08 މާޗް 2024 - 10:18

ދިރިއުޅުމުގެ އިމްތިހާނުން އިންސާނާ ފާސްވުމަށްޓަކައި ނަފްސުގައިވާ އެދުންތައް ކޮންޓްރޯލުކޮށް، ނަފްސު ތަޒުކިޔާ ކުރަން ޖެހެ އެވެ. ތަޒުކިޔާ ކުރުމަކީ ނަފްސުގައިވާ ނުބައި ހުރިހާ ސިފަތަކަކުން ނަފްސު ތާހިރުކޮށް ރިވެތި ހުރިހާ ސިފަތަކުން ނަފްސު ޒީނަތްތެރި ކުރުމެވެ. މިކަން ކުރުމަށްޓަކައި އިންސާނާގެ ނަފްސުގައިވާ ތަފާތު އެދުންތަކާ އިދިކޮޅަށް ވަރަށް ވަރުގަދަ ޖިހާދެއް ކުރަން ޖެހެ އެވެ. އިސްލާމްދީން ވަނީ މިފަދަ ޖިހާދަކަށް އިންސާނާ ތަމްރީނުކޮށްދޭނެ ފަދަ ގިނަކަންތައްތަކެއް ރާވައިދީފަ އެވެ. ފާހަގަކޮށްލެވޭ އެއް ފުރުސަތަކީ ކޮންމެ އަހަރަކު އެއްފަހަރު ރަމަޟާން މަހުގައި ހިފާ ރޯދަ އާއި އެ މަހުގެ ތެރޭގައި ކުރާ އެހެނިހެން އަޅުކަންތަކެވެ.
އިންސާނާގެ ދިރިއުޅުމުގައި ހޯދައިގަންނަ ކޮންމެ ކާމިޔާބެއް ވެސް ލިބުމުގެ މައިގަނޑު އަސްލަކަށް ވެފައިވަނީ އިންސާނާ އެކަން ހޯދުމަށްޓަކައި ކުރާ ޖިހާދުގެ މައްޗަށެވެ. ބުރަ މަސައްކަތާއި ދާހިއްލުންތަކުގެ މައްޗަށެވެ. ވާ ގުރުބާނީ ތަކުގެ މައްޗަށެވެ. މިކަމުގައި ކެތްތެރިކަމުގެ ސިފައަކީ ވަރަށް މުހިންމު އެއްސިފަ އެވެ. ނަފްސާއި ޖިސްމުން ޖިހާދު ކުރުމަކީ ކެތްތެރިކަން ދަސްކޮށްދޭ ކަމެކެވެ. ކެތްތެރި ކަމާއި ތަޤުވާވެރިކަމަކީ އެ ކަންކަމުގެ މައްޗަށް އިންސާނާގެ އަޒުމާއި ސާބިތުކަން އަބަދުވެސް އޮތުން ލާޒިމުވާ ކަންކަމެވެ. (އާލް ޢިމްރާން 186) އަދި އެއީ އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ވަކި ހަމައެއްގެ މަތީ ބަހައްޓައި ދިނުމަށް އެންމެ ބޮޑު އެހީ ލިބޭ ކަންކަމެވެ. ނުރަނގަޅު ނިޔަތްތަކާއި ނުބައި އާދަތައް ދުރުކޮށް މާތްކަމާއި އަދުލުވެރިކަމާއި އިހުސާންތެރިކަން އިންސާނާގެ ކިބައިގައި އަށަގަންނުވައިދޭ ކަންކަމެވެ.
ރޯދައިގެ އަޅުކަމުން ނަފްސު ތަޒުކިޔާކުރަން ފުރުސަތު ލިބެނީ އެހެން އަޅުކަންތަކެކޭ އެއްފަދައިން ރޯދައިގެ އަޅުކަމުގެ ވެސް އެންމެ މަތީ އަމާޒަކީ ތަގުވާވެރިކަން ހާސިލުކުރުން ކަމަށް ވާތީ އެވެ. ނަފްސު ތަޒުކިޔާ ކުރުމަކީ ތަގުވާވެރިކަމުގެ ނަތީޖާ އެވެ. ރޯދައިން ތަގުވާވެރިކަން ހާސިލުކުރާ ގޮތަކީ އެންމެ ފުރަތަމަ އަމިއްލަ ނަފްސުގެ އެދުންތަކާއި ބޭނުންތަކަށް ވުރެ ﷲ ގެ ރުހިވޮޑިގަތުން އިސްކޮށްގެންނެވެ. ތިމާ ދުނިޔޭގައި ދެމިހުރުމުގެ ސަބަބު ކަމުގައިވާ ކެއުންބުއިން ވަކި ވަގުތެއްގައި ދޫކޮށްލައި ގުރުބާނެއް ވާން ޖެހެ އެވެ. އިންސާނީ ނަސްލު ދުނިޔޭގައި ދެމިއޮތުމުގެ ސަބަބު ކަމުގައިވާ ޖިންސީ އެދުންވެރިކަމުން ވެސް ވަކިވަގުތެއްގައި މަހްރޫމްވެ، ގުރުބާނެއް ވާން ޖެހެ އެވެ.
