10 މާޗް 2024 - 06:25

ޕާކިސްތާނުގައި އަވަހާރަކޮށްލާފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން އާސިފް އަލީ ޒަރްދާރީ އަނެއްކާވެސް އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް އިއްޔެ ހޮވައިފި އެވެ.
މަކަރާއި ހީލަތް އާންމުވެފައި އޮތް ކަމުގެ ތުހުމަތު ބޮޑު އިންތިހާބަކަށް ފަހު ގާނޫނު ހަދާ މަޖިލިސް އެކުލަވާލައި ނެގި ވޯޓުގައި ޒަރްދާރީ ދެ ވަނަ ފަހަރަށް ރައީސް ކަމުގެ މަގާމަށް ހޮވަން 411 ވޯޓު ލިބުނެވެ. ދެކޮޅަށް ދީފައިވަނީ 181 ވޯޓެވެ. މިއީ ނެޝަނަލް އަދި ޕްރޮވިންޝަލް މެންބަރުންގެ އިތުރުން ސެނެޓަރުންގެ ވޯޓުން ހޮވާ މަގާމެކެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު ބޭއްވި އިންތިހާބަށް ފަހު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ޒަރްދާރީ ރައީސްކަމަށް ހަމަޖައްސަން ނިންމީ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ތާއީދާ އެކުގަ އެވެ. ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަން ޕީޕީޕީ އަށް ދިނުމަށް އެއްބަސްވީ އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުނު އިންތިހާބުގައި، މިހާރު ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މެންބަރުންނަށް ބާރު ލިބުނަ ނުދިނުމަށް ހެދި ކޯލިޝަން އެއްބަސްވުމުގެ ދަށުންނެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި) ގެ ނަމުގައި އިންތިހާބުގައި ވާދަކުރުން މަނާކުރުމުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނުކުމެ އެންމެ ގިނަ ގޮނޑި ހޯދީ އެ މެންބަރުންނެވެ. އެކަމަކު ގާނޫނު އޮންނަ ގޮތުން ޕާޓީއެއްގެ ނަމުގައި ނޫނީ ސަރުކާރު އެކުލަވާލުމުގެ ބާރެއް ނުލިބޭނެ އެވެ.
ޒަރްދާރީ އެންމެ ފުރަތަމަ ރައީސްކަމަށް ހޮވީ 2008 ވަނަ އަހަރު އެވެ. އެކަމަކު ހިޔާނާތުގެ އެކި މައްސަލަތަކުގައި އޭނާ 11 އަހަރު ޖަލުގައި ހާދަކުރަން ޖެހުނު އިރު މިއީ ސިޔާސީ ހަމަނުޖެހުންތައް ގިނަ ޕާކިސްތާނުގައި ސިޔާސީ ބޭފުޅަކު އެންމެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. -- އޭއެފްޕީ