08 މާޗް 2024 - 20:42

މިދިޔަ މަހު ހުޅުމާލެ ފަރަށް އެރި ޓަގު ބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށް އީޕީއޭ އިން ބުނެފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ފަރާތު ފަރު މައްޗަށް އެރީ ހިލަ ބަރުކޮށްގެން ދިޔަ ބާޖަކާއި ޓަގު ބޯޓެކެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބާޖު ފުން ކުރެވުނު ނަމަވެސް ޓަގުބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށެވެ.
"އެ ބޯޓުގެ މީހުން އުޅޭ އެ ފުން ކުރެވޭތޯ. މިހާރު އޮތީ ބޯޓު ވެސް ބަންޑުން ޖަހާލާފައި. ކިހާ ދުވަހެއް ނަގާނެ ކަމެއް ނޭނގެ އެ ފުންކުރަން،" އޭނާ ވިދާޅުވި އެވެ.
އެއީ ކޮން ބައެއްގެ ބޯޓެއްތޯ އެހުމުން ނައީމް ވިދާޅުވީ އީމެއިލް ކުރުމުން ޖަވާބު ދެއްވާނެ ކަމަށެވެ.
އެ ބޯޓު ފުން ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ވާއިރު ސޯޝަލް މީޑިއާގައި ވެސް އެ ބޯޓުގެ ފޮޓޯތަކެއް އަންނަނީ ދައުރުވަމުންނެވެ. ފުން ނުކުރެވި ފަރަށް ގެއްލުން ލިބެމުންދާތީ އާންމު ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދިރާސާއެއް ކުރުމަށް ބޭނުންކުރި އުޅަނދަކުން 2022 ވަނަ އަހަރު ވެސް ހުޅުމާލެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ފަހަރު ފަރަށް އެރީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން ރާއްޖޭގައި އެޅި ސަބްމެރިން ކޭބަލެއްގެ ސާވޭގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ މައްސަލާގައި އެ ކުންފުނި 200،000 އެއްހާ ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް، މިހާތަނަށް ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭރުގެ ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ. އޭގެ ތެރެއިން ޖޫރިމަނާ ފައިސާ ދައްކަނީ މަދު ބައެކެވެ.