ދެ ވަނަ ކަމަކަށް ރޯދައަކީ އެހެން ފަރާތެއްގެ ރުހުމެއް ނުވަތަ އެހެން ފަރާތަކުން ފައިދާއެއް ހޯދުމަށް ކުރާ ކަމަކަށް ނުހަދައި ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރާކަމަކަށް ވާން ޖެހެ އެވެ. އޭރުން ރޯދަ އަށް ހުރުމުން މަހުރޫމުވާ ނިއުމަތްތަކުގެ ހަގީގީ އަގު ވަޒަންކޮށް ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވާން ތަމްރީނު ލިބިގަނެވެ އެވެ.
ތިންވަނަ ކަމަކަށް ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރު ކަމަށްވުމާ އެކު އެ ޤުރުއާނުގެ ހިދާޔަތާއި ނިއުމަތް ހަނދާންކޮށް އެކަމަށް ވެސް ޝުކުރުވެރިވާން އާދަކުރަން ޖެހެ އެވެ. ޤުރުއާނަށް ކިޔަމަންތެރިވެ، ބޯލަނބައިގެން މެނުވީ ޝުކުރުވެރި ނުވެވޭނެކަން ގަބޫލުކޮށް އެކަމުގެ އަޒުމް އާލާކުރަން ޖެހެ އެވެ.
ހަތަރުވަނަ ކަމަކަށް މާއްދިއްޔަތާއި ޝަހުވާނީ ބާރުތަކަށް އަޅުވެތިވެފައިވާ އަޅުވެތިކަމުން މިންޖުވެ އެދުންތައް ކޮންޓްރޯލު ކުރުމަށް އަޒުމް ކަނޑައަޅައި އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަންޖެހެ އެވެ. އިންސާނާ އަށް އެންމެ މަސްލަހަތު ހުރި ގޮތަށް ވާސިލުވުމަށްޓަކައި އިންސާނާގެ މިނިވަންކަމުގައި ހިފެހެއްޓުންތަކެއް އޮތުން ލާޒިމުވާނެކަން އެންމެ ފުރަތަމަ ގަބޫލުކުރަން ޖެހެ އެވެ. އެ އަށް ފަހު ތިމާއަށާއި މުޅި މުޖުތަމައުގެ މަސްލަހަތަށްޓަކައި ތިމާގެ މިނިވަންކަމުން ހިފެހެއްޓިފައި އެވާ ބައިން ތިމާ ގުރުބާން ވާން ދަސްކުރަން ޖެހެ އެވެ. ހަވާނަފްސުގެ އެދުންތަކަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ އެންމެހާ މައްސަލަތަކުން ތިމާ ރައްކާތެރިވެ ސަލާމަތް ކޮށްދޭނެ އައްޑަނައެއް ކަމުގައި ރޯދަ ހަދަން ޖެހެ އެވެ.
ފަސްވަނަ ކަމަކަށް ރިވެތި އަޚުލާގީ ސިފަތަކުން ސިފަލިބިގަންނަން ޖެހެ އެވެ. ހިތްތިރިކަމާއި ކިޔަމަންތެރިކަން ދަސްކޮށް، ނަފްސުގެ ފެންވަރު ވަޒަން ކުރަން އާދަކުރަން ޖެހެ އެވެ. ކަރު ހިއްކައިގަތުމާއި ބަނޑުހައިވުމުގެ ހޫނުކަމާއި ހިތިކަން އިހުސާސް ކުރާ ވަގުތު ހެޔޮކަންތަކާއި އިހުސާންތެރިކަމުން ތިމާގެ އަތް އެހެންމީހުންނަށް ފޯރުކޮށްދޭން އާދަކުރަން ޖެހެ އެވެ. ހަގީގީ ރޯދައަކީ ހަމައެކަނި ކެއުންބުއިމާއި އެދުންވެރިކަން ދޫކޮށްލުން ނޫން ކަމަށް ވާއިރު ނުރަނގަޅު ހުރިހާ ސިފަތަކުން ވެސް “ރޯދަހިފަން” އާދަކުރަން ޖެހެ އެވެ. ދޮގުހެދުމާއި ދޮގުހެކިދިނުމާއި ފާހިޝް ޢަމަލުތައް ކުރުމާއި މަކަރު ހެދުމާއި ހަޑިހުތުރު ބަސްތައް ބުނުމާއި މި ނޫނަސް މިފަދަ ހުރިހާ ނުބައިކަންތައްތަކުން ދުރުހެލިވާން ޖެހެ އެވެ.
