުރެ އެ މިޒާޖު ހުރީ ދެ ގުނައަށް އިތުރުވެފައެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. ހިތުގައި އެ ވަގުތު ހިނގި ހައިޖާނު މާ ބޮޑެވެ. އަހަރެންގެ ފިރިމީހާގެ މޭމަތީގައި ބޯއަޅައިގެންއޮތީ ހިލޭ އަންހެނެކެވެ. އެ ކަން ހިތުން ފުހެލާނީ ކިހިނެއްހެއްޔެވެ؟ ހަމްޒާ ދޮރެއް ހުޅުވައިލުމުން އަހަރެން އެތެރެއަށް ވަނީމެވެ. އެއީ ކޮޕީޝޮޕެއް ކަހަލަ، އެކަމަކު ވަރަށް ފެންވަރު ރަނގަޅު ތަނެކެވެ. ވަރަށް މަޑުމަޑު މިޔުޒިކަކާއި، ހިތްގައިމު ކޮފީވަހެއް އަހަރެންގެ ސިކުނޑިޔާ ކުޅެލިއެވެ. ތަން ތައްޔާރުކޮށްފައިހުރީ އަމިއްލައަށް ހިދުމަތްލިބިގަންނަ ގޮތަށެވެ. ވަގުތުން ލިބޭ ގޮތަށް ސަޔާއި، ކޮފީއާއި، ބައެއް ޖޫސް ހުއްޓެވެ. މުޅި ތަން ބަލަހައްޓަން ހުރީ އެންމެ މީހެކެވެ.
"ކޯޗެއް ބޭނުމީ؟" ހަމްޒާ އެހިއެވެ.
އަހަރެން ބޭނުންވީ ހޫނު ޗޮކުލެޓެކެވެ. އެޔެއް ނެތެވެ. އެ ވާހަކަ ބުނުމުން ހަމްޒާ ގޮސް ވޭޓަރާ ވާހަކަދެއްކިއެވެ. ގިނަ އިރެއް ނުވެ ޗޮކުލެޓު ތަށި އަހަންނަށް ލިބުނެވެ. ހަމްޒާ ހިނިތުންވެލިއެވެ. އެއީ ކީއްވެގެންކަން ނޭނގިގެން ބަލާ ކަހަލަ ގޮތަކަށް އަހަރެން ބަލައިލީމެވެ.
"ކިހިނެއްވީ؟" އަހަރެން އެހީމެވެ.
"ޖެސީ ދުނިޔޭގަ ހުރި ނަމަ، މި ގަޑީގަ އޭނަ ވެސް ބޯނީ ޗޮކްލެޓެއް. އެކަމަކު ފިނިކޮށް،" ކޮފީތަށީގައި ތުންޖަހަމުން ހަމްޒާ ބުންޏެވެ. "ހާދަ ނައިސް، ހާދަ ރީތި، ހާދަ ކެއަރކުރި އަންހެނެކޭ އެއީ. ނުލާހިކު މަޖާ، ލޯބިވާ، ލޯބިލޯބި ދެ ކުދިން. އެންމެ ކާރު އެކްސިޑެންޓަކުން ހުރިހާ އެންމެން އެއްފަހަރާ ދިޔައީ."
"މިރޭ ވެސް ރޯންތަ ތި އުޅެނީ؟" އަހަރެން ވަރަށް މަޑުމަޑުން އެހީމެވެ.
"ނޫނޭ!" ހަމްޒާ ޖަވާބުދިނެވެ. "ކުރީ ދުވަހު އާލިޔާ ކައިރީގަ އެ ވާހަކަ ދެއްކުނީމަ ހިތަށް ވަރަށް ލުއިވެއްޖެ! އެނގޭ ކީއްވެކަން ވެސް. އަހަރެންގެ މުޅި ލައިފްގަ ވެސް، ދެރައެކޭ ބުނާ ވަރުގެ ދެރައެއް ދެވުނު ހަމަ އެކަނި މީހަކީ ތީ. އާލިޔާއަކަށް ނޭނގޭނެ މި ދަނޑިވަޅު ހޯދަން އަހަރެން ކިހާ މަސައްކަތެއްކުރިކަމެއް. އެކޮޅުން ޖޮބުދޫކޮށްލާފަ މާލެއައީ އެހެން ބޭނުމަކު ނޫނޭ! އާލިޔާއާ މީޓްކޮށްފަ ސޮރީބުނެލަން ބޭނުންވީ! އަހަންނަށް މާފުކުރޭ!"
