09 މާޗް 2024 - 19:03

ހަގީގަތާ ހިލާފު ވާހަކަތަކާ ދުރުވެ، މަޖިލިސް އިންތިހާބަށް ރީތި ކެމްޕެއިނެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ހަވީރު ނައިފަރަށް ވަޑައިގެން ކުރިއަށް އޮތީ ރޯދަ މަސް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މާތް މަހާ ދިމާކޮށް ހަގީގަތާ އެއްގޮތަށް ރީތި ބަހުރުވައިން ކެމްޕެއިންކޮށް ރީތި އާދަކާދަތައް އާލާކޮށް ދިރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ކާކު ހިންގާ ވެބްސައިޓުތަކެއް ކަން ނޭނގޭ ގޮތަށް އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތައް ޝާއިއު ކުރަމުންދާ ކަމަށާއި އެފަދަ ކަންކަމާ ދުރުވާން ޖެހޭ ކަމަށެވެ.
"ދިވެހި އަކުރުން ދިވެހި ބަހުން ލިޔެފައި ހުންނަނީ. އެހެންވީމާ ދިވެހިން ކަމަށް މި ބަލަނީ އެ ވެބްސައިޓުތައް ހިންގަނީ،" ރައީސް ވިދާޅުވި އެވެ.
"އެއްވެސް ހާލަތެއްގައި ދޮގަށް ފުރުސަތު ނުދެއްވަން އަޅުގަނޑު އެދެން."
ރައީސް ވިދާޅުވީ، އަހަރެމެންނަކީ މުސްލިމުންނަށް ވީހިނދު ގުރުއާނުގައި ވެސް އަންގަވާފައި އޮންނަނީ އެފަދަ ނުބައި ކަންކަމާ ދުރުވެ ނަފްސު އިސްލާހުވާން ކަމަށެވެ. އަދި ގައުމަށް ގެންނަން ބޭނުންވާ ހަމަޖެހުން ގެނެވޭނީ އަމިއްލަ ނަފްސު އިސްލާހުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަފްސު އިސްލާހުނުކޮށް ނަފްސު ތަރައްގީނުކޮށް އަޅުގަނޑުމެންގެ ގައުމަކަށް އަންނާނެ ހަމަޖެހުމެއް ކުރިއެރުމެއް ނެތް. ކިތަންމެ ބޮޑު ބަނދަރުތަކެއް ވެސް ހެދިދާނެ، މަގުތަކެއް ވެސް ހެދިދާނެ، މިހުރި ހުރިހާ މާއްދީ ކަންކަން ކުރެވިދާނެ، އެކަމަކު އަމިއްލަ ނަފްސު އޮތީ އަނދަވަޅެއްކަމުގައިވަންޏާ އެއީކީ މާނަހުރި ތަރައްގީއެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މިއެދޭ މާނަހުރި ތަރައްގީ އަމިއްލަ ނަފްސަށް ގެނައުމަށް މި ރަމަޟާން މަހަކީ ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަން ފާހަގަކުރައްވައި ރައީސް ވަނީ މި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުން ވެސް ހިފުމަށް އެދިވަޑައިގެންފަ އެވެ.
"މި މާނަ ހުރި ތަރައްގީ ނަފްސަށް ގެނައުމަކީ އަމިއްލަ އަތްމަތީގައި އޮތް ކަމެއް. އެކަމަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ މި ރަމަޟާން މަސް. އަޅުގަނޑު އެދެން ހުރިހާ ރައްޔިތުން މި ފުރުސަތުގެ ބޭނުން ހިފަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ބޯހިޔާވަހިކަން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަން ފާހަގަކުރައްވައި މަޖިލީހުގެ އަޣްލަބިއްޔަތަށް އެދިވަޑައިގެންފަ އެވެ.
ނައިފަރުގައި ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ނައިފަރުގެ ފަޅުން 45 ހެކްޓަރުގެ ބިން ހިއްކައި އަދި އެ ތަން ތަރައްގީ ކުރުމަށާއި މިހާރު ނައިފަރުގައި ހިއްކާފައި އޮތް ބިމުން 80 ގޯއްޗާއި 400 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ހިންގުމުގެ ވައުދު ތަކުރާރުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭ ވަރަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.