ނަފްސު ތަޒުކިޔާ ކުރެވެނީ ކެތްތެރިކަމާއި ނަފްސާއި ޖިސްމުން ޖިހާދު ކޮށްގެންނެވެ. ކެތްތެރިކަމުގެ މާތްކަން ކީރިތިރަސޫލާ ﷺ އިބްނު މަސްޢޫދަށް ސިފަކޮށްދެއްވަނީ މިފަދައިންނެވެ. "އެއީ މާތް ﷲ ގެ އަމުރުތަކަށް ކިޔަމަން ވުމުގަ އާއި އެކަލާނގެ ނަހީތަކުން ދުރުހެލިވުމުގައި ކެތްތެރިވާ މީހުންނެވެ. އެ މީހުންނަށް ހެޔޮ ރިޒުގެއް ލިބިއްޖެ ނަމަ އެއިން އިގުތިސާދު ކުރާނެ އެވެ. އަދި ހެޔޮ ފޯރުވާނެ އެވެ. އެހެންކަމުން އެ މީހުން ކާމިޔާބު ވާނެ އެވެ. އިބްނު މަސްޢޫދު އެވެ! އެ މީހުންނަކީ ޚުޝޫޢަތްތެރި ބައެކެވެ. މަޑުމައިތިރި ބައެކެވެ. އެއީ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް ކަންކަމުން އިބުރަތް ލިބިގަންނަ މީހުންނެވެ. އެއީ އަދުލުވެރި މީހުންނެވެ. އެއީ ތަގުވާވެރި އިހުސާންތެރިންނެވެ. ﷲ އަށްޓަކައި ކަންކަމަށް ލޯބިކުރާ އަދި ﷲ އަށްޓަކައި ކަންކަމަށް ނަފްރަތު ކުރާ މީހުންނެވެ. އެއީ އަމާނާތްތެރިންނެވެ. ހައްގު ގޮތުގައި މީހުންނަށް އެހީ ފޯރުވާ މީހުންނެވެ. އަފޫ ކުރަން ދަންނަ މީހުންނެވެ. އޭ އިބްނު މަސްޢޫދު އެވެ! އެ މީހުންނަށް އިމްތިހާނު ކުރުމުގެ ގޮތުން މުސީބާތެއް ކުރިމަތިވާ ހިނދު ކެތް ކުރާނެ އެވެ. ނިއުމަތެއް ލިބޭ ހިނދު ޝުކުރު ކުރާނެ އެވެ.
އެ މީހުން ހުކުމެއް ކޮށްފިނަމަ އަދުލުވެރި ވާނެ އެވެ. ބަހެއް ބުނެފި ނަމަ ތެދުވެރި ވާނެ އެވެ. ވައުދެއް ވެއްޖެ ނަމަ އެ އަށް ވަފާތެރި ވާނެ އެވެ. ކުށެއް ކުރެވިއްޖެ ނަމަ އިސްތިޣުފާރު ކުރާނެ އެވެ. ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އުފާކޮށް ﷲ ގެ ހެޔޮ ދަރުމައަށް އިންތިޒާރު ކުރާނެ އެވެ. އެ މީހުން ޖާހިލުންނާ ބައްދަލު ވެއްޖެ ނަމަ ސަލާމް އޭ ބުނާނެ އެވެ. ބޭކާރު ވާހަކަތަކުން ރިވެތި ގޮތުގައި ސަލާމަތް ވާނެ އެވެ. އެ މީހުން އަބަދުވެސް ހެޔޮ ބަހުން މެނުވީ ވާހަކަ ނުދައްކާނެ އެވެ. އިބްނު މަސްޢޫދުއެވެ! މާތް ﷲ ގަންދީ ވިދާޅުވަމެވެ. ކާމިޔާބު މީހުންނަކީ އެއީ އެވެ." އާދެ، އެހެންކަމުން މިފަދަ ސިފަތައް އިންސާނާގެ ކިބައިގައި ހަރުލެވިއްޖެ މީހަކީ އެ މީހެއްގެ ނަފްސުން ޖިހާދު ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. ނަފްސު ތަޒުކިޔާ ކުރެވެނީ މިފަދައިންނެވެ.
ވީމާ މި މަންފާތައް ލިބިގަތުމަށްޓަކައި ނަފްސު ތަޒުކިޔާ ކުރަން ލިބޭ މި ރަނުގެ ފުރުސަތު ހެޔޮގޮތުގައި ހިފުމުގެ އަޒުމް ކަނޑައަޅަން ވެއްޖެ އެވެ. ޖިސްމާނީ އަދި ނަފްސާނީ އެދުންތައް ކޮންޓްރޯލު ކުރަން ސާބިތުކަމާ އެކު ރޯދަ ހިފަން ނިޔަތްގަންނަން ވެއްޖެ އެވެ. ރޯދައިގެ އިތުރުން ނަމާދާއި އެހެން އަޅުކަންތަކުގައި މަޝްޣޫލުވުން ވެސް ގިނަ ކުރާ މައްސަރަކަށް މި މަސް ހަދަން އެބަޖެހެ އެވެ. އުނގެނުމާއި ދަސްކުރުމަކީ ވެސް އަޅުކަމަކަށް ވާއިރު މިހާރުއްސުރެ ފެށިގެން ރޯދައިގެ ހުކުމްތަކާ ބެހޭ ވީހާ ވެސް ގިނަ މަޢުލޫމާތު ހޯދަން ފަށަން ވެއްޖެ އެވެ. ނަފްސުގެ ޖިހާދަށް ފަރިތަކުރާ މައްސަރަށް ތައްޔާރުވުމުގެ ގޮތުން މި ކަންކަމަށް ސަމާލުކަން ދޭން ޖެހެ އެވެ.