"އަޅޭ!" އަހަންނަށް ބުނެވުނެވެ. "މާފުކޮށްފީމޭ! ދެން ތި ވާހަކަ ނުދައްކަބަލަ!"
"އެއް ވާހަކަ ބުނެލަން ބޭނުން،" ހަމްޒާ ބުންޏެވެ. "އާލިޔާގެ ނަންބަރާ، އުޅޭ އޮފީހާ، މެރީކުރި މީހާޔާ، އޭނަޔަށް އާލިޔާ ކިހާ ސްޕެންޑެއްކުރާކަމާ، އާލިޔާގެ ސައިކަށް ވީ ގޮތާ، ތަނޑިތަކަށް ވީ ގޮތާ، ވޮޝިންމެޝިނަށް ވީ ގޮތާ، ރޫމްގަ މިހާރު އިން އާރިޒާއަކީ ކާކުކަން ވެސް އަހަންނަށް އެނގެޔޭ!"
އަހަރެން ބޯން ނެގި ޗޮކުލެޓު ތަށި ތުންފަތުގައި ޖައްސަން ހަނދާންނެތިފައި އިނީމެވެ.
"ހައިރާންވެއްޖެ ދޯ؟" ހިނިތުންވެލާފައި ހަމްޒާ ބުންޏެވެ. "ކިހިނެއްހޭ އެނގުނީ، ކާކުހޭ ބުނީ ނާހާތި. ތި ހާލުގަ އާލިޔާ އުޅޭ ތަން ބަލަން އުނދަގޫވާ، އާލިޔާގެ ރައްޓެއްސަކު އެ ވާހަކަ ބުނީ. ލޯބި އެޕްރިޝިއޭޓްނުކުރާ މީހަކު ދެކެ އެކަކު ވެސް ލޯތްބެއް ނުވާނެ. އާލިޔާ ހިތުގަ މިހާރު އޮތީ ކުލުނެއް. އެކަމަކު ލޯތްބަކީ އާލިޔާއަށް ވެސް ލިބެންޖެހޭ ހައްގެއްނު!"
"ޔަގީންތަ؟" އިސްޖަހައިލަމުން އަހަރެން ބުނީމެވެ. "އެންމެ ފުރަތަމަ ލިބުނީ އަނިޔާކުރާ މީހެއް. ދެން ލިބުނީ ދޮގުހަދާ މީހެއް. މެރީކުރެވުނީ މަކަރުހަދާ މީހަކާ. މީކަން ނޭނގެއެއްނު އަހަންނަށް އޮތް ގޮތަކީ."
"ލޯބިވާމީހާ އިންތިޒާރުގަ ހުރިއްޔާ އެހެން މީހަކަށް އާލިޔާ ދެކެ ލޯތްބެއް ނުވެވޭނެއްނު!" ހަމްޒާ އެހެން ބުނީ އިނގެރޭސިންނެވެ. "މި ވަގުތު އަހަންނަށް ނުކޮށްދެވޭ ވަރުގެ ކަމެއް އާލިޔާއަކަށް ނުބުނެވޭނެ. ބުނެބަލަ އަޅެ!"
ހަމްޒާ އެ ބުނަނީ ކީކޭކަން އަހަންނަށް އެނގެއެވެ. ބުނަން ހިތަށްއެރިއެވެ. ހަމްޒާ ދެކެ ލޯބިވާ ވާހަކަ އަހަރެން ބުނި ދުވަހު އެ ލޯބި ގަބޫލުކުރި ނަމަ މި ދުވަހެއް ނައީހެއް ނޫންހެއްޔެވެ. އެހެނަސް ދެން ކުރާނީ ކީއްހެއްޔެވެ؟ ވަގުތު ފާއިތުވެއްޖެއެވެ.
