09 މާޗް 2024 - 15:39

ޅ. ހިންނަވަރުގެ ރައްޔިތުން ޒަމާނުއްުސުރެ ދެކެމުން އައި އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދީ، މި ރަށަށް ދޭން ޖެހޭ އެންމެ ފުރިހަމަ ހައްގު މި ސަރުކާރުން ހޯދައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ދެ ވަނަ މަންޒިލެއްގެ ގޮތުން ހިންނަވަރަށް ވަޑައިގެން އެ ރަށުގައި ރައީސް މުއިއްޒު ވިދާޅުވީ، ހިންނަވަރުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ތަރައްގީގެ އުންމީދުތައް މިހާތަނަށް އައިރު ވެސް ފެންނަން އޮތީ ނުނިމި އުންމީދުގެ ތެރޭގައި އޮންނަ ތަން ކަމަށެވެ.
އެހެން އެކަން ދިމާވި ސަބަބަކީ ހިންނަވަރަކީ ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި، "ފުލް ކޮންޓްރޯލް" އޮތް ކަމަށް ދައްކައިގެން އުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކަން އެ ގޮތަށް އޮތް އިރު ރަށަށް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި އެ މަނިކުފާނަކީ އެގޮތަށް ކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށެވެ.
"ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް، އަޅުގަނޑު ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން. ކޮންމެ ރައްޔިތަކު ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުރި ކަމަށް ވިޔަސް ނުވަތަ ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.
"ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ ކަމެއް ނިންމައިދީ، އިރާދަކުރެއްވިއްޔާ ހިންނަވަރަށް ދޭން ޖެހޭ ފުރިހަމަ ހައްގު އަޅުގަނޑު ހޯދައިދޭނަން."
ހިންނަވަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އުފަން ރަށެވެ. މި ދާއިރާގެ މެންބަރުކަން ވެސް ކުރައްވަނީ އިބޫއާ އާއިލީ ގޮތުން ވަރަށް ބޭފުޅެއް ކަމަށްވާ ޖީހާން މަހުމޫދެވެ. އަދި ނޮވެމްބަރު 2018 ގައި ވެރިކަމާ އޭރު ހަވާލުވެވަޑައިގަތުމާ ހަމައަށް ގިނަ ދުވަސްތަކެއް ވަންދެން ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރެއްވީ ވެސް އިބޫ އެވެ.
ހިންނަވަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ރަށް ހިމެނޭހެން ގިނަ ރަށްރަށުގެ ތަރައްގީގެ ގިނަ މަސައްކަތްތައް އިބޫގެ ސަރުކާރުގައި ފެށި ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ހުރީ ހުއްޓިފައި ކަމަށެވެ. އެ ކަން އެހެން ވާން ޖެހުނީ ސަރުކާރުން ދައްކަން ޖެހޭ ބިލުތަކަށް ފައިސާ ނުދީ ހުރުމުގެ ސަބަބުން ކަމަށާއި މި ސަރުކާރުން އެ ބެކްލޮގްތައް ފިލުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބިލްތަކަށް ނުދީ ހުރި ފައިސާގެ ޖުމްލަ އަދަދު ނުވަ ބިލިއަކަށް އަރާ ކަމަށާއި އޭގެ އެތައް ސަތޭކަ މިލިއަނެއް މި ސަރުކާރުން ދައްކާފައިވާނެ ކަމަށެވެ. އަދި ބިލްތަކަށް ފައިސާ ދައްކަމުން ދާ ވަރަކަށް މަސައްކަތްތައް އަލުން ފެށެމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބިލްތަކަށް ފައިސާ ނުދައްކައިގެން ހުއްޓިފައި އޮތް ހިންނަވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު އަލުން ހިނގާނެ ގޮތް ބައްޓަން ކޮށްދީ، އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ހިއްކި ބިމުގައި ފެނާއި ކަރަންޓާއި މަގު ހަދައި، އިންފްރާސްޓްރަކްޗާ ގާއިމްކޮށްދޭނެ ކަމަަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ހިންނަވަރު ހިމެނޭހެން ބިން ހިއްކުމަށް ފަހު، ބޭނުން ނުހިފި ހުރި ރަށްރަށުގެ ހިއްކި ބިމުގައި ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.