07 މާޗް 2024 - 22:19

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމުން ބާއްވާ ބަހުސަށް ވަޑައިގަންނަވަނިކޮށް، އެމްޑީޕީގެ ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް އަހުމަދު ޒައީމްގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޕީއެސްއެމް މަޖިލިސް ބަހުސްއަށް ޒައީމު ވަޑައިގަންނަވަނިކޮށް އަމީނީމަގު އެމްއެންޔޫ ކައިރީ ޕާކިން ޒޯންއާ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހުން ޒައީމު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ މިއަދު 4:11 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަވެސް، މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަމީނީ މަގުގައި ހުންނަ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އިމާރާތުގެ ކައިރީގައި ޒައީމް ހުއްޓިވަޑައިގެން ހުންނަވާ ތަނެވެ. ހުދު ގަމީހެއްގައި އޭނާ ހުންނެވިއިރު، އެ ގަމީހަށް ގިނަ އަދަދަކަށް ކަޅުތެޔޮ ޖަހާފައި ހުއްޓާ ފެނެ އެވެ.
ކެންޑިޑޭޓުންގެ ބަހުސް ބާއްވަނީ އެމްއެންޔޫގަ އެވެ.
އެ އަމަލު ކުށްވެރިކޮށް، އިިދިކޮޅު އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޒައީމް ބަހުސް އަށް ވަޑައިގެންނެވި މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.