"އަހަންނަށް ކަމެއް ކޮށްދެންޏާ.." އަހަރެން ބުނީމެވެ. "އާސަންދަ ހަމަޖައްސައިދީ."
ނޭވާހިފާއްޓާލައިގެންއިން ހަމްޒާ ފުންނޭވައެއް ބޭރުކޮށްލިއެވެ. ހިނިތުންވެލިއެވެ. ޖީބުން އެއްޗެއް ނަގައިފައި، އޭގެ ތެރެއިން ކާޑެއް ނަގައި މޭޒުމަތީގައި ބާއްވާފައި، އަހަންނާ ދިމާއަށް އެ ކާޑު ޖައްސައިލިއެވެ.
"މީ ޖެސީއަށް އަހަރެން ހެއްދި ކްރެޑިޓްކާޑު،" ހަމްޒާ ބުންޏެވެ. "އާލިޔާ ގެންދޭ! ކީއްކުރާ އާސަންދައެއް؟"
އެ ކާޑު އަހަންނަށް ވަރަށް މުހިންމެވެ. ފައިސާގެ ހުރިހައި މައްސަލައެއް ހައްލުވާނެއެވެ. އެހެނަސް އޭގައި ހިފާނީ ކިހިނެއްހެއްޔެވެ؟ ބަދަލުގައި ހަމްޒާއަށް އަހަރެން ދޭނީ ކޯޗެއްހެއްޔެވެ؟ ދުނިޔެއަކީ ފާޑެއްގެ ތަނެކެވެ. އެ ތަނުގައި އެންމެނަކަށް ލޯތްބެއް ނުލިބޭނެއެވެ.
"ޕްލީޒް!" އާދެހާއެކު ހަމްޒާ އެދުނެވެ. "ޓޭކް އިޓް!"
އަހަރެން އެ ކާޑު ހަމްޒާޔާ ދިމާއަށް ޖައްސައިލީމެވެ. ދަބަސް ނަގައިގެން ތެދުވީމެވެ.
"އޯކޭއޯކޭ!" ހަމްޒާ އެދުނެވެ. "ޗޮކްލެޓް ތަށި ހުސްކޮށްލައިގެން ދޭ! އެ ތަށީގެ ކުށެއް ނެތެއްނު!"
އަހަރެން އިށީނީމެވެ. އެ ވަގުތު އަހަންނަށް ފޯނެއްއައެވެ. ގުޅީ އާރިޒާއެވެ. ފުރަތަަމަ ހިތަށްއެރީ ފޯނު ނުނަގާށެވެ. އެކަމަކު ނުނަގައެއް ނީނދެވުނެވެ.
"އެކްސްގިއުޒް!" ފޯނު ހިފައިގެން ދުރަށްޖެހިލަމުން އަހަރެން ބުނީމެވެ.
"ބޭރުގަ މަޑުކޮށްލާށޭ ބުނީމަ ކޮންތާކަށް ތި ދިޔައީ؟" ހިތްހަމަނުޖެހިފައި އާރިޒާ ބުންޏެވެ. "ކިނާން ބޭނުންވަނީ އާލިޔާ ޑިވޯސްކުރަން."
އަހަރެންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ.
"އަހަރެން ބޭނުމެއް ނޫން ޑިވޯސްވާކަށް." އަހަރެން ބުނީމެވެ.
"ވެދާނަންހޭ އަހަރެން އެހިންތަ؟" އާރިޒާ ބުންޏެވެ. "ކިނާން ބުނީ އާލިޔާ ކައިރީގަ ބުނާށޯ ކައިވެނީގެ ސެޓްފިކެޓް ދޭށޭ!"
