ދިރާގު ކަސްޓަމަރުންނަށް “ހެޔޮހިތުން” ރޯދަ އޮފާތައް
ދިރާގު ކަސްޓަމަރުންނަށް “ހެޔޮހިތުން” ރޯދަ އޮފާތައް

ދިރާގުން މި އަހަރުގެ ރޯދަމަހަށް "ހެޔޮ ހިތުން" ތީމެއްގެ ގޮތުގައި ކަނޑައަޅާ ރޯދަ އޮފާތައް ތައާރަފްކޮށްފި އެވެ.

މި އޮފާތައް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖަރު، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވީ މި އަހަރު "ހެޔޮ ހިތުން" ތީމެއްގެ ގޮތުގައި ކަނޑައެޅީ ހެޔޮ ހިތުން އެކަކު އަނެކަކަށް ކަންތައްތައް ކޮށްދިނުމަށް މުޖުތަމައަށް ހިތްވަރު ދިނުމަށް ކަމަށެވެ.

މި އަހަރު ދިރާގުގެ ރޯދަ އޮފާތަކުގެ ބޮޑު ބައެއް ހާއްސަކޮށްފައި ވަނީ އެޕު މެދުވެރިކޮށެވެ. ދިރާގު އެޕުގެ އޮފާތަކުގެ ތެރޭގައި މި އަހަރުގެ ތީމާ ގުޅުވައިލުމުގެ ގޮތުން ދިރާގު އެޕުން ކޮންމެ ދުވަހެއްގެ ފަތިހު 4 އިން ހެނދުނު 9 އަށް ވަނުމުން ލިބޭ "ސަޕްރައިޒް ޑޭޓާ" އަކީ އެހެން މީހަކަށް ހަދިޔާކުރެވޭނެ އެއްޗެއްކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ ދުވަހަކު ވެސް އެޕަށް ވަނުމުން ކަސްޓަމަރަށް ލިބޭ އެ ހަދިޔާ އެ ދުވަހެއް ނިމެންދެން އެހެން ކަސްޓަމަރަކަށް ފޮނުވުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގުން ތައާރަފްކުރި ރޯދަ ޕްރޮމޯޝަނުގައި އެޕް މެދުވެރިކޮށް 25ރ. ހޭދަކުރުމުން ނުވަތަ އެޑް އޮންއެއް، ބޫސްޓާއެއް ގަތުމުން ހާއްސަ ސްޕަރައިޒް އިނާމެއް ލިބޭނެ އެވެ. އެއީ ފައިސާ ދައްކައު ނިމުމުން ކަސްޓަމަރަށް ފޮނުވާ ލިންކުގައި ހިމެނޭ ގޭމު ކުޅުމުން ލިބޭ އިނާމެކެވެ.

ދިރާގު އެޕުން މި ރޯދަ މަހު ކޮންމެ ކަސްޓަަމަރަކަށް ވެސް ހިތެއް ފޮނުވާނެ އެވެ. މި ހިތްތައް ކަލެކްޓު ކުރުމުން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކި ވަރަކަށް ޕޮއިންޓްސް ލިބޭނެ އެވެ. ކަސްޓަމަރުންނަށް ވަކި ވަރަކަށް ހިތްތައް ކަލެކްޓުކޮށް ނިމުމުން، ހިތްތައް ރިޑީމުކޮށް ހަދިޔާއެއް ހޯދޭނެ އެވެ.

މި ރޯދަ މަހު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޫސްޓާގަތުމުން އިތުރު ޑޭޓާ ލިބޭ އޮފާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި އޮފާގެ ދަށުން ލިބޭ ބޯނަސް ޑޭޓާ ރޯދަ މަސް ނިމުމުން ވެސް ބޭނުން ކުރެވޭނެ އެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނީގެ އީޒޯނުގައި ހުރި ގޭމުތައް ހިލޭ ކުޅުމުގެ ފުރުސަތު ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ. ރޯދަ މަހުގެ އާދަކާދަތައް ދެމެހެއްޓުމުގެ ގޮތުން މި އަހަރު ވެސް "ގުޑި ފެސްޓު" އަދި ތަށިބަރި މޫވްމަންޓް އޮންނާނެ އެވެ.

ޝާރިހު ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށް އަދިވެސް އިތުރު އޮފާތައް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.