އަހަރެން ހިތަށްއެރިއެވެ. ކިނާން އެހެނެއް ނުބުނާނެއެވެ. އެކަމަކު ސެޓުފިކެޓު އޮންނާނެ ތަން ވަރަށް ތަފުސީލުކޮށް އާރިޒާ ކިޔައިދިނުމުން އަހަރެންގެ ވިސްނުން ޖެހުނީ ބަދަލުކުރާށެވެ. އަހަރެން ވަރިކުރާތީ ވީ ދެރައަށްވުރެ، އާރިޒާ ލައްވައި އެ ކަން ކުރުވާތީ ހިތަށް ވީ ތަދު މާ ބޮޑެވެ. ކަރުނައެއް ނުހިފޭއްޓުނެވެ. ފޯނުކަނޑާލައިފައި، އައި ގޮތަށް އައިސް، ދަބަސް ހިފައިގެން އެ ތަނުން ނުކުތީމެވެ. ހަމްޒާއަކަށް ނުވެސް ބަލަމެވެ. އަހަރެންނަކީ ރޯތަން އެހެން މީހުންނަށް ދައްކާ ހިތްނުވާ މީހެކެވެ. ދިޔަ ގޮތަށް ދިޔައީ ގެއަށެވެ. ފައިމަގުގައެވެ. ކައިވެނީގެ ސެޓުފިކެޓު ނަގައި، ފަހު ފަހަރަށް އެއަށް ބަލައިލީމެވެ. އެއީ އެ ކައިވެނި ނިންމަން އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ކުރާނީ ކީއްހެއްޔެވެ؟ ސެޓުފިކެޓު ހިފައިގެން ހޮސްޕިޓަލަށް އައީމެވެ. އާރިޒާއަށް ދިނީމެވެ.
"އެޕާޓުމަންޓްގެ ތަޅުދަނޑި؟" އާރިޒާ އެދުނެވެ.
އަހަންނަށް ބަލައިލެވުނީ ކިނާނަށެވެ. އަތުގެ އިޝާރާތުން އޭނަ ވެސް ބުނީ ތަޅުދަނޑި ދިނުމަށެވެ. އަހަރެން ހިތަށްއެރިއެވެ. އެޕާޓުމަންޓުގައި ހުރި ހުރިހައި އެއްޗަކީ އަހަރެންގެ އެއްޗިއްސެވެ. ތަޅުދަނޑި ދޭނީ ކިހިނެއްހެއްޔެވެ؟ އަނެއްކޮޅުން ދެން އަހަރެން ވަންނާނީ ކޮން ތަނަކަށްހެއްޔެވެ؟ އެ ވަގުތު އަހަންނަށް މެސެޖެއް އައެވެ.
"އޭނަ ތަޅުގަޑިއެއް ނުދޭނެ،" ކިނާނަށް ބަލައިލާފައި އާރިޒާ ބުންޏެވެ. "ކިނާން ބުނީ ތެދެއް."
އަހަރެން ހިތަށްއެރިއެވެ. އާނއެކެވެ. ކިނާން ދޮގެއްނަހަދާނެއެވެ. ހަދާނީ މަކަރެކެވެ. ވަގުތުން ތަޅުދަނޑި ނަގައިފައި ކިނާންގެ އަތަށް ލީމެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތީމެވެ. ދެން ފަސްއެނބުރި ބަލައި ވެސް ނުލަމެވެ. ފޯނަށް މެސެޖެއްއައި ހަނދާންވެގެން ބަލައިލި އިރު އެއީ ހަމްޒާ ފޮނުވި މެސެޖެކެވެ. އޭގައި އޮތީ ހިސާބުގެ އަދަދެކެވެ. އެއީ ކީއްކުރަން ފޮނުވި ކޯޗެއްކަމެއް އަހަންނަކަށް އޭރަކު ނޭނގެއެވެ. ދަބަހަށް ފޯނުލީ ވަގުތު ހަމްޒާ ކުރިން ދިން ކާޑު ފެނުނެވެ. އަހަންނަށް ސިއްރުން ހަމްޒާ ދަބަހަށް ކާޑުލީއެވެ. ދެން ހިތަށްއެރިއެވެ. ފޯނަށް ހަމްޒާ ފޮނުވީ ކާޑުގެ ޕިން ނަންބަރެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނައިލީމެވެ. ހަމްޒާއަކަށް އަހަރެން ޖަވާބެއް ނުދެމެވެ.
ނުނިމޭ